ރާއްޖެއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް އެކުލަވާލަން ބެލަރޫސްގެ ރައީސް ހުއްދަދެއްވައިފި

ބެލަރޫސްގެ ރައީސް އަލެކްސެންޑާ ލުކަޝެންކޯ ---

ރާއްޖެއާއި ބެލަރޫސްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބަސްވުމެއް އެކުލަވާލުމަށް ޓަކައި ބާއްވާ މަޝްވަރާތަކުގެ ބިންގަލެއްގެ ގޮތުގައި ބަލާނެ ޑްރާފްޓް އެއްބަސްވުން، ބެލަރޫސްގެ ރައީސް އަލެކްސެންޑާ ލުކަޝެންކޯ ފާސްކުރައްވައިފިއެވެ.

މިކަމާ ގުޅޭ ޤަރާރު (ޤަރާރު ނަންބަރު: 361) ގައި ރައީސް ލުކަޝެންކޯ ސޮއިކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހެވެ. މި ނިންމެވުމާއެކު، ރާއްޖެއާއެކު މި އެއްބަސްވުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރިހަމަ ބާރު ބެލަރޫސްގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސްއަށް މިހާރު ވަނީ ދީފައެވެ.

ބެލަރޫސްގެ ރައީސްގެ ޕްރެސް ސާވިސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވައިގެ ދަތުރުތައް ހަރުދަނާ އުސޫލުތަކެއްގެ ދަށުން އިންތިޒާމުކުރުމެވެ.

މިގޮތުން ވިޔަފާރި އުސޫލުންނާއި ވިޔަފާރި ނޫން އުސޫލުން ކުރެވޭ ބައިނަލްއަގްވާމީ ދަތުރުތަކުގައި ފަސިންޖަރުން އެރުވުމާއި ބޭލުން، އަދި މުދަލާއި ޕޯސްޓްގެ ޚިދުމަތް ވައިގެ މަގުން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ މިންގަނޑުތައް މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިގެންދާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވި އަމަލީ ސިފައެއް އަތުވެއްޖެނަމަ، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމަށާއި ދެ ގައުމުގެ ވިޔަފާރިއަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެއެވެ.

comment ކޮމެންޓް