ލައިގެންހުރި ބޮކްސާތެރެއިން ނަގައި އެއްލާލި ދަޅަކުން މަސްތުވާތަކެތި ފެނުމުން، 15 ދުވަހަށް ޒުވާނަކު ހައްޔަރުކުރުމަށް އިއްޔެ ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ކަނދުމާގެއާގެ، މާލެ، އުމުރުން 33 އަހަރުގެ ސަމާޙް އަލީއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީން ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުކުރަން ނިންމާފައިވަނީ ކުށް ކުރިކަމަށް، ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ގަރީނާ ލިބިފައިވުމުންނެވެ.
އެގޮތުން އެނާ ހުއްޓުވި ވަގުތު، އޭނާ ލައިގެންހުރި ބޮކްސާއާ ހަށިގަނޑާ ދޭތެރެއަށް ކަނާތް ލުމަށްފަހު ދަޅެއް ނަގައި މީލް ކްލަބް ރެސްޓޯރެންޓް ކައިރީ އިން ފުރާޅު މައްޗަށް އެއްލިކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. ފުލުހުން އެކަމާ ގުޅޭގޮތުން އެނާއާ ސުވާލުކުރުމުން އެއީ އޭނާ ބޯން ގެންގުޅުނު މަސްތުވާތަކެތި ކަމަށް ފުލުހުން ގާތުގައި ބުނި ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އަދި ފުލުހުން އެ ދަޅު ނަގާ ބެލިއިރު އެ ދަޅު ތެރެއިން ނެގި ރަބަރު ޕެކެޓެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަަަބަރު ޕެކެޓާއި، އިތުރު ރަބަރު ޕެކެޓެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ނުވަ ޕެކެޓު ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 15 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކުރިއިރު، އޭނާގެ ބަންދުގެ މުއްދަތު ފަށާފައިވަނީ އޮއްޔެއެވެ. އަދި އެ މުއްދަތު ހަމަވާނީ މި މަހުގެ 30ވާ އާދީއްތަ ދުވަހަށެވެ.
މަސްތުވާތަކެތީގެ މިފަދަ މައްސަލަތަަކަކީ މި ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. ވަކިން ހާއްސަކޮށް ކުދިކުދި ރަބަރު ޕެކެޓުތަކަށް އަޅައިގެން މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ވިއްކައި އެ ތަކެތިން ވިޔަފާރި ކުރާ މައްސަލަ މިހާރު ވަނީ ވަރަށް އާންމުކަމަކަށް ވެފައެވެ.
ފުލުހުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ފާއިތުވެ ދިޔަ ހަތް މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މުޅި ރާއްޖެއިން ޖުމުލަ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1,800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.