ޗެޓްޖީޕީޓީ ޑޮޓްސްއަށް ކަސްޓަމް އިންސްޓްރަކްޝަންސް ދެވޭގޮތް ހަދައިފި

އޯޕަންއޭއައި އިން ޗެޓްޖީޕީޓީ ޑޮޓްސް ތައާރަފުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުގައި ---

އޯޕަންއޭއައިގެ އޭއައި އޭޖެންޓުން ކަމަށްވާ 'ޗެޓްޖީޕީޓީ ޑޮޓްސް' އަށް ކަސްޓަމް އިންސްޓްރަކްޝަންސް ނުވަތަ ޔޫޒާ ބޭނުންވާ ޝަރުތުތަކެއް ކަނޑައަޅައިގެން އިރުޝާދު ދެވޭގޮތަށް އައު އަޕްޑޭޓެއް ގެނެސް، މޮބައިލް، ވެބް އަދި ޑެސްކްޓޮޕްގައި އެ ފީޗާ ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.

މި އައު ބަދަލާއެކު، ޑޮޓްސްއިން ޖަވާބުދޭ މިންވަރު އަވަސްވެ، އުނދަގޫ ފަންނީ ބަސްތައް ބޭނުންކުރާ މިންވަރު މަދުވެ، މަސައްކަތްތައް ފުރިހަމައަށް ނިންމުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އޯޕަންއޭއައިއިން ބުނެއެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ އޭއައި އޭޖެންޓުން އަމަލުކުރާނެ ގޮތް ކަނޑައެޅުމުގައި ބޭނުންކުރާ ފަރާތްތަކަށް އިތުރު ބާރުވެރިކަމެއް ދިނުމެވެ.

މި ފީޗާގެ ދަށުން، ޑޮޓްސްއިން ޖަވާބުދޭންވީ ވަކި ސްޓައިލެއް ނުވަތަ ގޮތެއް ބޭނުންކުރާ ފަރާތްތަކަށް ކަނޑައެޅޭނެއެވެ. މިސާލަކަށް، އިނގިރޭސި ބަހުން ލިޔާއިރު ހަމައެކަނި ކުދި އަކުރު ނުވަތަ ލޯވާ ކޭސް ބޭނުންކޮށްގެން ޖަވާބުދިނުމަށް އެދެވިދާނެއެވެ. އަދި އީމެއިލެއް ތައްޔާރުކުރުމަށްފަހު، އެ އީމެއިލް ފޮނުވުމުގެ ކުރިން އޭގެ ޑްރާފްޓް ދެއްކުމަށް ވެސް އެންގޭނެއެވެ.

ޑޮޓްސްގެ ކޮންމެ އޭޖެންޓަކަށް ވެސް އަމިއްލަ ކްލައުޑް ކޮމްޕިއުޓަރަކާއި ބްރައުޒާއެއް ލިބިފައިވޭ ---

މިފަދަ އިރުޝާދުތައް ޑޮޓްސްއާ ވާހަކަދައްކަމުންދާއިރު ވެސް ދެވޭނެއެވެ. އަދި ފަހުން ސެޓިންގްސް މެދުވެރިކޮށް އެ އިރުޝާދުތަކަށް ބަދަލު ގެނައުމުގެ ފުރުސަތު ވެސް އޮވެއެވެ. މޮބައިލް އެޕްލިކޭޝަންގައި މި އޮޕްޝަން ހުންނާނީ 'ކަސްޓަމައިޒް' ގެ ދަށުން 'ބިހޭވިއާ' ބައިގައެވެ. އަދި ވެބް އާއި ޑެސްކްޓޮޕް ވާޝަންތަކުގައި މި ބައި ހުންނާނީ ޑޮޓްގެ މެނޫގައެވެ.

މިއީ ޑޮޓްސްއަށް ކުރިން ވެސް ދީފައިވާ ހުއްދަތަކާއި އެޕްރޫވަލް ސެޓިންގްސްއާ ވަކިން މަސައްކަތްކުރާ ފީޗާއެކެވެ. އެގޮތުން، ވަކި ޚާއްޞަ މަސައްކަތްތަކަށް 'ކަސްޓަމް ރޫލްސް' ހަދައި، މެސެޖެއް ފޮނުވުމުގެ ކުރިން ނުވަތަ ހިއްސާކޮށްފައިވާ ފައިލަކަށް ބަދަލެއް ގެނައުމުގެ ކުރިން ހުއްދަ ހޯދުމަށް ޑޮޓްސްއަށް ޝަރުތު ކުރެވޭނެއެވެ.

އޯޕަންއޭއައިއިން ޗެޓްޖީޕީޓީ ޑޮޓްސް ތައާރަފުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހެވެ. މިއީ ބޭނުންކުރާ ފަރާތް ޗެޓްޖީޕީޓީން ނުކުތުމުން ވެސް ބެކްގްރައުންޑްގައި މަސައްކަތްކުރާ އޭއައި އޭޖެންޓެކެވެ. ކޮންމެ އޭޖެންޓަކަށް ވެސް އަމިއްލަ ކްލައުޑް ކޮމްޕިއުޓަރަކާއި ބްރައުޒާއެއް ލިބިފައިވާއިރު، ގުޅުވާލާފައިވާ އެޕްތަކުގެ އެހީގައި މައުލޫމާތު ހޯދައި، ދިރާސާކޮށް، ލިޔެކިޔުންތައް ތައްޔާރުކުރުމުގެ ގާބިލުކަން މި އޭޖެންޓުންނަށް ލިބިގެންވެއެވެ.

މީގެ އިތުރުން، ދާދި ފަހުން އޯޕަންއޭއައިއިން ވަނީ އެޕަލްގެ އައިމެސެޖް އަދި އެންޑްރޮއިޑްގެ އާރުސީއެސް މެދުވެރިކޮށް ވެސް ޑޮޓްސް އަށް މެސެޖުކުރެވޭ ގޮތް ހަދާފައެވެ. މި ޚިދުމަތް މި ވަގުތު ޓެސްޓު ކުރަމުންދަނީ އެމެރިކާގެ ޗެޓްޖީޕީޓީ ޕްރޯ ސަބްސްކްރައިބަރުންނަށް އެކަންޏެވެ. އެކަމަކު ކުރިއަށް ދުވަސްތަކުގައި މުޅި ދުނިޔެއަށް މި ޚިދުމަތް ފުޅާކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް