ދިރާގުޕޭ މެދުވެރިކޮށް ދިރާގު ބިލުތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ދެ މީހަކަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ ކަސްޓަމަރުންގެ މެދުގައި ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމާއި، ދިރާގުޕޭގެ ޚިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ އަގުވަޒަންކޮށް އަގުހުރި އިނާމެއް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
އަންނަ ޖަނަވަރީ 10ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެކަމަށް ދިރާގުން ބުނެއެވެ. ދިރާގުޕޭ މެދުވެރިކޮށް ދައްކާ ކޮންމެ ބިލަކާއެކު މި ގުރުއަތުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ލިބޭނެ ކަމަށާއި ގިނަ ބިލުތައް ދައްކާ ކަސްޓަމަރުންނަށް މެލޭޝިއާ ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭ މި ދަތުރުގެ ތެރޭގައި ދެ މީހަކަށް މެލޭޝިއާއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ހުރުމުގެ އިންތިޒާމުގެ އިތުރުން ފަތުރުވެރިން ޓްރެވަލް އެޖެންސީން ފަރުމާކޮށްފައިވާ ޚާއްސަ ޓުއާއެއް ވެސް ހިމެނޭކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ވަނީ، ދިރާގުޕޭ މެދުވެރިކޮށް އެފްޑީސީ ފްލެޓުތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. ދިރާގުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން މިފަދަ އަގުހުރި ގިނަ ޕްރޮމޯޝަންތަކެއް ހިންގަމުން އަންނަކަން ފާހަގަކުރެވެއެވެ.