ދިދަ ނެގުމުގެ ރަސްމިއްޔާތަކާއި ކުޑަކުދިންގެ ހުށަހެޅުންތަކަކާއެކު، ޕާކިސްތާނުގެ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ޕާކިސްތާނު ހައިކޮމިޝަނުގައި އެ ގައުމު މިނިވަންވިތާ 79 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޕާކިސްތާނު ހައިކޮމިޝަން

ޕާކިސްތާނު މިނިވަންވިތާ 79 އަހަރު ފުރުން މިއަދު ފާހަގަކޮށްފިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުގައި މިއަދު ފުރަތަމަ އޮތީ ދިދަ ނެގުމެވެ.

އެގޮތުން ޕާކިސްތާނުގެ ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ބައެއް ރައްޔިތުންނާއި ބައެއް ދިވެހީންނާއި ބައެއް ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަންގަވައިދެއްވީ ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް ރިޓަޔާޑް ފައިޞަލް ރަސޫލް ލޮދިއެވެ. ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ މަންދޫބެއް އަދި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ޢަދުނާން ވާހަކަ ދެއްކެވިއެވެ.

ޢަދުނާންގެ ވާހަކައިގައި ވަނީ، ޕާކިސްތާނު ރައްޔިތުންނަކީ މަސައްކަތްތެރިކަމާއި މެހެމާންދާރީއާއި ގުރުބާނީ ފަދަ ސިފަތަކުގެ ނިއުމަތް ލިބިގެންވާ ބައެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމިއްޔާތުގައި ހައިކޮމިޝަނަރު ވަނީ، އެ ގައުމުގެ ރައީސް ޢާޞިފް ޢަލީ ޒަރްދާރީއާއި ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދާރު ދެއްވި ބައެއް ޚާއްސަ މެސެޖުތައް ހިއްސާކުރައްވައިފައެވެ.

އެއަށްފަހު ޕާކިސްތާނުގެ މިނިވަންކަމަށް ޢައްލާމާ މުޙައްމަދު އިޤްބާލާއި އެ ގައުމުގެ ފައުންޑަރު މުޙައްމަދު ޢަލީ ޖިނާޙް ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން އެ ގައުމުގެ ކުޑަކުދިން --- ފޮޓޯ: ޕާކިސްތާނު ހައިކޮމިޝަން

ހައިކޮމިޝަނަރު ވިދާޅުވީ، މި ވޭތުވެދިޔަ 80 އަހަރުގައި ޕާކިސްތާނުން ކާމިޔާބީތައް ހާސިލުކޮށްފައިވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައިގެން ކަމަށެވެ. ސައިންސާއި ކުޅިވަރާއި ޓެކްނޮލޮޖީއާއި ދިފާއީ ރޮނގުތަކުން ޕާކިސްތާނަށް ބޮޑެތި ކުރިއެރުން ލިބުނުކަން ހައިކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުން ޖައްމޫ ކަޝްމީރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް ވިދާޅުވެ، ހައިކޮމިޝަނަރު ވަނީ ދޭދޭ ގައުމުތަކާއި އެ ގައުމާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމުގެ އިތުރުން، ސަރަހައްދީ މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ގައުމުގެ ކުޑަކުދިން ވަނީ ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޕާކިސްތާނުގެ ގައުމީ އެކި ލަވަތަކާއި ޅެންތައް ހުށަހަޅައިދިނުމުގެ އިތުރުން ޕާކިސްތާނުގެ މުސްތަގުބަލާ ގުޅޭ ގޮތުން އެ ގައުމުގެ ކުޑަކުދިން ވާހަކަ ވެސް ދައްކައިފައިވެއެވެ.

ޕާކިސްތާނު މިނިވަންވީ އޮގަސްޓު 14، 1947 ވަނަ އަހަރެވެ. އެ ގައުމާއި ރާއްޖެއާ ދެމެދު ދޭދޭ ގުޅުން ގާއިމްކުރީ ޖުލައި 26، 1966ވަނަ އަހަރެވެ. އެއީ އިނގިރޭސީންގެ ހިމާޔަތުން ރާއްޖެ މިނިވަންވިތާ އަހަރެއް ފަހެވެ.

comment ކޮމެންޓް