ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުން ހޮސްޕިޓަލަށް ބަދަލުކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގާރަ ދުވަހު އަންގައިފިއެވެ.
އިމްރާން ޚާންގެ ތަރުޖަމާނު ނައީމް ހައިދަރު ޕަންޖުތާ އެކްސްގައި ބުނި ގޮތުގައި، ކޯޓުން އަންގާފައިވަނީ 48 ގަޑިއިރުގެ ތެރޭގައި ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް އޭނާ ބަދަލުކުރުމަށެވެ. އަދި އަންނަ ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް އޭނާ އެ ހޮސްޕިޓަލުގައި ބެހެއްޓުމަށް ކޯޓުގެ އަމުރުގައިވެއެވެ.
އިމްރާން ޚާން ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ބުނީ މިއީ އޭނާގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އާއިލާއާއި ޕާޓީން ކުރަމުންދިޔަ ޑިމާންޑަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
އޭނާގެ ވަކީލުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަލުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި އިމްރާން ޚާންގެ ކަނާތު ލޮލުގެ ފެނުމަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އަދި ފާއިތުވި އަހަރު އޭނާގެ ދަރިން ވެސް ވަނީ ބައްޕަގެ ސިއްހީ ހާލަތު ދަށްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޕީޓީއައިގެ ތަރުޖަމާނު ޒުލްފިކާރު ބުޚާރީ ވިދާޅުވި ގޮތުގައި މިއީ ވަރަށް އުފާކުރާ ނިންމުމެކެވެ. އަދި ލޮލުގެ ފެނުމާއި އާންމު ސިއްހަތު މިހާ ބޮޑަށް ގޯސްވުމުގެ ކުރިން މިކަން ހިނގި ނަމަ ރަނގަޅުވީސް ކަމަށާއި، ޑޮކްޓަރުން ހިތްހަމަޖެހެންދެން އޭނާ ހޮސްޕިޓަލުގައި ބަހައްޓަން ޖެހޭނެ ކަމަށް ވެސް ބުޚާރީ ވިދާޅުވިއެވެ.
އުމުރުފުޅުން 73 އަހަރުގެ އިމްރާން ޚާން ޖަލުގައި ހުންނަވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. ދެހާސް ބާވީސް ވަނަ އަހަރު އޭނާގެ ވެރިކަން ވެއްޓުމަށްފަހު، ދައުލަތުގެ ހަދިޔާތަކާ ގުޅޭ މައްސަލައަކާއި ގާނޫނާ ހިލާފަށް ކައިވެނިކުރެއްވި ކަމަށް ބުނާ މައްސަލައެއް ހިމެނޭހެން ގިނަ ދައުވާތަކެއް ސާބިތުވެ، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އޭނާ ހުންނެވީ ޖަލުގައެވެ. ނަމަވެސް އިމްރާން ޚާން ވިދާޅުވާ ގޮތުގައި މިއީ ސިޔާސީ މަގުސަދެއްގައި އުފުލާފައިވާ ދައުވާތަކެކެވެ. އޭނާގެ މައްޗަށް ސާބިތުވި ބައެއް ހުކުމްތައް މިހާރު ބާތިލުކޮށް ނުވަތަ ފަސްކޮށްފައިވާއިރު، އިސްތިއުނާފުގެ މައްސަލަތައް އަދިވެސް ކޯޓުގައި އެބައޮތެވެ.
ކުރިން ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި އިމްރާން ޚާންއާ މެދު ޖަލުގައި އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އިންޑިއާ ހިމެނޭހެން ދުނިޔޭގެ އެކި ގައުމުތަކުގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ވަނީ މިދިޔަ ފެބްރުއަރީ މަހު އޭނާއަށް ރަނގަޅު ފަރުވާ ދިނުމަށް ގޮވާލާފައެވެ. ދެހާސް އަށާރަ ވަނަ އަހަރު ޕާކިސްތާނުގެ ވެރިކަމަށް އައި ޕީޓީއައިއަށް އަދިވެސް އެ ގައުމުގެ މުހިންމު ޕްރޮވިންސްތަކުގައި ބޮޑު ތާއީދެއް އޮވެއެވެ. އެހެންނަމަވެސް 2024 ވަނަ އަހަރުގެ އިންތިހާބުގެ ކުރިން އެ ޕާޓީގެ އިންތިހާބީ ނިޝާން އަތުލުމާ ގުޅިގެން، ޕާޓީގެ ކެންޑިޑޭޓުންނަށް ޖެހުނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާށެވެ.