މި އަހަރުގެ ފުރަތަމަ ހަތް މަސް ތެރޭ ދައުލަތަށް 976 މިލިއަން ޑޮލަރު ލިބިފައިވާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ އިތުރު އަދަދެއް ކަމަށް މީރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުން ޖުލައި މަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި ވަނީ ޖުމްލަ 18.4 ބިލިއަން ރުފިޔާ ލިބިފައެވެ. އޭގެ ތެޜޭގައި ހިމެނެނީ 6.77 ބިލިއަން ރުފިޔާއާއި 756 މިލިއަން ޑޮލަރެވެ.
ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީއެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 486 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
ޓެކްސް ނޫން އާމްދަނީއަށް ބަލާއިރު، ޖުމްލަ 4.32 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޑޮލަރުން ލިބުނު 220 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ލިބިފައިވަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް)ގެ ގޮތުގައި ކަމަށްވާއިރު، އޭޑީއެފް އާމްދަނީ 78.9 މިލިއަން ޑޮލަރަށް އަރައެވެ.

ފަތުރުވެރިންތަކެއް ރާއްޖެ އައުން: ޓެކްސް ނޫން ޑޮލަރު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އޭޑީއެފްއިން --- ފޮޓޯ/ އެމްއޭސީއެލް
އެހެންކަމުން މި އަހަރުގެ މިހާތަނަށް ޓެކްސް އާއި ޓެކްސް ނޫން އާމްދަނީއަށް ޑޮލަރުން ވަނީ 976 މިލިއަން ޑޮލަރު ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 898 މިލިއަން ޑޮލަރު ކަމަށްވާއިރު، މިއީ 8.73 ޕަސެންޓްގެ އިތުރުވުމެކެވެ.
ޓެކްސް އާއި ޓެކްސް ނޫން އާމްދަނީގެ ޖުމްލަ އަދަދު މިދިޔަ މަހުގެ ނިޔަލަށް 22.7 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 20.4 ބިލިއަން ރުފިޔާގައެވެ.
ޑޮލަރު އާމްދަނީ އިތުރުވީއިރު، ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުމެން އަންނަތާ މަސްތަކެއްވެ، މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 22 ރުފިޔާއަށް ވުރެ ވެސް ބޮޑުވެފައެވެ. ނަމަވެސް ރަސްމީކޮށް، މަރުކަޒީ ބެންކުން ކަނޑައަޅައިފައިވާ އަގަކީ ޑޮލަރަކަށް 15.42 ރުފިޔާއެވެ.
ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގު އުފުލެއެވެ. އަދި ގައުމުގެ ދަރަނި ބޮޑުވުމުންނާއި، މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރަށް އަރަމުން އަންނަ ލޮޅުންތަކުން ވެސް ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތައް ކުރަމުންދެއެވެ.
މިދިޔަ ފެބުރުވަރީ މަހު މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ހުރަސްއެޅި، ފަތުރުވެރިން މަދުވުމުގެ އަސަރު ވެސް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ގެނެސްދޭ ސިނާއަތަށް ކުރާނެ ކަމުގެ ކަންބޮޑުވުން އޮތީ އުފެދިފައެވެ.