ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކޮށްގެން ކުރާ ކާގޯ ދަތުރުތައް މިއަދު ފަށައިފިއެވެ.
މިއީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ސީދާ ގުޅުމެއް ގާއިމުކޮށް، މެލޭޝިއާއިން ތާވަލުކޮށްގެން ރާއްޖެއަށް ކުރާ ފުރަތަމަ ކާގޯ ދަތުރުތަކެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި މި ދަތުރުތައް ކުރާނީ ހަފުތާއަކު ދެ ދުވަހުއެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ކާގޯ ބޯޓުފަހަރެވެ. ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލޭނެއެވެ.
މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި ކަމަށްވާ "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެކެވެ. ރާޔާ އެއާވޭސްގެ ހިދުމަތާއެކު ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު މިހާރު ގަވާއިދުން މުދާ އުފުލޭނެއެވެ.

މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ. މީގެ ސަބަބުން ކާގޯ ގުޅުވައިދޭ ހަބެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދައުރު އިތުރަށް ވަރުގަދަވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި މުދާ ފޮނުވާ ފަރާތްތަކަށް އިތުރު މަގުތައް ހުޅުވި، ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުން ފަސޭހަވާނެއެވެ.
ރާޔާ އެއާވޭސް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ދެވަނަ ތާވަލު ކާގޯ އެއާލައިނެވެ. މިއީ އާ ކާގޯ އެއާލައިންތައް ގެނެސް ކާގޯ ގުޅުންތައް ސިންދަފާތުކުރުމަށާއި، އެ އެއާޕޯޓަކީ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
މި އަހަރުގެ ޖެނުއަރީ އިން ޖުލައި މަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ 390 ކާގޯ ދަތުރު މެދުވެރިކޮށް 3،228 ޓަނުގެ ކާގޯ ހެންޑްލްކޮށްފައެވެ. މި ދަތުރުތަކުން އެއާޕޯޓް ވަނީ ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ފަދަ މުހިންމު މަންޒިލްތަކަކާ ގުޅުވާލެވިފައެވެ. މީގެ އިތުރުން، މިދިޔަ އަހަރު ވެސް 518 ކާގޯ ދަތުރު މެދުވެރިކޮށް 4،300 ޓަނަށް ވުރެ ގިނަ ކާގޯ އެ އެއާޕޯޓުން ހެންޑްލްކޮށްފައިވެއެވެ.