ތިލަފުށިން ޔޫޓީއެފްއާ ހަމައަށް ގުޅާލާ ބްރިޖުގެ ދިރާސާތައް ނިމިއްޖެ، މި ދައުރު ތެރޭގައި ބަޔަކާ ހަވާލު ކުރަނީ

އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. މުއްތަލިބު -- ސަން ފައިލް ފޮޓޯ/ އަމަން ލަތީފް

ގިރާވަރު ފަޅާއި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ފެށުމަށް ބޭނުންވާ ދިރާސާތައް ހަދާފައިވާ ކަމަށާއި، މާ ލަސްތަކެއް ނުވެ އެ މަޝްރޫޢުގެ ޑިޒައިން މަސައްކަތް ފެށުމަށް ބަޔަކު ހޯދަން އިޢުލާނު ކުރައްވާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދިޔަ 'އަހާ' ފޯރަމުގައި ޢާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު ތިލަފުށްޓާ ހަމައަށް ވާޞިލުވުމުގެ މަގުމަތީގައިވާ ކަމަށެވެ. އަދި މިހާރު އަންދާޒާ ކުރެވެނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) މެދުވެރިކޮށް ތިލަފުށިން ޔޫޓީއެފް (އުތުރުތިލަފަޅު) އާ ހަމައަށް ބްރިޖު ގުޅުވައިލުމުގެ ފީސިބިލިޓީ ދިރާސާ ވެސް ހަދާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ބޭރުގެ ގައުމުތަކުން ލޯނު ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

އެހެންނަމަވެސް، ގައުމުގެ އިގްތިޞާދީ ޙާލަތު ރަނގަޅުވެ ލޯނު ލިބެންވާއިރަށް ބޭނުންވާ ހުރިހާ ޓެކްނިކަލް މަސައްކަތްތަކެއް ނިންމައި ތައްޔާރުކޮށްފައި ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެވެ. އަދި މި ދައުރުގެ ތެރޭގައި މި މަޝްރޫޢުގެ ކޮންޓްރެކްޓް ޙަވާލުކޮށް ޢަމަލީ މަސައްކަތް ފެށުމަކީ އަދިވެސް މި ސަރުކާރުގެ މައިގަނޑު ޓާގެޓް ކަމަށް ވިދާޅުވިއެވެ.

https://sun.mv/230284

"ސަރުކާރުން އޭރުވެސް އޭބީ މެދުވެރިކޮށް އެތަނުގެ ފީސިބިލިޓީ ތިލަފުށީ ޔޫޓީއެފްއާއި ހަމައަށް ބްރިޖު ގުޅުމަޢްޓަކައި ހަދާފައިވާނެ. އެހެން ނަމަވެސް ބޭރު ގައުމުތަކުން ލޯނު ލިބުުގެ ދަތިކަމާއި މިފަދަ ދަތިތަކާއި މިހުރިހާ ކަމަކާއި ހެދި މި މަޝްރޫއު ކުރިއަށް ދިއުމުގައި ދަތިތަކެއް ކުރިމަތިވި. ނަމަވެސް މާ ލަސްތަކެއް ނުވެ އެ މަޝްރޫއުގެ ޑިޒައިން މަސައްކަތް ފެށުމައްޓަކައި ބަޔަކު ހޯދަން އިއުލާނު ކުރާނެ." ވަޒީރު ވިދާޅުވިއެވެ.

ހިއްކާފައިވާ ސަރަޙައްދުތަކުން ބިން ލިބިފައިވާ ފަރާތްތަކަށް ބިންތައް ޙަވާލުކުރުމާއި، އެ ބިންތަކުގައި ފާރު އެޅުމުގެ ކަންކަން ފަދަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، ހިއްކާފައި ހުރި ބިންތަކުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތްތައް ގާއިމުކުރުމަކީ އެތަންތަން ހިއްކަން ދިޔަ ޚަރަދަށްވުރެ ބޮޑު ހޭދައެއް ހިނގާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިފަދަ ބޮޑު ޚަރަދެއް ދައުލަތުގެ ބަޖެޓުން އެއްފަހަރާ ކުރުމަކީ ދަތިކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމުގެ މިސާލެއްގެ ގޮތުން ގުޅިފަޅު ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެތަނުގައި އަސާސީ ޚިދުމަތްތައް ގާއިމުކޮށް މަގުތައް ހެދުމަށް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ މަސައްކަތް ލަސްވަމުންދާތީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ޕަބްލިކް ސާވިސް ކުންފުނިތަކާއި އެމްޓީސީސީއާ ގުޅިގެން ފެނާއި ނަރުދަމާގެ ނެޓްވޯކްގެ މަސައްކަތްތައް އަވަހަށް ފަށައިގެން ކުރިއަށް ގެންދިއުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތައް ވީހާވެސް އަވަހަކަށް ޙަވާލުކޮށް، އެތަންތަނުގައި އާބާދުވެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް