މީހުން ސަލާމަތްކުރި އެންމެންނާއި ގެއްލުނު މީހުންނަށް އެމްއެންޑީއެފްގެ ތައުރީފު: "ހޯދުން ހުއްޓައެއްނުލަން"

"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން: ތިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަ ދޭ ---

މި މަހުގެ ފަސްވަނަ ދުވަހު ސަޕްލައި ދޯންޏެއް އަޑިއަށް ދިޔުމާ ގުޅިގެން ގެއްލުނު ތިން މީހުން ހިމެނޭ ގޮތަށް، އެ ހާދިސާގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި އެންމެންނަށް އެމްއެންޑީއެފުން ތައުރީފުކޮށް، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމުގެ ޔަގީންކަން މިރޭ ދީފިއެވެ.

ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި، ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ދާ ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ފަސްވަނަ ދުވަހުގެ ރޭގެ 22:37 ހާއިރެވެ.

އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފާއި ފުލުހުން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު އަޑިއަށް ދިޔައީ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ހާދިސާ ހިނގި ވަގުތު އަށް މީހުން ދޯނީގައި ތިބިއިރު، އޭގެ ތެރެއިން ހަތް މީހުން ސަލާމަތް ކުރެވުނެވެ.

އެ ހާދިސާގައި ގެއްލުނީ ދޯނީގެ ކައްޕިއާއި، މީހުން ސަލާމަތް ކުރުމަށް ދިޔަ ފުލުހަކާއި ސިފައިންގެ މީހެކެވެ. އެއީ:

  • ޕޮލިސް ސާޖަންޓް އަލީ ނާފިއު (33 އަހަރު)
  • އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39 އަހަަރު)
  • ދޯނީގެ ކައްޕި ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35 އަހަރު)

އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، އެ ހާދިސާ ހިނގިވަގުތުން ފެށިގެން "އަންމޭންޑް އޭރިއަލް ވެހިކަލް ޑްރޯންސް" ބޭނުންކޮށްގެން އަންނަނީ ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މަސައްކަތް ކުރަމުން ކަމަށެވެ. އެ ޔޫއޭވީސްއަކީ އިންފްރާރެޑް ސެންސާސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވާނަމަ އެ އެއްޗެއް ދެނެގަތުމުގެ ގާބިލުކަން ހުރި އުޅަނދުތައް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެހެންވެ، ހާދިސާ ހިނގި ރޭ ވެސް ޔޫއޭވީސް ބޭނުންކޮށްގެން ވަނީ ހާދިސާ ހިނގި ސަރަޙައްދުން މީހުން ފެނޭތޯ މަސައްކަތް ކޮށްފައި ކަމަށާއި އެގޮތުން ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ކަނޑުމަތިން އޮޔާ ދިޔަ ގޯންޏާއި އެ ނޫންވެސް ތަކެތި ޔޫއޭވީސްގެ ސެންސަރުތައް ބޭނުންކޮށްގެން ދެނެގަތް ކަމަށް ސިފައިން ބުންޏެވެ.

ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފައިވޭ -- ފޮޓޯ/ އެމްއެންޑީއެފް

މީގެ އިތުރުން އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން"ގެ އިތުރުން ކޯސްޓްގާޑުގެ އިންޓަސެޕްޓާ ކްރާފްޓްސްއާއި ހާބާ ޕެޓްރޯލް ލޯންޗާއި ޕޮލިސް ލޯންޗުން ވަނީ މީހުން ހޯދުމަށް ޓަކައި އެ ސަރަޙައްދު ބަލާފައި ކަމަށް އެމްއެންޑީއެފުން ފާހަގަކުރިއެވެ. އެގޮތުން ހުވަދޫ ކަނޑުގެ ދެކުނުން ގއ. އަތޮޅުގެ ފަރުތަކާއި ހުވަދޫ ކަނޑުގެ އުތުރުން ލ. އަތޮޅުގެ ފަރުތައް ވެސް ވަނީ ބަލައިފައިކަން އެ މުއައްސަސާއިން ހާމަކުރިއެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި، އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް ބަލައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދުގެ ވަރަށް ބޮޑު ބަޔެއް ބަލައިފައިވާ ކަމަށެވެ. އަދި މާދަމާގެ މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލޭނެ ކަމަށް ސިފައިން ވަނީ ލަފާކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި ސަލާމަތްވި މީހުން ދީފައިވާ މަޢުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ އިރު ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްކުރެވިފައި ކަމަށެވެ. އެ ދޯނިން ފުންމާލައި ސަލާމަތްވެފައިވާ މީހުންގެ ތެރޭގައި ދޯންޏަށް އެ ވަގުތު އަރާތިބި ކޯސްޓްގާޑުގެ ހާބަރު ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަމަނަކާއި ފުލުހެއް ހިމެނޭ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އަދި ދޯނީގައި އެ ވަގުތު ތިބި ތިން ފަޅުވެރިން ވެސް ފުންމާލައިގެން ސަލާމަތްވި ކަމަށް ސިފައިން ބުންޏެވެ.

އެ ޚިދުމަތުން ވަނީ، އެ ހާދިސާގައި ސަލާމަތްވި ކޯސްޓްގާޑުގެ ހާބަރު ޕެޓްރޯލް ލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި، ކޯސްޓްގާޑުގެ ޑައިވަރު ސާޖަންޓް އަސްރާރު ޢަލީ، ކަނޑުގައި ހޭދަކުރި ވަގުތު ދޯނިން ދަތުރުކުރި ދެ ބިދޭސީން ސަލާމަތްކުރުމަށް ހުވަދޫ ކަނޑުގެ ތެރޭގައި ގަދަ ހިތްވަރާ އެކު މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ނާފިއުއާއި އިބްރާހީމް ވެފައިވަނީ، ގައުމީ ޚިދުމަތުގައި ވާޖިބަށް އިސްކަންދީގެން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރުމުގެ ހިތްވަރުގަދަ، ލާމަސީލް ނަމޫނާއަކަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދޯނި އަޑިއަށް ދިޔަ ހިސާބުގެ ފުންމިނަކީ އަސްކަރީ ސަބްމެރިން ވެސް އޮޕަރޭޓް ނުކުރެވޭ ހިސާބެއް ކަމަށް ސިފައިން ބުނޭ -- ފޮޓޯ/ އެމްއެންޑީއެފް

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ސާޖަންޓް ޢަލީ ސައިފާއި، އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަމަން، ޢަބްދުﷲ ޝަފީގު ކޮށްފައިވާ ހިތްވަރުގަދަ މަސައްކަތް ވެސް އެ ޚިދުމަތުން ފާހަގަކުރިއެވެ. އަދި ދޯނީގެ ކެޕްޓަން ޙަމްދޫން ވަނީ އޭނާއާ ޙަވާލުވެފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި އެންމެފަހު ވަގުތާ ޖެހެންދެން މަސައްކަތް ކޮށްފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ސިފައިން ބުނި ގޮތުގައި އެ ހާދިސާގައި ދޯނި އަޑިޔަށްގޮސްފައިވަނީ ހުވަދޫ ކަނޑުގެ ތެރެއަށް ވަރަށް ކުއްލި ގޮތަކަށެވެ. ދޯނި އަޑިޔަށް ގޮސްފައިވާ ސަރަޙައްދުގެ ފުންމިނަށް ބަލާއިރު، 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

"މިއީ، އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫންކަން ފާހަގަކުރަމެވެ." އެމްއެންޑީއެފުން ފާހަގަކުރިއެވެ.

އެ މުއައްސަސާއިން ބުނީ، ގެއްލިފައިވާ މީހުން ހޯދުމަށް، މިއަދުގެ 18:00ގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާ ކަމަށާއި، ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް، އެއްގަމާއި ކަނޑުގެ ސަރަޙައްދުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ޓަކައި 24 ގަޑިއިރު މެދުކެނޑުމެއްނެތި ޚިދުމަތްކުރަމުންދާ ޝަރަފުވެރި، ގައުމީ ލަޝްކަރެއް ކަމަށެވެ. އަދި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކާއި އަލިފާނުގެ ހާދިސާތަކުން ރައްޔިތުން ރައްކާތެރިކުރުމުގައި ސިފައިން އަންނަނީ އިޚްލާޞްތެރިކަމާއެކު ގައުމީ ވާޖިބު އަދާކުރަމުންކަން އެ ޚިދުމަތުން ފާހަގަކުރިއެވެ.

"ދިވެހި ސިފައިން އަދި ދިވެހި ފުލުހުން މިއަދު ވެސް ދެމިމިތިބީ މާތްﷲ ގަންދީ ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެއެވެ. ގާނޫނީގޮތުން ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި ސާބިތުވެއެވެ." އެމްއެންޑީއެފުން ބުންޏެވެ.

https://sun.mv/225763

ފާހަގަކޮށްލެވޭ ގޮތުގައި އެ ތިން މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ވަނީ، ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާ ކަމުގެ ޔަގީން ދީފައެވެ.

comment ކޮމެންޓް