ތިލަމާލެ ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ގާތްގަނޑަކަށް ސުމަކުން: ރައީސް

ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ފުރަތަމަ ހަފުތާ ތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލެއްވުން: ތިލަމާލެ ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ގާތްގަނޑަކަށް ސުމަކުން ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފެށީ ގާތްގަނޑަކަށް ސުމަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ފެށި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިންމަން އެކި ތާރީޚުތައް ދިން ނަމަވެސް، މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސް، ނިންމިފައިނުވެއެވެ. އޭގެ ފަހުން މި ސަރުކާރުގައި އެ މަޝްރޫއުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ރައީސް މުއިއްޒުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ތިލަމާލެ ބުރިޖު ނިންމުމާ ގުޅޭ ގޮތުން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، އެ މަޝްރޫއުގެ ވާހަކަ ދައްކަވާއިރު، މާޒީއަށް ބައްލަވަން ޖެހޭ ކަމަށެވެ.

އެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި ފަށަން ހަމަޖެހުނު މަޝްރޫއެއް ކަމަށާއި، އޭރުގެ ޚަބަރުތައް ބަލައިލުމުން، މަޝްރޫއު ފެށިއިރަކާއި ނިންމާނެ ކަމަށް އިއުލާނުކުރި ތާރީޚުތައް ފެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އެ މަޝްރޫއުގެ މަސައްކަތާ ހަވާލުވީއިރު، މާލެއާއި ވިލިމާލެއާ ދޭތެރޭ އެކަނި ވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށް ވިދާޅުވެވިދާނެއެވެ.

ވަރަށް މަދު މަސައްކަތް ހުރީ، ތަނބުތަކެއް ވެސް ޖެހި އެކަހަލަ ކަންތައްތަކެއް ވެސް ނެތް އެގޮތުން ބަލާއިރު ހިންގިފައެއް. އެހެންވީމަ އަޅުގަނޑުމެން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް ކަމަށް ވެސް ދެންނެވިދާނެ، އަމަލީ މަސައްކަތް.
ރައީސް ޑރ. މުޙައްމަދު މުއިއްޒު

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން މަޝްރޫއާ ހަވާލުވީ ހިސާބުން ފެށިގެން، ވަރަށް ސަމާލުކަން ދީގެން މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އަދި ވީހާ ވެސް އަވަހަށް ބުރިޖުގެ މަސައްކަތް ނިންމަން ސަރުކާރުން ބޭނުންވާ ކަމަށާއި، އެކަމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ދެ ސަރުކާރުގެ ގާތް ގުޅުމުގެ ތެރެއިން މިހާރު މަޝްރޫއު އެ ދަނީ ވަރަށް ބާރަށް، މިހާރު މާލެއާއި ވިލިމާލެއާ ދޭތެރޭ އެ އޮތީ ހަމަ ގާތްގަނޑަކަށް ކަނެކްޓްކޮށް ނިމިފައި. ވިލިމާލޭން ގޮސް ގުޅިފަޅަށް ވެސް ކަނެކްޝަން ވަރަށް ބޮޑު ބައި ނިމިއްޖެ،" އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބުރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑުގައި ގެންދެވިއްޖެ ނަމަ، މާ ލަސްތަކެއް ނުވެ ނިމޭނެ ކަމަށެވެ. ނަމަވެސް މަސައްކަތް ނިމޭނެ ވަކި ތާރީޚެއް އެ މަނިކުފާނު ނުދެއްވައެވެ.

ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ފުރަތަމަ ހަފުތާ ތެރޭގައި ބުރިޖުގެ މަސައްކަތް ބައްލަވައިލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ތިލަމާލެ ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ފެށީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއެކުގައެވެ.

އެ ބުރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އޯގަސްޓު 2، 2022ގައި ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެއީ އޭރު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، ތިލަމާލެ ބުރިޖުގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. އަދި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ފުރަތަމަ ހަފުތާ ތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވައިލައްވަން ވެސް ވަޑައިގަތެވެ.

https://sun.mv/185075

އޭރު ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެ މަނިކުފާނު ވަނީ، ބުރިޖުގެ މަސައްކަތް މާލޭގައި ކުރިއަށްދާ ގޮތާއި، މާލެއާއި ވިލިނގިއްޔާ ދެމެދު ސަރަޙައްދުގެ މަސައްކަތްތައް ވެސް ބައްލަވާލައްވައިފައެވެ. އޭގެފަހުން ގުޅިފަޅަށް ވަޑައިގެން އެ ތަނުގައި އޭރު ކުރިއަށްގެންދިޔަ ޕްރީކާސްޓިންގެ މަސައްކަތްތަކާއި ބްރިޖުގެ އެކި މަސައްކަތްތައް އޭރު ރައީސް ބެއްލެވި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އެ ދަތުރުފުޅުގައި ނޫސްވެރިން ވެސް ބައިވެރިކުރިއިރު، މާލޭގައި ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން، ކަނޑުގެ ފުނަށް ޖަހަންޖެހޭ ތަނބުތައް ޖެހުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔަކަން ފާހަގަވެފައިވެއެވެ. އަދި ވިލިމާލޭގައި ވެސް އޭރު ތަނބުތަކުގެ މަސައްކަތްތައް ކުރަމުންދިޔައިރު، ބައެއް ތަނބުތައް ފެނުމަތިން ފެންނަން ހުއްޓެވެ.

https://sun.mv/184921

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ އޭރުގެ އަންޑަ ސެކެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތާ ގުޅޭގޮތުން ސަރުކާރުގެ އިންތިގާލީ މަރުހަލާގައި ކޮމިޓީތަކުން މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

އެ މައުލޫމާތުތަކުން ހާމަވާ ގޮތުގައި، އެހާތަނަށް މަޝްރޫއުން 27 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ފިރުޒުލް ވިދާޅުވެފައިވެއެވެ. ނަމަވެސް އެހާތަނަށް 77 ޕަސެންޓް މަސައްކަތް ނިމިފައި އޮންނަން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/224362

ޞާލިޙްގެ ސަރުކާރުގައި ބުރިޖު ނިންމަން އެންމެ ފަހުން ދިން ތާރީޚަކީ 2024 ވަނަ އަހަރުގެ މެދުތެރެއެވެ. އެ ވެރިކަމުގެ ފަހު އަހަރު ކަމަށްވާ 2023ގައި ވިލިމާލެއާއި މާލެ ގުޅައިލެވޭނެ ކަމަށް އޭރު އޮތީ ލަފާކޮށްފައެވެ.

އެހެންނަމަވެސް އެ ތާރީޚުތަކަށް މަސައްކަތް ނިމިފައިނުވެއެވެ.

މި ސަރުކާރުން މިދިޔަ މަހު ވަނީ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް