ސިނެޓްކްސް ކުންފުނީގެ ދިވެހި ޖެނެރޭޓިވް ޕްރީޓްރެއިންޑް ޓްރާންސްފޯމަރު ކަމަށްވާ "ތާނަ އޭއައި"ގެ އައު ވާޝަން، 35 އިންސައްތައިގެ އަގުހެޔޮކުރުމަކާއެކު މިއަދު ލޯންޗުކޮށްފިއެވެ.
މި ވާޝަންގައި މައިގަނޑު ގޮތެއްގައި އިސްކަންދީފައިވަނީ ޕްލެޓްފޯމު އިތުރަށް ތޫނުފިލިކުރުމަށާއި، ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ އިތުރުން ޚިދުމަތުގެ އަގު ކުޑަކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިއަދުން ފެށިގެން ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް އަގުތަކަށް ގެނައި ބަދަލާއެކު، ތިން ޕްލޭނެއް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން، މަހަކު 100 ރުފިޔާއަށް ލިބޭ "ގޯ ޕްލޭން" ގެ ބޭނުންކުރެވޭ މިންވަރު ފަސް ގުނަ އިތުރުކޮށްފައިވާއިރު، މަހަކު 200 ރުފިޔާއަށް ލިބޭ "ޕްރޯ ޕްލޭން" ގެ ލިމިޓު ވަނީ 10 ގުނަ އިތުރުކޮށްފައެވެ. އަދި މަހަކު 500 ރުފިޔާ ދައްކައިގެން ބޭނުންކުރެވޭ "މެކްސް ޕްލޭން" ގައި ލިމިޓެއް ނެތި ޚިދުމަތް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައި، އޭގެ ކެޕޭސިޓީ ވަނީ 20 ގުނަ އިތުރުކޮށްފައެވެ.
ސިނެޓްކްސްއިން ބުނިގޮތުގައި މިއަދު ތަޢާރަފުކުރި މި އަޕްގްރޭޑާއެކު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ޚިދުމަތް ހޯދޭނެއެވެ.
ތާނަ އޭއައިގެ އަމާޒަކީ އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބުގައި ކޮންމެ ދިވެއްސަކަށް ވެސް ކުޑަ އަގެއްގައި އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ސިނެޓްކްސް ކުންފުނިން ބުނި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު ވިސްނުމަކީ ބޭރުގެ ޕްލެޓްފޯމުތަކަށް ބަރޯސާވުމުގެ ބަދަލުގައި، މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ސޮވަރިން އަދި އެންޓަޕްރައިޒް އޭއައި އުފެއްދުންތަކެއް ދިވެހިންނަށް ފޯރުކޮށްދިނުމެވެ.
މި މަސައްކަތުގެ ދަށުން، އިލެކްޝަންސް ކޮމިޝަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ބޭނުންވާ ބައެއް ހައްލުތައް މިހާރު ވެސް އެ ކުންފުނިން ވަނީ ފޯރުކޮށްދީފައެވެ.

ތާނަ އޭއައިގެ އިތުރުން، ސިނެޓްކްސް އިން އުފައްދާފައިވާ "ލީގަލް ނޯޓްސް" ޕްލެޓްފޯމަކީ ގާނޫނީ ދާއިރާގައި މަގުބޫލު އުފެއްދުމެކެވެ.
މި ޕްލެޓްފޯމު މެދުވެރިކޮށް ޝަރީއަތުގެ ނިންމުންތަކާއި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ފަސޭހައިން އެއްކޮށް، ބޭނުންވާ ލިޔުންތައް ތައްޔާރުކުރެވެއެވެ.
ކުންފުނީގެ ބާނީ އިސްމާއިލް ކަލީމު ވިދާޅުވިގޮތުގައި، އެ ކުންފުނިން މިހާރު މަސައްކަތްކުރަމުން ދަނީ ރާއްޖެއިން ބޭރަށް ވެސް ޚިދުމަތްތައް ފުޅާކޮށް، ސޮވަރިން އޭއައި ޑިޕްލޮއިމަންޓް ކެޕޭސިޓީ ބައިނަލްއަގުވާމީ ފެންވަރުގައި އިތުރުކުރުމަށެވެ.