ޖެންސަން ވަކިވުމާ ގުޅިގެން އެންވީޑިއާގެ ރޮބޮޓިކްސް އިންޖިނިއަރަކު އިސްތިއުފާ ދީފި

ޑެރެލް ބުނެފައިވަނީ ޖެންސަން ހުއާންގްގެ ތަސައްވުރާއި އޭނާ ބިނާކުރި އިންޖިނިއަރިންގ ސަގާފަތަށް ވަރަށް ބޮޑަށް ތައުރީފު ކުރާ ކަމަށް ---

އެންވީޑިއާގެ ރޮބޮޓިކްސް ރިސާޗް އިންޖިނިއަރު ޑެރެލް ޑައި އެ ކުންފުނިން އިސްތިއުފާ ދީ، ކުންފުނީގެ ކުރީގެ ސީއީއޯ ޖެންސަން ހުއާންގް މަގާމުން ވަކިވުމާ ގުޅިގެން އިންޖިނިއަރުންނާ އެކަން ހިއްސާ ނުކުރާތީ ބޯޑަށް ޝަކުވާ ހުށަހަޅައިފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ޑެރެލް ބުނެފައި ވަނީ ޖެންސަން ހުއާންގްގެ ތަސައްވުރާއި އޭނާ ބިނާކުރި އިންޖިނިއަރިން ސަގާފަތަށް ވަރަށް ބޮޑަށް ތައުރީފު ކުރާ ކަމަށާއި، ނަމަވެސް ކުންފުނީގެ ކުރިމަގާ ގުޅޭ މިފަދަ ބޮޑު ނިންމުމެއްގައި މުވައްޒަފުންގެ ޚިޔާލާއި ޝުއޫރުތަކަށް ބަލާފައި ނުވާ ކަމަށެވެ.

ޖެންސަންއާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތަކާއި ހިނގަމުންދާ ތަހުގީގުގެ ހުރިހާ މައުލޫމާތެއް ނޭނގޭތީ އެކަމާ މެދު ގޮތެއް ނިންމަން ނޭނގޭ ކަމަށާއި، ޖެންސަންއަށް ކުރާ އިހުތިރާމަކީ އޭނާ ޖަވާބުދާރީވުމުން އިސްތިސްނާވާނެ ކަމެއް ނޫން ކަމަށް ޑެރެލް ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، އޭނާ މަގާމުން ވަކިވި ސަބަބު އޮޅުންފިލުވައިދޭ ފަދަ ތަފްސީލެއް ނުލިބި އެކަން ގަބޫލުކުރަން ޖެހުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޑެރެލް އިތުރަށް ބުނީ ޑީޕް ލާނިން ކުރިއަރައިގެން ދިއުމުގެ މާ ކުރިން ކޫޑާ އަށް އިންވެސްޓްކޮށް، އޭއައިގެ ދާއިރާއަށް އެންވީޑިއާ ތައްޔާރުކުރުމުގައި ޖެންސަން ދެއްކި ދުރުވިސްނުމަކީ މިއަދުގެ އޭއައި އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ ބިންގާ ކަމަށެވެ.

އަދި ރޮބޮޓިކްސްއަށް އިންވެސްޓް ކުރުމާއި އޯޕަން-ސޯސް ޓޫލްތައް ހިއްސާކުރުން ފަދަ ފިޒިކަލް އޭއައިގެ ދާއިރާއިން ވެސް އެ ތަސައްވުރު ފެނިގެންދިޔަ ކަމަށާއި، އިންޖިނިއަރުންނަށް އާ ކަންކަން ތަޖުރިބާކޮށް ގޯސްތަކުން ދަސްކުރުމުގެ ފުރުސަތު ޖެންސަން ހޯދައިދިން ކަމަށް އޭނާ ލިޔެފައިވެއެވެ.

ކުންފުނި ކިތަންމެ ބޮޑު ނަމަވެސް، ޖެންސަން މުވައްޒަފުންގެ އީމެއިލްތައް ކިޔައި ސީދާ މުއާމަލާތް ކުރާތީ ކޮންމެ އިންޖިނިއަރެއްގެ އަޑު ވެސް އިވޭނެ ކަމުގެ އިހުސާސް ކުރެވުނު ނަމަވެސް، މި ނިންމުމުގައި އިންޖިނިއަރުން ބާކީކޮށްލާފައިވާތީ އެކަމާ ހިތާމަކުރާ ކަމަށް ޑެރެލް ބުންޏެވެ.

ކުންފުންޏެއްގެ ކާމިޔާބީ ބިނާވަނީ ވެރިންނާއި ހިންގުމުގެ ނިޒާމުގެ އިތުރުން އެ ކުންފުނީގެ އަމާޒުތައް ހަގީގަތަކަށް ހަދައިދޭ މުވައްޒަފުންގެ އިތުބާރުގެ މައްޗަށް ކަމަށް ވާއިރު، ޖެންސަން ވަކިވުމާ ގުޅިގެން އޭނާ ވެސް އެންވީޑިއާއާއެކު ކުރިއަށްދިޔަ ދަތުރު ނިންމާލަން ނިންމީ ކަމަށް ޑެރެލް ހާމަކޮށްފައިވެއެވެ.

comment ކޮމެންޓް