ޓެމޫ، ޝީން ފަދަ ފާސްޓް ފެޝަން ކުންފުނިތަކަށް އަމާޒުކޮށް ފްރާންސުން ފީއެއް ނަގަން ފަށައިފި

ޓެމޫ--

އޮންލައިންކޮށް ހެޔޮ އަގުގައި އަންނައުނު ވިއްކާ ޝީން، ޓީމޫ އަދި އަލީއެކްސްޕްރެސް ފަދަ ކުންފުނިތަކަށް އަމާޒުކޮށް، ފްރާންސުން "އަލްޓްރާ-ފާސްޓް ފެޝަން" އަންނައުނުން ފީއެއް ނަގަން ފަށައިފިއެވެ.

މިދިޔަ ޖޫން މަހު ފާސްކުރި އާ ގާނޫނެއްގެ ދަށުން އިއްޔެ އަމަލުކުރަން ފެށި މި ފީ ނަގާނީ މައިގަނޑު ދެ ކަމަކަށް ބިނާކޮށެވެ. އެއީ ބާޒާރަށް ނެރޭ އަންނައުނުގެ އަދަދާއި، އެ އެއްޗެއް ގަންނަން ލިބޭ އަގާ އަޅައިބަލާއިރު މަރާމާތުކުރުމަށް ހިނގާނެ ހަރަދަށެވެ.

މި މިންގަނޑުތަކަށް ބަލައި ކޮންމެ އަންނައުނަކުން ނަގާނެ ފީ ކަނޑައަޅާފައިވާއިރު، މި އަހަރު ނަގަން ހަމަޖެހިފައިވާ ފީތަކުގެ ތެރޭގައި، އެތެރެއިން ލާ އަންނައުނުން 0.50 ޔޫރޯ، ޓީޝާޓުން ދެ ޔޫރޯ، ޖިންސުން ނުވަ ޔޫރޯ އަދި ޖެކެޓުން 12 ޔޫރޯ ހިމެނެއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށްދާއިރު މި ފީ 19.50 ޔޫރޯއަށް އިތުރުވާނެއެވެ. ނަމަވެސް، ނަގާ ފީގެ އަދަދު އެ އަންނައުނެއްގެ ޓެކްސް ނުހިމެނޭ އަގުގެ 50 އިންސައްތައަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ކަނޑައަޅާފައިވެއެވެ.

https://www.sun.mv/226804

ފްރާންސްގެ ވަޒީރު މެތިއު ލެފެވްރޭ ވިދާޅުވި ގޮތުގައި، އަލްޓްރާ-ފާސްޓް ފެޝަންގެ ސަބަބުން ތިމާވެއްޓަށާއި އިގުތިސާދަށް ލިބޭ ގެއްލުންތަކަކީ އެންމެންނަށްވެސް އެނގޭ ކަންކަމެވެ. ނަމަވެސް، ޒާރާ އަދި އެޗްއެންޑްއެމް ފަދަ ޔޫރަޕުގެ ކުންފުނިތަކުން މި ފީ ނުނަގާނެ ކަމަށް ލެފެވްރޭގެ އޮފީހުން މިދިޔަ ޖުލައި މަހު ބުނެފައިވާތީ، މިއީ ޔޫރަޕުގެ ކުންފުނިތައް ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނީ، ފްރާންސްގެ މި ގާނޫނަކީ ތަފާތުކުރުން ގެންގުޅޭ އަދި ވިޔަފާރިއަށް ހުރަސްއަޅާ ގާނޫނެއް ކަމަށާއި، މިއީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)ގެ އުސޫލުތަކާ ހިލާފުވެދާނެ ކަމެއް ކަމަށެވެ.

ސިންގަޕޫރުގައި މައި އޮފީސް ހުންނަ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝީން އިން ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި، މި ގާނޫނުގެ ސަބަބުން ފްރާންސްގެ ރައްޔިތުންނަށް ތަކެތި ގަތުމަށް އޮންނަ ބާރު ދަށްވެގެންދާނެއެވެ. ހާއްސަކޮށް ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. މީގެ ކުރިން 100 ބިލިއަން ޑޮލަރުގެ އަގެއް ހުރި ކަމަށް ލަފާކުރެވުނު ޝީން، ހޮންކޮންގުގެ ސްޓޮކް މާކެޓުގައި ވިޔަފާރިކުރަން ފެށި ފުރަތަމަ ދުވަހު އެ ކުންފުނީގެ އަގު ވަނީ 26.2 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުގެ ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންވެސް އަމާޒުވެފައިވާ ޗައިނާގެ ކުންފުނި ޓީމޫގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ފްރާންސްގެ ގާނޫނުގައި ފާހަގަކޮށްފައިވާ ތިމާވެށީގެ ކަންބޮޑުވުންތައް އެ ކުންފުނިން ބަލައިގަނެއެވެ. ނަމަވެސް، ޓީމޫއަކީ އަމިއްލައަށް އަންނައުނު އުފައްދާ ކުންފުންޏެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ވިޔަފާރިކުރާ ޕްލެޓްފޯމެއް ކަމަށްވާތީ، އެ ކުންފުންޏަކީ ފާސްޓް ފެޝަން ކުންފުންޏެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް