ހަތް މަސްތެރޭގައި 144 ކިލޯގެ މަސްތުވާތަކެތި އަތުލައި، 1800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި: ފުލުހުން

ފުލުހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން: ހަތް މަސްތެރޭގައި 144 ކިލޯގެ މަސްތުވާތަކެތި އަތުލައި، 1800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވޭ.... ފޮޓޯ/ ފުލުހުން

ފާއިތުވެ ދިޔަ ހަތް މަސްދުވަހުގެ މުއްދަތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މުޅި ރާއްޖެއިން ޖުމުލަ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1,800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ ތަފާސްހިސާބުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހިންގި މަސައްކަތްތަކުގެ ތަފްސީލު ވަނީ ހާމަކޮށްފައެވެ.

މި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު މުސްލިމް ވިދާޅުވީ، ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 1,140 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ.

އެއީ އެވްރެޖްކޮށް ދުވާލަކަށް ފަސް އޮޕަރޭޝަނެވެ. މީގެ ތެރޭގައި މާލޭ އޭރިއާގައި ހިންގި 530 އަށްވުރެ ގިނަ އޮޕަރޭޝަނާއި، ސަދަން ޕޮލިސް ސަރަހައްދުގައި ހިންގި 281 އޮޕަރޭޝަނުގެ އިތުރުން ނޯދަން ޕޮލިސް ސަރަހައްދުގައި ހިންގި 329 އޮޕަރޭޝަން ހިމެނެއެވެ.

މި އޮޕަރޭޝަންތަކުގައި މުޅި ރާއްޖެއިން ޖުމުލަ 1,875 މީހަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވެއެވެ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އަށް މީހުންނެވެ. މީގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދުން 760 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، ސަދަން ޕޮލިސް ސަރަހައްދުން 530 އަށްވުރެ ގިނަ މީހުން އަދި ނޯދަން ޕޮލިސް ސަރަހައްދުން 570 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެއިތުރުން، ތުހުމަތުކުރެވޭ 23,249 މީހަކު މަގުމަތިންނާއި އެކި ތަންތަނުން ބަލާފާސްކޮށްފައިވެއެވެ.

ފުލުހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން، ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު މުސްލިމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ... ފޮޓޯ/ ފުލުހުން

ފުލުހުން ބަލާފާސްކުރި ސަރަހައްދުތަކަށް ބަލާއިރު، މަސްތުވާތަކެތި ބޭނުންކޮށް އަދި އެތަކެތި ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ 7,300 އަށްވުރެ ގިނަ ތަންތަން ވަނީ ބަލާފާސްކޮށްފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ބަލާފާސްކުރި 6,779 ތަނަކާއި، ސަދަން ޕޮލިހުން ބަލާފާސްކުރި 296 ތަނެއްގެ އިތުރުން ނޯދަން ޕޮލިހުން ބަލާފާސްކުރި 234 ތަން ހިމެނެއެވެ.

މި އޮޕަރޭޝަންތަކުން އަތުލައިގަތް ތަކެތީގެ ތަފްސީލަށް ބަލާއިރު، މާލެ ސަރަހައްދުން 137.8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި، ސަދަން ޕޮލިހުން ތިން ކިލޯއަށްވުރެ ގިނަ، އަދި ނޯދަން ޕޮލިހުން 3.4 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.

މީގެ އިތުރުން، މި މުއްދަތުގައި މުޅި ރާއްޖެއިން ޖުމުލަ 1,856 ފުޅި ބަނގުރާ އަތުލައިގަނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން އަތުލައިގަތް 1,768 ފުޅި ބަނގުރަލާއި، ސަދަން ޕޮލިހުން އަތުލައިގަތް 60 ފުޅި އަދި ނޯދަން ޕޮލިހުން އަތުލައިގަތް 28 ފުޅިއެވެ.

ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ޖުމުލަ 1,533 މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން 560 މައްސަލަ، ސަދަން ޕޮލިހުން 505 މައްސަލަ އަދި ނޯދަން ޕޮލިހުން 468 މައްސަލަ ހިމެނެއެވެ.

މާލެ ސަރަހައްދުން ތަހުގީގު ކުރިއަށްގެންދިޔަ 560 މައްސަލައިގެ ތެރެއިން 343 މައްސަލައެއްގެ ތަހުގީގު މުޅިން ނިންމައި، ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ.

comment ކޮމެންޓް