ތިލަމާލޭ ބުރިޖަކީ އަވައްޓެރި އިންޑިއާގެ ބޯޑަރުން ބޭރުގައި ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށާއި އެ މަޝްރޫއު ހަގީގަތަކަށްވާތީ އުފާކުރައްވާ ކަމަށް، އެ ގައުމުގެ ސަފީރު ޖީ. ބަލަސުބްރަމާނިއަމް މިއަދު ވިދާޅުވެއްޖެއެވެ.
ވެރިރަށް މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ގުޅައިލާ ތިލަމާލޭ ބްރިޖުގެ މަޝްރޫއު ކުރިއަށްދާ ގޮތް ސަފީރުގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައެއް ވަޒީރުން ވަނީ ބައްލަވައިލައްވައިފައެވެ. އަދި މާލެއާއި ވިލިމާލެ ގުޅައިލައިފައި އޮތް ސަރަހައްދުގައި އެއްކޮށް ހިންގަވައިފައި ވަޑައިގަތެވެ.
އެއަށްފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް ސަފީރު ވަރަށް ކުރުކޮށް ވިދާޅުވީ، ތިލަމާލޭ ބްރިޖުގެ މަޝްރޫއު ނިންމުމަށްޓަކައި ދިވެހި ސަރުކާރާއެކު އިންޑިއާ ސަރުކާރުން ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އިންޑިއާ ސަރުކާރުން އަންނަނީ ދިވެހި ސަރުކާރާއެކީ ގާތުން މަސައްކަތްކުރަމުން، މިއީ އިންޑިއާގެ ބޯޑަރުތަކުން ބޭރުގައި ނިންމައިލެވޭ އެންމެ ބޮޑު، އަދި ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއަށް ހެދުމަށްޓަކައި، އަދި އެކަން ހަގީގަތަކަށްވާތީ އުފާކުރަން،" ރައީސަށާއި ދިވެހި ފޮރިން މިނިސްޓްރީއަށް ޝުކުރު އަދާކުރައްވައި ސަފީރު ވިދާޅުވިއެވެ.
ތިލަމާލޭ ބްރިޖުގެ މަސައްކަތް ނިމި ރަސްމީކޮށް އެ ތަން ހުޅުވުމުން، ބްރިޖުގެ ސަބަބުން ދިވެހީންނަށް ފައިދާވާނެ ކަމަށް، ސަފީރު ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް، ރައީސާއި އިންޑިއާ ސަފީރު ބައްލަވައިލެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވީ، ތިލަމާލޭ ބްރިޖަކީ ރާއްޖެއާއި އަވައްޓެރި އިންޑިއާގެ ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތްތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި އެ ގައުމުގެ ސަރުކާރުން ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން މާލެއާއި ވިލިމާލެ ގުޅައިލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ތިލަމާލޭ ބްރިޖު އެއްކޮށް ނިމުމަކީ މާލެ ސަރަހައްދުގެ ތަރައްގީއަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
"ދެން މީގެން މި ދޭހަކޮށްދެނީ އަޅުގަނޑުމެން މިކަހަލަ މުހިއްމު ހުރިހާ މަޝްރޫއުތަކެއް ބާރު ސްޕީޑުގައި ގެންގޮސް ނިންމުމަށް އިސްކަންދޭކަން، އެނގިވަޑައިގަންނަވާނެ ފަދައިން މި ސަރުކާރު ފެށިގެން އައި އިރުގައި ބޮޑެތި ބައެއް މަޝްރޫއުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމައިލަން މަސައްކަތްކުރި،" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއި ހަނިމާދޫ އެއާޕޯޓުގެ ޓާމިނަލްގެ މަޝްރޫއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވިއެވެ.
ޚާއްސަކޮށް އިންޑިއާއާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ މަޝްރޫއުތައް ނިންމުމަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

ތިލަމާލެ ބުރިޖު: އެ ބްރިޖަކީ އިންޑިއާގެ ބޯޑަރުން ބޭރުގައި ކުރެވޭ އެންމެ ބޮޑު މަސައްކަތް ކަމަށް ސަފީރު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މީގެ ކުރިން ވަނީ، އުއްމީދަކީ އަހަރެއްހާ ދުވަހުގެ ތެރޭ ތިލަމާލޭ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައިލުން ކަމަށް ވިދާޅުވެފައެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ފެށީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއެކުގައެވެ.
އެ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އޯގަސްޓު 2، 2022ގައި ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. އެއީ އޭރު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.