ޔޫރަޕްގެ 14 ފްލައިޓަކަށް ބޮމުގެ އިންޒާރުދީ، ބައެއް ބޯޓުތައް ކުއްލި ހާލަތުގައި ޖައްސައިފި

މިއަދު ހެނދުނު ޕެރިހަށް ފުރަން ތައްޔާރުވެފައި އޮތް ޕޮލިޝް އެއާލައިންސް (އެލްއޯޓީ) ގެ ބޯޓެއްގެ ކައިރީގައި، މޫނު ނިވާކޮށްގެން ތިބި ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަނީ: ފޮޓޯ / މެތިއު ބޮޖާސްކީ

ޔޫރަޕްގެ އެކި ގައުމުތަކަށް މިއަދު ދަތުރުކުރަމުންދިޔަ ފަސިންޖަރުން އުފުލާ މަތިންދާބޯޓުތަކަކަށް އަމާޒުކޮށް ފުލުފުލުގައި ދިން ބޮމުގެ އިންޒާރުތަކަކާ ގުޅިގެން، ޔޫރަޕްގެ ވައިގެ ސަރަހައްދަށާއި ބޮޑެތި އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައި، ބޮޑު ހަލަބޮލިކަމެއް އުފެދިއްޖެއެވެ.

މި ހާދިސާތަކުގައި މަދުވެގެން 14 މަތިންދާބޯޓަކަށް އިންޒާރު ލިބިފައިވާއިރު، ބައެއް ބޯޓުތައް ވަނީ ކުއްލި ހާލަތުގައި ވައިގެ އަސްކަރީ ބޭސްތަކަށާއި އެހެން އެއާޕޯޓުތަކަށް ޑައިވަރޓްކޮށް، ސަލާމަތީ ބާރުތަކުން ބޯޓުތައް ފާސްކޮށްފައެވެ. ނަމަވެސް، މިހާތަނަށް ބެލިބެލުމުން އެއްވެސް ބޯޓަކުން ގޮވާތަކެތި ފެނިފައެއް ނުވެއެވެ. އަދި މި އިންޒާރުތަކުގެ ފަހަތުގައިވަނީ ކޮން ބައެއްކަން އަދި ސާފުވާގޮތެއް ނުވެއެވެ.

ރޯމަށް ދަތުރުކުރި ދެ ފްލައިޓަކަށް އިންޒާރު ދީފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އެ އީމެއިލްގައި ވަނީ އެ ގައުމުގެ "ފެމިނިސްޓް ވެރިކަމާ" ދެކޮޅު ކަމަށް ބުނެފައެވެ. އިޓަލީގެ މިހާރުގެ ބޮޑުވަޒީރަކީ އަންހެން ބޭފުޅެއް ކަމަށްވާ ޖޯޖިއާ މެލޯނީއެވެ.

އިންޒާރު ލިބުނު ފްލައިޓްތަކުގެ ތެރޭގައި ޑަބްލިންއިން ރޯމަށް ދަތުރުކުރި އެއާ ލިންގަސްގެ ފްލައިޓެއް ހިމެނެއެވެ. ޖުމްލަ 151 ފަސިންޖަރުންނާއި ހަ ފަޅުވެރިންނާއެކު ދަތުރުކުރި މި ބޯޓު ފްރާންސް ކައިރިން މިސްރާބު ބަދަލުކޮށް، ފްރާންސްގެ އަސްކަރީ މަރުކަޒަކަށް ވަނީ ކުއްލި ހާލަތުގައި ޖައްސައި، ބޮން ނައްތާލާ ފަރާތްތަކުން ބޯޓު ބަލައި ފާސްކޮށްފައެވެ.

މީގެއިތުރުން ހެލްސިންކީން ރޯމަށް ދަތުރުކުރި ފިންއެއާގެ ބޯޓަކަށް އިޓަލީގެ އަސްކަރީ ޖެޓުތަކުން ވައިގެ ތެރޭގައި އެސްކޯޓުކޮށް ރައްކާތެރިކަމާއެކު އެއާޕޯޓަށް ޖައްސާފައިވާއިރު، ފިންއެއާގެ އިތުރު ފްލައިޓަކަށާއި، ޕޮލެންޑުގެ އެލްއޯޓީ އެއާލައިންސް، އަދި ރަޔަންއެއާގެ ތިން ފްލައިޓަކަށް ވެސް ބޮމުގެ އިންޒާރު ވަނީ އަމާޒުވެފައެވެ.

މި ހާދިސާތަކާ ގުޅިގެން ޕްރާގް، ކޯޕަންހޭގަން އަދި ވޯސޯގެ އެއާޕޯޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ސިފައިންނާއި ފުލުހުން އަދި ސްނިފާ ކުއްތާތައް ބޭނުންކޮށްގެން ރަންވޭތަކާއި ބޯޓުތައް ފާސްކޮށްފައިވެއެވެ. ޗެކް ރިޕަބްލިކްގެ ފުލުހުން ބުނި ގޮތުގައި ޕްރާގަށް ދަތުރުކުރި ހަތަރު ފްލައިޓަކަށް ގޮވާތަކެތި ހަރުކޮށްފައިވާ ކަމުގެ އިންޒާރު ލިބިފައިވެއެވެ.

ޔޫރަޕިއަން ކޮމިޝަނާ ފޯ ޓްރާންސްޕޯޓް އަދި ޓޫރިޒަމް އަޕޮސްޓޮލޮސް ޒިޓްޒިކޮސްޓާސް ވިދާޅުވީ، މި އިންޒާރުތަކަކީ އެކަތި އަނެކައްޗާ ގުޅިފައިވާ ކަންކަން ކަމަށް އަދި ނިންމެން ނެތް ކަމަށާއި، މިއީ ސައިބާ ހަމަލާއެއްކަމުގެ މައުލޫމާތެއް ވެސް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި އެއްވެސް ޖަމާއަތަކުން މި އިންޒާރުތަކުގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

މި ހަފުތާގެ ކުރީކޮޅު ވެސް ޔޫރަޕްގެ ބައެއް އެއާޕޯޓުތަކަށާއި ފްލައިޓުތަކަށް މިފަދަ ދޮގު އިންޒާރުތައް ލިބިފައިވާއިރު، އަންގާރަ ދުވަހު ގްރީސްގެ ބަނދަރަކުން އިޒްރޭލުގެ ހައިފާއަށް ދަތުރުކުރަން އޮތް ކްރޫޒް ޝިޕަކަށް ވެސް ބޮމުގެ އިންޒާރެއް ދީގެން ސަލާމަތީ ބާރުތަކުން ވަނީ ހަރަކާތްތެރިވެފައެވެ.

comment ކޮމެންޓް