މި އަހަރުގެ މިހާ ހިސާބަށް ތިލަމާލެ ބްރިޖުގެ 77 ޕަސެންޓް މަސައްކަތް ނިމޭނެކަމަށް މަސައްކަތު ޕްލޭންގައި އޮތް ނަމަވެސް މިހާތަނަށް ނިންމިފައި އޮތީ 27 ޕަސެންޓް މަސައްކަތްކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ވަނީ އާ ސަރުކާރުގެ އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލްވަނީ ސަރުކާރުން ކުރިއަށް އޮތްތަނުގައި ކުރާނެ މުހިންމު މަސައްކަތްތަކާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބައެއް ނިންމެވުންތައް ހިއްސާކުރައްވައިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތާ ގުޅޭގޮތުން ވެސް އިންތިގާލީ މަރުހަލާގައި ކޮމިޓީތަކުން މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.
އެ މައުލޫމާތުތަކުން ހާމަވާ ގޮތުގައި މިހާތަނަށް ނިމިފައި އޮތީ 27 ޕަސެންޓް މަސައްކަތްކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެހެންކަމުން މިހާތަނަށް ނިމެންޖެހޭ 77 ޕަސެންޓުގެ ތެރެއިން 50 ޕަސެންޓް މަސައްކަތް އަދި އޮތީ ނުނިމިއެވެ.
"މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު އަސްލު ހަގީގަތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް މިއަދާ ހަމައަށް އަންނައިިރު 77 ޕަސެންޓް ނިމިފައި އޮންނަންޖެހޭ، ފުރަތަމަ އެކުލަވައިލެވުނު ތާވަލަށް ބަލާއިރު. އެހެންނަމަވެސް އެ ރިޕޯޓުގައި ވެސް ވާގޮތުން މިހާތަނަށް ނިމިފައިވަނީ 27 ޕަސެންޓް މަސައްކަތް،" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ އިސްކަން ދޭނީ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ކަމަށެވެ. އެއީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތް ހިމެނޭ 'ހަފުތާ14'ގެ ތެރޭ ހިމެނޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"އެ ކަންކަމަށްފަހު ދެން އަޅުގަނޑުމެންނަށް ރީޝެޑިއުލް ކުރެވިގެން އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކޮށް ނިންމައިލުމަށް އަޅުގަނޑުމެންނަށް މަގުޗާޓަކާ ހަމައަށް އާދެވޭނީ،" ފިރުޒުލް ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކޮށް، ނިންމައިލުމަށް ޓަކައި މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.
މީގެ ކުރިން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ބޭއްވެވި އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް އެންމެ ބޭނުންވި ދުވެލީގައި ކުރިއަށް ނުގެންދެވުނުކަމަށް ވިދާޅުވެފައެވެ.
އަދި އެ މަސައްކަތް އަވަސް ދުވެލީގައި ކުރިއަށް ދިޔަނަމަ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުން ރަނގަޅު ނަތީޖާއެއް ލިބުނީސްކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.