މި މަހުގެ ފުރަތަމަ ހަފުތާގައި ސްކޭމްތައް އިތުރުވެ، ސްކޭމްތަކަށް ހަތަރު ލައްކަ ރުފިޔާ ގެއްލިއްޖެ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މި މަހުގެ ދެވަނަ ދުވަހުން އަށްވަނަ ދުވަހަށް ސްކޭމްގެ 53 މައްސަލަ ރިޕޯޓުކުރިއެވެ. އެ މައްސަލަތަކުގައި 475،275.76 ރުފިޔާ ގެއްލިފައިވާއިރު، އެ މުއްދަތުގައި 269،631.27 ރުފިޔާ އަނބުރާ ހޯދައިފައިވެއެވެ.
އެ އަދަދުތަކާ އަޅައިބަލާއިރު އޭގެ ކުރީ ހަފުތާގައި ރިޕޯޓުކޮށްފައިވަނީ ސްކޭމްގެ 42 މައްސަލައެވެ. އެ މައްސަލަތަކުގައި ގެއްލުނީ ތިން ލައްކަ ކަމަށްވާއިރު، އެ މުއްދަތުގައި 163،000އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފައިވެއެވެ.
މި މަހުގެ ފުރަތަމަ ހަފުތާގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި އޮންލައިން ވިޔަފާރި ނުވަތަ އީކޮމާސްއާ ގުޅުން ހުރި 22 މައްސަލަ ހިމެނެއެވެ. އަދި ފައިސާ މާރުކުރުމުގައި ސްކޭމް ކުރުމުގެ 12 މައްސަލައާއި އެހެން މީހެއް ކަމަށް ހެދިގެން ސްކޭމް ކުރުމުގެ ތިން މައްސަލަ ވެސް ހުށަހަޅައިފައިވެއެވެ.
ސްކޭމް ކުރަން އާންމުކޮށް ބޭނުންކުރާ މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖިން އެޕްތަކާއި އައިބޭގެ އިތުރުން، ފިޝިން ލިންކްތަކާއި ފޭސްބުކް މާކެޓްޕްލޭސް ހިމެނެއެވެ.
ފުލުހުން އަންނަނީ ސްކޭމްތަކުން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމުންނެވެ. އެގޮތުން ކާކުކަން ނޭނގޭ ބަޔަކަށް ކުރިއާލާ ފައިސާ ނުފޮނުވައި، އޮންލައިންކޮށް ކުރާ މުއާމަލާތް ފުރިހަމަވުމުން ފައިސާ ދެއްކުމަށް އިރުޝާދު ދީފައިވެއެވެ. އަދި ފައިސާ ބަދަލުކުރާނަމަ އަބަދުވެސް ރަސްމީ ބޭންކު ނުވަތަ ލައިސަންސް އޮތް އެކްސްޗޭންޖްތައް ބޭނުންކުރުމަށް ފުލުހުން އެދިފައިވެއެވެ.