ދިވެހިރާއްޖޭގެ ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު މައްޗަށް ގޮސް، ޑޮލަރެއްގެ އަގު 22.10 ރުފިޔާއަށް އަރައިފިއެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކާއި ސޯޝަލް މީޑިއާގެ އެކި ގްރޫޕްތަކުން ލިބޭ މައުލޫމާތަށް ބަލާއިރު، މިހާރު ޑޮލަރެއްގެ އަގު ހުރީ 22 ރުފިޔާއަށްވުރެ މަތީގައެވެ.
މިއީ ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓް ކަމަށްވާ 15.42 ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ.
ފާއިތުވި ދެ އަހަރާ ބައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑޮލަރެއްގެ އަގު 17 ރުފިޔާއިން ފެށިގެން މެދުނުކެނޑި އުފުލެމުން ގޮސް، މިހާރު މިވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ.
މިހާތަނަށް ވެސް މި ސަރުކާރަށް ޑޮލަރުގެ އަގު ދަށްކުރެވިފައިވާ ނުވާއިރު މި މައްސަލައާ ގުޅޭގޮތުން ސަރުކާރުން ބުނަމުންދަނީ ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު މާލީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
އެގޮތުން ކޮވިޑް-19 ގެ ދުވަސްވަރު އެމްޑީޕީ ސަރުކާރުން އަށް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރުމުގެ ސަބަބުން، އިގްތިސާދުގައި ރުފިޔާ ގިނަވެ، އޭގެ ނޭދެވޭ އަސަރު ޑޮލަރުގެ މާކެޓަށް ކޮށްފައިވާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ވަނީ ބޮޑު ބުރައެއް އުފުލަން ޖެހިފައެވެ.