އެއްގަމު އުޅަނދުތައް ޕާކުކުރަން ދޫކުރާ ޖާގަތަކުގައި ޕާކިން މީޓަރު ހަރުކޮށް، އުޅަނދު ޕާކުކޮށްފައި އޮންނަ ވަގުތަށް ފީއެއް ނެގޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ހިމަނައިފިއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ އިއްޔެ ބިލު ތަސްދީގު ކުރައްވައިފައެވެ.
އެ ގާނޫނުގައި ވަނީ، ރަށެއް ނުވަތަ ސިޓީއެއްގައި ކަނޑައަޅާ ޕާކިން ޒޯންތަކުގެ އިތުރުން، ޖާގަ ތަނަވަސް ރަށްރަށުގައި ނުވަތަ ސިޓީތަކުގައި، އެ ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ޚިލާފުނުވާނެ ގޮތުގެމަތިން އެ ރަށެއްގެ ވަކި ސަރަޙައްދެއް ނުވަތަ ސަރަޙައްދުތަކެއް އެއީ އެއްގަމު އުޅަނދު ޕާކުކުރުމަށް ޚާއްސަކުރެވޭ ޒޯނެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ. އަދި އެ ޒޯންތަކުން ޕާކިން ސްލޮޓްތައް ކުއްޔަށް ދިނުމުގެ އިޚްތިޔާރު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ލޯކަލް ކައުންސިލަށް ލިބިގެންވާ ކަމަށް ގާނޫނުގައިވެއެވެ.
އެ ގާނޫނުގައި ވަނީ، ކުއްޔަށްދެވޭ ޕާކިން ސްލޮޓް ކުއްޔަށްދެވޭނެ އެންމެ ދިގު މުއްދަތަކީ ދެ އަހަރު ދުވަހުގެ މުއްދަތެއް ކަމަށެވެ.
އަދި ބައެއް ޝަރުތުތައް ފުރިހަމަވާނަމަ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ބަންޑާރަ މަގަކުން ނުވަތަ ޢާންމު ތަނަކުން ބައެއްގައި ސިންގަލް ސްޕޭސް ނުވަތަ މަލްޓ-ިސްޕޭސް ޕާކިން މީޓަރުތައް ހަރުކޮށްގެން، ޕާކުކުރާ ވަގުތަށް ބިނާކޮށް ފީއެއް ނެގޭގޮތަށް ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ޕާކިން ޒޯންތަކެއް ކަނޑައެޅުމަކަށް އެ ގާނޫނުން ހުރަސް ނާޅާކަން ބަޔާކޮށްފައިވެއެވެ. އެ ޝަރުތުތަކަކީ:
- އެ މަގަކީ ނުވަތަ ތަނަކީ ޖާގަ ބޮޑު މަގެއް ނުވަތަ ތަނެއް ކަމުގައިވުން
- އެ މަގުން ނުވަތަ ތަނުން ބައެއް ޕާކިން ޒޯންތަކުގެ ގޮތުގައި ކަނޑައެޅުމުގެ ސަބަބުން އެ މަގު ނުވަތަ ތަން ބޭނުންކުރާ މީހުންނަށް ދައްޗެއް ކުރިމަތިނުވުން
- އެ މަގާ ނުވަތަ ތަނާ އިންވެގެންވާ ސަރަޙައްދުގައި މީހުން ދިރިއުޅޭ މިންވަރު މަދުވުން
އެ ގާނޫނުގައިވަނީ، "ޕާކިން މީޓަރު"ގެ ގޮތުގައި ބޭނުންކުރެވޭނެ އާލާތްތަކުގެ ސިފަތައް ވެސް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި:
- ކާޑު އަދި/ ނުވަތަ ފައިސާ ބޭނުންކޮށްގެން ފީ ދެއްކެން ހުރުން؛
- ފީ ދައްކާފައިވާ ވަގުތު އޭގެން އަންގައިދިނުން؛
- ޕާކުކުރުމަށް ގަނެވުނު ވަގުތުގެ ތެރެއިން ބާކީ އޮތް ވަގުތު އޭގެން ދައްކުވައިދިނުން؛
- ފީ ދައްކާފައިވާ ވަގުތު ހަމަވުމުން އެކަން އޭގެން އެނގެން ހުރުން؛
- ފީ ދެއްކުމުން ޕާކުކުރުމަށް ގަނެވުނު ވަގުތާއި އެ ވަގުތު ހަމަވާނެ ގަޑި ބަޔާންކޮށްދޭ ރަސީދެއް ދޫކުރެވޭ ގޮތަށް ހުރުން
އެ ގާނޫނުގެ ދަށުން ގަވައިދެއް ވެސް އެކުލަވާލަން ޖެހޭއިރު، އެ ގަވައިދުގައި ހިމަނަން ޖެހޭ ކަންތައްތަކުގެ ތެރޭގައި، މީޓަރު ހަރުކޮށްފައިވާ ޕާކިން ސްލޮޓުގައި އެންމެ ގިނަވެގެން އުޅަނދެއް ޕާކުކޮށްފައި ބޭއްވޭނެ ވަގުތު ހިމެނެއެވެ. އަދި ޕާކިން ސްލޮޓަކަށް ޕާކު ކުރުމަށް މިނެޓަކަށް ނަގާނެ ފީ ވެސް ހިމަނާނީ ގަވައިދުގައި ކަމަށް ގާނޫނުގައިވެއެވެ.
މީގެ އިތުރުން، ޕާކިން ޖާގައަކަށް ދައްކަން ޖެހޭ ފީ ނުދައްކައި ޕާކުކޮށްފައިވާ ނަމަ އެ އުޅަނދެއް ޓޯކޮށް، ޓްރެފިކް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ އިޚުތިޔާރު ޓްރެފިކް ފުލުހުންނަށް ލިބިގެންވާ ކަމަށް ގާނޫނުގައިވެއެވެ.
އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނު އިއްޔެ ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު، އެ ގާނޫނަށް އަމަލުކުރަން ފަށަނީ 30 ދުވަސް ފަހުންނެވެ.
މާލެ ސަރަހައްދުގައި އުޅަނދުތައް ތޮއްޖެހި، ޕާކު ކުރަން އެކަށީގެންވާ ވަރަށް ޖާގަ ނެތުމުގެ މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ. އަދި ގަވައިދާ ޚިލާފަށް މަގުމަތީގައި ޕާކުކުރުމުގެ މައްސަލަތައް ގިނަވެ، މީގެ ކުރިން ވެސް މާލޭގައިއާއި ހުޅުމާލޭގައި ޕާކިން މީޓަރުތައް ހަރުކުރަން ސިޓީ ކައުންސިލާއި އެޗްޑީސީން ރާވައިފައިވެއެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށްގެންގޮސްފައިނުވެއެވެ.