ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ހިތްވަރުދިނުމުގެ މަސައްކަތް ކުރާ ޖަމިއްޔާތަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ދޫކުރާނެ ގޮތުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، އެ އުސޫލުގެ މަގުސަދަކީ ރާއްޖޭގައި ރަޖިސްޓާކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށާއި މުޖުތަމައުތަކުގެ ސިއްހަތު ރައްކާތެރިކުރުމަށް ބާރުއަޅައި ހަރަކާތްތައް ހިންގުމަށް ހުށަހަޅާ ޖަމިއްޔާތަކަށް މާލީ އެހީ ދިނުން ކަމަށެވެ.
އެ އެހީ ދިނުމަށް ތިން ގިންތިއެއް ވަނީ ކަނޑައަޅައިފައެވެ. އެއީ:
- ހަމައެކަނި ވަކި މުޖުތަމައަކަށް ނުވަތަ ރަށަކަށް އަމާޒުކުރެވޭ ހަރަކާތް: އެހިދޭނެ އެންމެ މަތީ އަދަދަކީ 75،000އާއި އެއް ލައްކަ ރުފިޔާއާ ދެމެދު
- ޖުމުލަކޮށް ރާއްޖޭގެ އެންމެންނަށް ފައިދާކުރާނެ މަސައްކަތް ކުރުމަށް: އެއް ލައްކަ ރުފިޔާއާއި ތިން ލައްކަ ރުފިޔާއާ ދެމެދު
- އެއް ސަަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކުގައި އަމަލީ މަސައްކަތް ކުރުމަށް: ތިން ލައްކަ ރުފިޔާއާއި ފަސް ލައްކަ ރުފިޔާއާ ދެމެދު
އޭގެ ތެރެއިން، ކޮންމެ ހުށަހެޅުމެއްގައި އިދާރީ ޚަރަދުގެ ގޮތުގައި ހިމެނުމަށް ގިނަ ވެގެން ކަނޑައެޅޭނީ ހުށަހަޅާ އަދަދުގެ 20 ޕަސެންޓް ކަމަށް އުސޫލުގައިވެއެވެ.
މާލީ އެހީއަށް އެދޭ ޖަމިއްޔާތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޖަމިއްޔާއެއްގެ ގޮތުގައި ނުވަތަ ޖަމާއަތެއްގެ ގޮތުގައި މަސައްކަތް ކުރާތާ މަދުވެގެން 12 މަސް ދުވަސް ވެފައިވުން ހިމެނެއެވެ. އަދި އެހީއަށް އެދޭ ފަރާތަކީ ދުންފަތުގެ ބާވަތެއްގެ ވިޔަފާރިކުރުމުގައި ހަރަކާތްތެރިވާ ނުވަތަ އެފަދަ ވިޔަފާރިއަކާ ގުޅުންހުރި ފަރާތެއް ނުވަތަ ފަރާތްތަކަށް ނުވުން ވެސް، ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ އުސޫލުގައިވާ ގޮތުން، އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލާނީ އެކަމަށް ޓަކައި ހެލްތު މިނިސްޓަރު އެކުލަވާލައްވައިފައިވާ ހަތް މެންބަރުންގެ އެވޯޑިން ކޮމިޓީޏްނެވެ. އެ ކޮމިޓީގައި ހެލްތު މިނިސްޓްރީގެ އޮފިޝަލުންނާއި ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރަކާއި ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަނޑައަޅާ އިސް މުވައްޒަފެއް ހިމެނޭނެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ކަނޑައަޅާ މީހަކާއި، ޕަބްލިކް ހެލްތު ފަންޑު ކޮމިޓީގެ ބޯޑު މެންބަރަކާއި ހޯމް މިނިސްޓްރީން ކަނޑައަޅާ އިސް މުވައްޒަފެއް ހިމެނޭނެ ކަމަށް އުސޫލުގައިވެއެވެ.
މި ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.
މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ.