ދިވެހިރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ތައާރަފުކޮށް، 2 ޖޫން 2005ގައި ސިޔާސީ ޕާޓީތައް ހިންގުން ގާނޫނީ ގޮތުން ހުއްދަކުރީ ދިވެހި ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކަކާއެކުގައެވެ. ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ޖަވާބުދާރީކުރުވަނިވި، ހާމަކަން ބޮޑު ވެރިކަމެއް ގާއިމުކުރުމުގެ ހެޔޮ ނިޔަތުގައެވެ. ފޮނި އުއްމީދުގައެވެ. އާ ގާނޫނުއަސާސީއެއް އެކުލަވާލުމަށް ފަހު، އެއް ވެރިއަކަށް ވޯޓުލައި، އެ ވެރިޔާ ވެރިކަމުގައި ބެހެއްޓުމަށް ފެންނަ ނުފެންނަ ފާހަގަ ޖަހާ ނިޒާމު ނިމުމަކަށް ގެނެސް، ގިނަ ޕާޓީތައް ވާދަކުރާ ފުރަތަމަ ރިޔާސީ އިންތިހާބު ބޭއްވީ، 2008ވަނަ އަހަރުގައެވެ. ނުހަނު މަތިވެރި ނިޔަތެއްގައެވެ. ދިވެހިން އުއްމީދުކުރީ އެކަމުގެ ސަބަބުން ކޮރަޕްޝަނުން ސަލާމަތްވެފައިވާ އިންސާފުވެރި މުޖުތަމައެއް ބިނާކުރެވޭނެ ކަމަށެވެ. ނަމަވެސް، އޭގެ އެއް ޖީލު ފަހުން މިއަދު ފެންނަނީ ކޮން މަންޒަރެއްތޯއެވެ؟
ޕާޓީތަކުގެ ވާދަވެރިކަމުގެ ތެރެއިން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ މަންޒަރެވެ. ވަޒީފާގެ ބިރުދެއްކުމެވެ. މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލިފައިވާ މަންޒަރެވެ. ސިޔާސީ ޕާޓީ ނިޒާމުން ގައުމަށް ލިބުނީ ކޮން ފައިދާއެއްތޯ އާންމު ރައްޔިތުން މިއަދު ސުވާލު އުފައްދަނީ މި ސަބަބަށް ޓަކައެވެ. މި ނިޒާމުގެ ތެރެއިން އުފެދިފައިވާ މައިގަނޑު މައްސަލަތަކާއި، އެކަންކަމުގެ ސަބަބުން ދައުލަތުގެ ހިންގުމަށް ކުރާ ނޭދެވޭ އަސަރުތައް މިއަދު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހެއެވެ. އެނގޭން ޖެހެއެވެ. އެއީ، ރާއްޖޭގައި ޕާޓީތައް ހަދައިގެން ވެރިކަމަށް އައުމަށް ފަހު، އަމިއްލަ ޕާޓީ ހިންގުމަށާއި ޕާޓީ ޕްރޮމޯޓުކުރުމަށް ސަރުކާރުގެ ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން އާންމު ކަމަކަށް ވެފައި ވާތީއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ދިވެހި ދައުލަތާއި ވެރިކަންކުރާ ޕާޓީ އޮންނަނީ ވަރަށް ރީތިކޮށް ވަކިކޮށްފައެވެ. އެހެންނަމަވެސް، އަމަލީ ގޮތުން ފެންނަނީ، ޕާޓީގެ ގޮފިތަކެއްގެ ގޮތުގައި ދައުލަތުގެ ކުންފުނިތައް ހިންގަމުންދާ ތަނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 46ވަނަ މާއްދާއާއި 47ވަނަ މާއްދާގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ވަކި ޕާޓީއެއްގެ މަންފާއަށް ބޭނުންކުރުން އޮންނަނީ ހަރުކަށި އިބާރާތުން މަނާކޮށްފައެވެ. އެހެންނަމަވެސް، ރާއްޖޭގައި މި ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރެވޭތޯއެވެ؟ ހިތާމައާއެކު ދަންނަވަން ޖެހެނީ ނުކުރެވޭކަމަށެވެ.
އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ ކުންފުނިތަކުގެ ވަސީލަތްތައް ވެރިކަންކުރާ ޕާޓީގެ ކެމްޕޭންތަކަށް ބޭނުންކުރުމަކީ ނިމި ދިޔަ ކޮންމެ ސަރުކާރެއްގައި ވެސް ތަކުރާރުވަމުން އަންނަ މައްސަލައެކެވެ. އެކަން ވަނީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުން ފާހަގަކޮށް ސަރުކާރުގެ ސަމާލުކަމަށް ގެނެސްދީފައެވެ. މީގެ އިތުރުން، ޕާޓީގެ ހަރަކާތްތަކަށާއި ޖަލްސާތަކަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރުން ނެރޭ ވާހަކަ ދޭތެރެދޭތެރެއިން ފެންމަތިވެއެވެ. އަދި އެ ފަދަ ޖަލްސާއަކަށް ކުންފުނީގެ މުއައްޒަފަކު ނުގޮސްފިނަމަ ވަޒީފާގެ ބިރުދެއްކުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ މަދެއްކޮށެއް ނޫނެވެ. މުވައްޒަފުންނަށް މަޖުބޫރުކުރަނީ ޕާޓީގެ ކުލަ ހިމެނޭ ހެދުން ލައިގެން ޖަލްސާތަކަށް ދިއުމަށެވެ. އަދި ސޯޝަލް މީޑިއާގައި ޕާޓީގެ ޕޯސްޓުތައް ހިއްސާކުރުމަށް މަޖުބޫރު ވެސް ކޮށްފައި އެބަހުއްޓެވެ.
އެކިއެކި ކުންފުނިތަކާ ގުޅިގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ގިނަ މައްސަލަތަކެއް ކޮންމެ އަހަރަކު ވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިސާލަކަށް، ދައުލަތަށް ގެއްލިފައިވާ 50.03 ބިލިއަން ރުފިޔާ ހޯދުމަށް އޭސީސީން އެކިއެކި މުއައްސަސާތަކަށް އަންގައިފައި ވެއެވެ. އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ އެންމެ .234,532ރުފިޔާ ކަމަށް 2024ވަނަ އަހަރުގެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއީ ޕާޓީ ނިޒާމުގެ ތެރެއިން ދައުލަތުގެ މުދަލަށް ވެފައިވާ ޚިޔާނާތުގެ ކުޑަ މިންވަރެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަކީ ވެސް ސިޔާސީ ޕާޓީއެއްގެ ނުފޫޒު ގަދަކުރުމަށާއި، އިންތިޚާބުތަކަށް ފައިސާ ހޯދުމަށް ދައުލަތުގެ ކުންފުންޏެއް މެދުވެރިކޮށް ހިންގި ޖަރީމާއެއްކަން ތަހުގީގުތަކުން ވަނީ ހާމަވެފައެވެ. މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ޓެކްސް ފައިސާ ޕާޓީތަކުގެ އިސްވެރިންގެ ޖީބުތަކަށް ވަދެ، ގައުމުގެ އިގުތިސާދު އިނދަޖެހުމަށް މެދުވެރިވާ ސަބަބަކަށް ވެއެވެ.

މަޖިލީސް އިންތިޚާބުގެ ވޯޓުގުނުން: -- ސަން ފޮޓޯ/ މޫސާ ނަދީމް
ސިޔާސީ ޕާޓީ ނިޒާމުގެ ސަބަބުން އުފެދިފައިވާ ބޮޑު އަނެއް މައްސަލައަކީ، ޕާޓީއަށް ތާއީދުކުރާ މީހުންނަށް ސަރުކާރުގެ ބޮޑެތި ވަޒީފާތަކާއި ކުދި ވަޒީފާތައް ބެހުމުގެ ސަގާފަތާއި އާދައެވެ. ކޮންމެ ސަރުކާރެއް ބަދަލުވުމާއެކު، ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް އިތުރުވެއެވެ. މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމަށް ކެމްޕޭނުކުރި އިރު، ސިޔާސީ މަގާމުތައް 700ގައި ހިފެހެއްޓުމަށާއި އެއަށް ވުރެ އިތުރުނުކުރާނެކަމަށް ވައުދުވިއެވެ. އެހެނަސް ކަންތައް ވެފައި ވަނީ އެ ގޮތަށް ތޯއެވެ؟ ކަދުރުރުކަށް އެރި މީހާގެ ނަދުރަށް ވެ އެކަން ނިމިއްޖެއެވެ.
2025ވަނަ އަހަރު ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބީ 922 މުއައްޒަފުންނެވެ. މިއީ އެ އޮފީހުން ހާމަކުރިވަރެވެ. ހަގީގަތަކީ ކޮބައިކަމެއް ސާފުކޮށް އެނގޭކަށް ނެތެވެ. އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދަނީ އެ އަދަދު 2000 އަށް ވުރެ ގިނަވާނެކަމަށެވެ. އެއީ ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ އެމްބަސީތަކަށް ބަލާއިރު ވެސް ފެންނަނީ ހަމަ މި މަންޒަރުކަމަށް ވާތީއެވެ.
ޚާރިޖީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެމްބަސީތަކަށް މަހެއްގެ މައްޗަށް 32 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. މެލޭޝިއާގައި ހުންނަ އެމްބަސީގައި އެކަނި ވެސް ސިޔާސީ 19 މުވައްޒަފުން ތިބެއެވެ. ފޮރިން ސަރވިސްގެ ތިބީ އެންމެ 2 މުވައްޒަފުންނެވެ. މިއީ ކުޑަކުޑަ ދިވެހިރާއްޖެ ފަދަ ގައުމަކަށް ބޮޑު އަދަދެކެވެ. ޚާރިޖީ ގޮތުން މާ ބޮޑު ބޭނުމެއް ނުހިފޭ ޔޫރަޕުގެ ގައުމުތަކާއި ޢަރަބިގައުމުތަކާއި އޭޝިޔާގެ ބައެއް ގައުމުތަކުގައި ވެސް ހައިކޮމިޝަންތައް ހަދައިގެން ޕާޓީގެ އިސްމަގާމުތަކުގައި ތިބި ވެރީންގެ ޢާއިލާ މީހުންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހީންނާއި ސަރުކާރު ޕާޓީއަށް ސޮއިކުރާ އިދިކޮޅު ޕާޓީގެ މީހުންނަށް ވަޒީފާ ދީފައިވާ ކަމީ ފެންނާން އޮތް ހަގީގަތެކެވެ.
އިދިކޮޅު ބައެއް ފަރާތްތަކުގެ ފާޑުކިޔުމުގެ ސަބަބުން، ޚަރަދު ކުޑަކުރުމުގެ ނަމުގައި 248 ސިޔާސީ މުވައްޒަފުން ވަކިކުރާ ވާހަކަ އިއުލާނު ކުރެއްވިއެވެ. އެކަމަކު ފެނުނީ ކުރެއްވި އިއުލާނާ އެއް ގޮތަށް އަމަލުކުރެއްވުމުގެ ބަދަލުގައި ވަކިކުރާ ކޮންމެ މީހެއްގެ ބަދަލުގައި އިތުރު ދެމީހުންނަށް ވަޒީފާ ދޭ މަންޒަރެވެ. ސަރުކާރުން ބުނެފައި ވަނީ، 248 ސިޔާސީ މަގާމުގައި ތިބި މީހުން ވަކިކުރުމުން، މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. ސަރުކާރުން ހާމަކުރި މި ފައިސާގެ އަދަދަށް ބަލައިލިއަސް ފެނި ހާމަވީ، މި ސަރުކާރުގައި ތިބި މީހުންގެ ސިޔާސީ ވަޒީފާތަކަށް ދައުލަތުގެ ބަޖެޓުން ހޭދަވާ މިންވަރުގެ ބޮޑުކަމެވެ. އެއީ އަހަރަކަށް ބަލައިފި ނަމަ، 68.4 މިލިއަން ރުފިޔާގެ އަދަދެކެވެ. ދަރަނި ބަޖެޓެއް ހަދައިގެން ގައުމުގެ އަސާސީ ކަންކަން ފުރިހަމަނުކުރެވިގެން އުޅޭ މި ގައުމަށް މިއީ ކުޑަ އަދަދެއް ތޯއެވެ؟ ކަށަވަރުން ވެސް ބޮޑު އަދަދެކެވެ.

މި ފަހުން ރާއްޖޭގައި ރައީސްކަން ކުރެއްވި ހަތަރު ބޭފުޅުން: ޑޮލަރު މައްސަލައާ ގުޅިފައިވަނީ ސަރުކާރުތަކުން އަޅާފައިވާ ނުރަނގަޅު ފިޔަވަޅުތަކާ-- ސަން ގްރެފިކްސް: ސާލިމް
ސަރުކާރުގެ ކުންފުނިތަކަށާއި ބައެއް މުއައްސަސާތަކުގެ ވަޒީފާތަކަށް މީހުން ނެގުމުގައި ތައުލީމާއި ތަޖުރިބާއަކަށް ނުބަލައެވެ. ޕާޓީގެ އެކްޓިވިސްޓުންނަށާއި ކެމްޕޭނުގައި އުޅުނު މީހުންނަށް އިސްކަންދިނުން ވަނީ އާންމުވެފައެވެ. މީގެ ހެކިތައް ދިވެހި ކުންފުނިތަކުގެ އެމްޑީންނަށް ތިބި މީހުންގެ ވަނަވަރަށް ބަލައިލުމުން ހާމަވާނެއެވެ. ވައްކަމުގެ މައްސަލަތަކުގެ ތުހުމަތު ކުރެވިފައިވާ ބައެއް ވެރީން ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައި އެބަ ތިއްބެވެ. ކުންފުނީގެ މަސައްކަތުގެ ދާއިރާއާ އެއްވެސް މިންވަރަކަށް ގުޅުމެއް ނެތް، އެ ދާއިރާއިން އެއްވެސް ތައުލީމެއް ތަޖުރިބާއެއް ލިބިފައި ނެތް، ސިޔާސީ "އެކްޓިވިސްޓުން" ކުންފުނިތަކުގެ އެމްޑީންނަށް ލައިފައި އެބަތިއްބެވެ. ނިމިދިޔަ ސަރުކާރުތަކާއި މި ސަރުކާރުގައި ވެސް ކަން އޮތީ މިހެންނެވެ. މިކަމުގެ ސަބަބުން، ތައުލީމީ ގާބިލު މީހުންނަށް ވަޒީފާގެ ފުރުސަތު ގެއްލެއެވެ. ތަފާތު އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކޮށްގެން ކިޔަވައިގެން މި ގައުމަށް ޚިދުމަތްކުރުމުގެ ހެޔޮ ނިޔަތުގައި ދިވެހި ގައުމުގައި ދިރިއުޅޭ މީހުންނަށް އެ ފަދަ ފުރުސަތެއް ނުލިބެއެވެ. ތައުލީމެއް ތަޖުރިބާއެއް ނެތް މީހުން ވަޒީފާތަކަށް ލުމުގެ ސަބަބުން ދައުލަތުގެ ހިންގުން ނިކަމެތިވެ، ނަހަމަ ގޮތުގައި ދައުލަތުގެ ފައިސާތައް ބޭކާރުވެއެވެ.
ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓުތައް ހަވާލުކުރުމުގައި ވެސް ޕާޓީ ނިޒާމުގެ ނޭދެވޭ އަސަރު ފެންނާން އެބައޮތެވެ. ގިނަ ފަހަރަށް މިފަދަ މަޝްރޫއުތައް ދީފައި ހުންނަނީ ޕާޓީ ވެރިކަމަށް ގެނެސްދިނުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވި ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށެވެ. ބީލަމުގެ އުސޫލުން ބޭރުން، ނުވަތަ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ޝަރުތުތައް ފަރުމާކޮށްގެން ޕްރޮޖެކްޓުތައް ހަވާލުކުރުމުގެ މައްސަލަތައް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ. ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ބަހުސެއްގައި މެންބަރަކު ފާހަގަކުރެއްވި ގޮތުގައި، ބީލަމުގެ އުސޫލުން ބޭރުން 2.7 ބިލިއަން ރުފިޔާގެ 206 ޕްރޮޖެކްޓެއް ސަރުކާރުން ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފައެވެ. ރޯމާ ދުވާލު އެންމެންގެ ކުރިމަތީ މި އެ ޕްރޮޖެކުޓުތައް ބަހާލި އިރު ރައްޔިތުން އެއްޗެކޭ ނުބުނެ ތިބީ، އެކަމަށް ރުހޭތީއެއް ނޫނެވެ. އެއްޗެކޭ ބުނެވެން ނެތީއެވެ. އެއްޗެކޭ ބުނުމަށް ރައްޔިތުން ހޮވައިފައި ތިބި މީހުން ތިބީ ބަހާލި ޕްރޮޖެކުޓުތަކުން ބައި އެޅިގެންނެވެ. މިއީ ދައުލަތުގެ މާލިއްޔަތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، މިއީ ހާމައަށް ފެންނާން އޮތް ބޮޑު ކޮރަޕްޝަންގެ އަމަލެއް ކަމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ހަރު އަޑުން ގޮވަމުން ދިޔައެވެ.
ޕަބްލިކް ޕްރޮކިއުމަންޓަކީ ދައުލަތުގެ ޚަރަދުގެ ގާތްގަނޑަކަށް 42 އިންސައްތަ ކަމަށްވާއިރު، މި ދާއިރާގައި ހާމަކަން ބޮޑު އުސޫލުތަކެއް ނެތުމަކީ ޕާޓީއަށް ފަންޑުކުރާ ފަރާތްތަކަށް މަންފާ ހޯދައިދިނުމަށް ހުޅުވިފައިވާ ހާމަކަން ބޮޑު ދޮރެކެވެ. ނުވަތ ދޮރާށްޓެކެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާހަގަކޮށްފައިވާ ގޮތުގައި، ޕަބްލިކް ޕްރޮކިއުމަންޓާ ގުޅޭ ޚާއްސަ ގާނޫނެއް ނެތުމާއި، މާލިއްޔަތު ގަވާއިދަށް އަވަސްއަވަހަށް ހިތިހުރި ބަދަލެއް ގެނައުމުގެ ސަބަބުން، 2018އިން 2019އަށް އެކަނި ވެސް ކޮންޓްރެކްޓުތަކުގެ ބަދަލުގެ ގޮތުގައި ދައުލަތުން 1 ބިލިއަން ރުފިޔާ ދައްކަން ޖެހުނެވެ.

ސަރުކާރުން ދޭ އާންމު ޚިދުމަތްތައް ހޯދުމުގައި ވެސް ޕާޓީގެ ނުފޫޒު ހިނގާ ކަމީ ފެންނާން އޮތް ހަގީގަތެކެވެ. ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައިގެ ޚަރަދުތައް އަހަރުން އަހަރަށް އިތުރުވަމުން ގޮސް، 2024ވަނަ އަހަރު އެކަނި ވެސް 3.38 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި ޚިދުމަތް ހޯދުމުގައި ވެސް ޕާޓީގެ އިސް މީހަކަށް ގުޅައިގެން ކަންކަން ފަސޭހަކުރުމުގެ ސަގާފަތެއް ވަނީ އުފައްދާފައެވެ. ދާއިރާގެ ސަރުކާރުގެ ޕާޓީ މެންބަރަށް ގުޅައިގެން ނޫން ގޮތަކަށް އާސަންދަ ހަމަނުޖެހޭ ވާހަކައަކީ އެންމެން ދަންނަ ހަގީގަތެކެވެ. ޚާއްސަކޮށް ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރެއްގެ އެހީތެރިކަމެއް ނެތި، ނިކަމެތި މީހާއަށް ބޭސް ފަރުވާ ވެސް ހަމަނުޖެހޭ ވާހަކައަކީ ގަބޫލުކުރަން ބޭނުން ނުވިޔަސް މި ގައުމުގައި ހިނގާކަމެކެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ޕާފޯމަންސް އޮޑިޓުން ދައްކާ ގޮތުގައި، 2019އިން 2023އަށް އާސަންދައިގެ ޚަރަދު ވަނީ 32 އިންސައްތަ އިތުރުވެފައެވެ. ހަމައެއާއެކު، އާސަންދަ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވެސް 2020ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއިން ދައްކައިދެނީ ޚިދުމަތް ދޭ މުއައްސަސާތައް ވެސް ސިޔާސީ ވަޒީފާ އުފައްދާ ތަންތަނަށް ބަދަލުވެފައިވާ ކަމެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުގައި ވެސް ލިޔެވިފައިނުހުންނަނީ، ސަރުކާރު ހިންގާ ސިޔާސީ ޕާޓީގެ ވެރީންނާ ގުޅައިގެން އާސަންދައާއި އެންސްޕާއިން ފައިސާ ނަގައިގެން އާއިލާގެ އެންމެން ބޭސް ފަރުވާގެ ނަމުގައި ކުރާ ޗުއްޓީދަތުރުގެ ވާހަކައެވެ. ހަގީގީ ބަލިމީހާގެ އާސަންދަ ހަމަނުޖެހުމާއި މަހުން މަހަށް ޖަހަން ޖެހޭ އިންޖެކްސަން ނުލިބި ތިބި މީހުން ވެސް މި ގައުމުގައި ތިބިކަމީ ހަގީގަތެކެވެ. ކޮންމެ ސަރުކާރެއް އޮތަސް، އެ ސަރުކާރު ހިންގާ ސިޔާސީ ޕާޓީގެ ވެރީންނާ ގުޅުން އޮންނަ މީހުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ސިޔާސީ ޕާޓީގެ ވެރީންނާއި މަޖިލީހުގެ މެންބަރުން ދަނީ ބޭސް ފަރުވާއަށް "ސަލާން ޖަހަން ނުޖެހޭ" ގޮތަށް ފަރުމާ ކޮށްފައިވާ ސިޔާސަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންނެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށާއި، އެމަޖެންސީގައި ބަލިމީހުން އުފުލުމުގައި ވެސް ސިޔާސީ ނުފޫޒު ބޭނުންކުރާ ކަމުގެ ޝަކުވާތައް އާންމުން ކުރެއެވެ. ދުނިޔޭގެ ބާޒާރަށް ވުރެ 15 ގުނައާއި 75 ގުނައާ ދެމެދުގެ ބޮޑު އަގެއްގައި ރާއްޖޭގައި ބޭސް ވިއްކާ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުތަކުން ދައްކައެވެ. އެކަން ކޮންޓްރޯލް ނުކުރެވެނީ ބޭސް އެތެރެކުރާ ކުންފުނިތަކަކީ ސިޔާސީ ޕާޓީތަކަށް ފަންޑުކުރާ ފަރާތްތަކަށް ވާތީ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. ބަލިތަކުން ސަލާމަތްވުމަށް ޑަކުޓަރުން ލިޔެދެއްވާ ބޭސް ވެސް ނިކަމެތި ރައްޔިތުންނަށް ލިބެނީ ސަރުކާރު ހިންގާ ސިޔާސީ ޕާޓީއާ ގުޅުވައިގެން ކަމަށް ވާނަމަ، ރައްޔިތުންގެ ހާލަކީ ކޮބައިތޯއެވެ؟
ސިވިލް ސާވިސްގެ ވަޒީފާއަކަށް އިއުލާނުކުރާއިރު ވެސް، ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުމުގެ ކުރީން ޕާޓީގެ އިސް މީހެއްގެ ދަރިއަކަށް ނުވަތަ ތިމާގެ މީހަކަށް އެ ވަޒީފާ ހަމަޖެހިފައި އޮންނަ ކަމީ މިއަދު ރާއްޖޭގައި އާންމުކޮށް ދެކެވޭ ވާހަކައެކެވެ. އާންމުން އެ ފަދަ ވާހަކަތައް ދައްކަނީ ޔޯލަ ވާހަކައެއްގެ ގޮތުގައެއް ނޫނެވެ. އެއަށް ވުރެ ސާފު ހެއްކާއި ގަރީނާ އަތްމަތީގައި ހުރެގެންނެވެ. މި ގޮތަށް ކަންތައްތައް ހިނގުމަކީ ނިޒާމުގެ ތެރެއިން އިންސާފު ގެއްލިފައިވާ ކަމުގެ ސާފު ހެއްކެކެވެ.
ތަރައްގީގެ މަޝްރޫއުތައް ބެހުމުގައި ވެސް ސިޔާސީ ޕާޓީ ނިޒާމުގެ ތެރެއިން ތަފާތުކުރުންތައް ގެންގުޅެއެވެ. ސަރުކާރުން ހިންގާ ބޮޑެތި ޕްރޮޖެކްޓުތައް ގިނަ ފަހަރަށް އަމާޒުކުރަނީ އެ ރަށެއްގެ މެޖޯރިޓީ ވޯޓު ސަރުކާރު ހިންގާ ޕާޓީއަށް ލިބިފައިވާ ރަށްރަށަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދާއިރާގެ ގޮނޑިއާއި ރަށު ކައުންސިލުގެ މެޖޯރިޓީ ސަރުކާރު ޕާޓީއަށް ނުލިބޭނަމަ، އެ ރަށަކަށް ތަރައްގީގެ މަޝްރޫއުތައް ނުދޭ ވާހަކަ ފާޅުގައި ގޮވައެވެ. ކެންޕޭނުތެރޭގައި ވެސް އެ ވާހަކަ ގޮވައެވެ.
ސަރުކާރު ހިންގާ ޕާޓީއަށް "ގޮޑި" ނުލިބޭ ދާއިރާތަކުގެ ބަޖެޓުގައި ހިމަނާފައި ހުންނަ މަޝްރޫއުތައް ވެސް މަޑުޖައްސާލުން ފަދަ ކަންކަން ކުރެއެވެ. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ބަނދަރު ހެދުން ފަދަ އަސާސީ ހިދުމަތްތައް ވެސް ގުޅިފައި އޮންނަނީ އެ ރަށެއްގެ ރައްޔިތުން ވޯޓުލާ ގޮތަކާއެވެ. 2009 ވަނަ އަހަރު ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކާ ބެހޭ ގާނޫނުގެ ދަށުން، ކޮންމެ 5،000 މީހަކަށް މެންބަރަކު ހުންނަ ގޮތަށް ހަމަޖެހިފައިވާއިރު، މެންބަރުންގެ މައިގަނޑު މަސައްކަތަކަށް ވެފައިވަނީ ގައުމީ ސިޔާސަތުތައް އެކުލަވާލުމުގެ ބަދަލުގައި، އެ މެންބަރެއްގެ ދާއިރާއަށް ބަޖެޓުން ޕްރޮޖެކްޓުތައް ހޯދުމެވެ. މިކަމުގެ ސަބަބުން، ރައްޔިތުންނަށް މަޖުބޫރުވަނީ ތަރައްގީ ބޭނުންނަމަ ސަރުކާރު ހިންގާ ޕާޓީއަށް ވޯޓު ދިނުމަށެވެ. މިއީ ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފު، ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމެއް ކަމަށް ސިޔާސީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ދައުލަތުގެ ބަޖެޓަކީ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށްވާއިރު، ވަކި ޕާޓީއަކަށް ތާއީދު ނުކުރާ ރަށެއް ބާކީކޮށްލުމަކީ އިންސާފެއް ނޫނެވެ.
ޕާޓީ ނިޒާމު އައުމަށް ފަހު ރާއްޖޭގެ މުޖުތަމައަށް އައި އެންމެ ބޮޑު އެއް ބަދަލަކީ، ރަށްރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަން ގެއްލިގެން ދިއުމެވެ. ކުރިން އެއް އާއިލާއެއް ފަދައިން އުޅެމުން އައި ކުދި މުޖުތަމައުތައް މިއަދު ވަނީ ސިޔާސީ ކުލަތަކުން ބެހިފައެވެ. ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން އާއިލާތަކުގެ ތެރޭގައި މައްސަލަ ޖެހުމާއި، ރަށު ތެރޭގައި ދެބައިވުން ވަނީ އާންމުވެފައެވެ. އިންތިޚާބުތަކާ ދިމާކޮށް ހިނގާ ހަމަނުޖެހުންތަކުގައި މީހުންނަށް އަނިޔާވުމާއި، ޕާޓީތަކުގެ ޖަގަހަތަކަށާއި އާންމުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަން ފުލުހުންގެ ރިޕޯޓުތަކުން ފެންނަން އެބަހުއްޓެވެ. ސިޔާސީ ވާދަވެރިކަން ޒާތީ ހަސަދަވެރިކަމަށް ބަދަލުވެ، މުޅި މުޖުތަމައުގެ ސުލްހަމަސަލަސްކަން ވަނީ ގެއްލިފައެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކުރުމާއި، އަބުރު ކަތިލުން ވަނީ ސިޔާސީ ހަތިޔާރަކަށް ހަދާފައެވެ.
އެހެންކަމުން، ދިވެހިރާއްޖޭގައި މި އޮތް ޕާޓީ ނިޒާމަކީ ގައުމަށް ފައިދާ ހުރި ނިޒާމެއްތޯ އުފެދޭ ސުވާލަށް ދެވެން އޮތް ޖަވާބަކީ، ނިޒާމު އޭގެ ޒާތުގައި ގޯސް ނޫން ނަމަވެސް، އެ ނިޒާމު ހިންގަން ތިބި ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބުނު ގެއްލުން ބޮޑު ކަމެވެ. ޕާޓީ ނިޒާމުގެ ތެރެއިން ހަރުދަނާ ވެރިއަކު ނުލިބެނީ، ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ނެތުމާއި، ފައިސާއާއި ނުފޫޒުގެ ބޭނުންކޮށްގެން މަގާމުތަކަށް އައުމުގެ ސަގާފަތެއް އޮތުމުންނެވެ. ގާބިލުކަމަށް ވުރެ ބޮޑަށް ސިޔާސީ ވަފާތެރިކަމަށް އިސްކަންދޭ ނިޒާމެއްގައި، ގައުމުގެ މަސްލަހަތަށް ވުރެ ކުރިއަށް ނެރެވެނީ ޕާޓީގެ މަސްލަހަތުކަމުގައި ވުމެވެ.
ދައުލަތުގެ މުއައްސަސާތައް މިނިވަންވެ، ގާނޫނުތައް ތަންފީޒުކުރެވިގެން މެނުވީ، ސިޔާސީ ޕާޓީ ނިޒާމުގެ ހަގީގީ ފައިދާ ރައްޔިތުންނަކަށް ނުލިބޭނެއެވެ. ކުރިއަށް އޮތް ތަނުގައި މި ނިޒާމު އިސްލާހުކުރުމަށްޓަކައި، ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ސިޔާސީ ޕާޓީއެއްގެ ވެރިއަކު ވެރިކަމަށް އައިކަމުގައި ވީނަމަވެސް، ވެރިމީހާގެ ޕާޓީއަކީ "ދިވެހި ގައުމާއި ރައްޔިތުން"ގެ ޕާޓީ ކަމުގައި ހަދަންޖެހެއެވެ. އެހެންނޫން ނަމަ ފެންނާނީ، ރާއްޖޭގެ ޕާޓީ ނިޒާމުން މިހާރު ވެސް ފެންނަ ޑިމޮކްރަސީގެ ނަމުގައި ހިންގާ ޖަރީމާތަކެވެ.