ފަސިންޖަރުން ދަތުރުކުރި މިންވަރަށް ބަލައި، ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއާޕޯޓުގެ މަގާމު ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާގެ އިންޗިއޮން އިންޓަނޭޝަނަލް އެއާޕޯޓުން ހޯދައިފިއެވެ.
އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެ އެއާޕޯޓުން ވަނީ ބައިނަލްއަގުވާމީ 38.4 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދީފައެވެ.
މި ލިސްޓުގެ ދެވަނައިގައި އޮތީ 37.79 މިލިއަން ފަސިންޖަރުންނާއެކު އިނގިރޭސިވިލާތުގެ ލަންޑަން ހީތްރޯ އެއާޕޯޓެވެ. އެއީ ކުރީގައި އެންމެ ބާރުބޮޑު އެއާޕޯޓެވެ. އަދި ތިންވަނައިގައި އޮތީ 34.53 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދިން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓެވެ.
މީގެ ކުރިން 2024 އަދި 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޗިއޮން އެއާޕޯޓު އޮތީ 12 ވަނަ އަދި 13 ވަނައިގައެވެ. ފާއިތުވި ދެ އަހަރު ވެސް ދެވަނައިގައި އޮތް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓު މިފަހަރު ގަދަ ފަހަކުން ކަޓާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިންޗިއޮން އެއާޕޯޓަށް މި ކުރިއެރުން ލިބުނު މައިގަނޑު އެއް ސަބަބަކީ، އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތީގެ އެއާޕޯޓުތައް ބޭނުންކުރާ ފަސިންޖަރުންގެ އަދަދު މަދުވުން ކަމަށް އެ އެއާޕޯޓުން ބުނެއެވެ. އިންޗިއޮން އެއާޕޯޓް ކޯޕަރޭޝަނުން ބުނި ގޮތުގައި، މީގެ ކުރިން ޔޫރަޕަށް ދިއުމަށް ދުބާއީ މަގުން ދަތުރުކުރި ގިނަ ބަޔަކު މިހާރު ދަތުރުކުރަނީ އިންޗިއޮން މެދުވެރިކޮށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޓްރާންސިޓް ފަސިންޖަރުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 18 ޕަސެންޓު އިތުރުވެފައެވެ. އަދި ޔޫރަޕަށް ދަތުރުކުރާ ޓްރާންސިޓް ފަސިންޖަރުންގެ އަދަދު 63.2 ޕަސެންޓު އިތުރުވެ، 210،000 އަށް އަރާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
އުމްރާނީ ތަރައްގީއަށް ގެނައި ބަދަލުތަކާއެކު، ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ޚިދުމަތްދިނުމުގެ ގާބިލުކަން އެއާޕޯޓަށް ލިބިފައިވާ ކަމަށް ކޯޕަރޭޝަނުން ބުނެއެވެ. ދެހާސް އެއް ވަނަ އަހަރު ހުޅުވި އިންޗިއޮން އެއާޕޯޓުން މިހާރު ބައިނަލްއަގުވާމީ 158 މަންޒިލަކަށް ދަތުރުކުރެއެވެ. މިއާ ޚިލާފަށް، ހޮންގްކޮންގް އިންޓަނޭޝަނަލް އެއާޕޯޓުން 139 މަންޒިލަކަށް، ޝަންހާއީގެ ޕުޑޮންގް އެއާޕޯޓުން 92 މަންޒިލަކަށް، އަދި ޓޯކިޔޯގެ ނަރީޓާ އެއާޕޯޓުން 86 މަންޒިލަކަށް ދަތުރުކުރެއެވެ.
އިންޗިއޮން އެއާޕޯޓް ކޯޕަރޭޝަނުގެ އެކްޓިން ޕްރެޒިޑެންޓް ކިމް ބޮމް ހޯ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެއްވަނަ އެއާޕޯޓުގެ މަގާމު ހޯދުމުގައި ދެކުނު ކޮރެއާ ސަރުކާރުން ދިން އެއްބާރުލުމާއި، އާންމުންގެ ހިތްވަރާއި، އެއާޕޯޓުގައި މަސައްކަތްކުރާ އެންމެންގެ ބުރަ މަސައްކަތަށް ޝުކުރުވެރިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ފަސިންޖަރުންނަށް ފަސޭހަވާނެ ކަންކަމަށް އިސްކަންދީގެން ވާދަވެރިކަން އިތުރުކުރަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.