ބޮމުގެ ހަމަލާއެއްގެ އިންޒާރުތައް ލިބި، ޔޫރަޕްގެ ފްލައިޓުތަކެއް އަނެއްކާވެސް ޑައިވާޓްކުރަން ޖެހިއްޖެ

ބޮމުގެ ހަމަލާއެއްގެ އިންޒާރާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ސްޕެއިންގައި ޖެއްސި ފްލައިޓެއް ބަލައިފާސްކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ ރޮއިޓާސް

ޔޫރަޕްގެ ފްލައިޓުތަކަކަށް ބޮމުގެ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުތަކެއް މިއަދު ލިބި، ދަތުރުތަކަށް ބަދަލު ގެންނަން ޖެހިއްޖެއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެކި ރޫޓްތަކުން ދަތުރުކުރަމުން ދިޔަ 10 ބޯޓެއްގެ ދަތުރަށް، އިންޒާރުތަކާ ގުޅިގެން މިއަދު ވަނީ ބުރޫއަރައިފައެވެ.

ޗެކް ރިޕަބްލިކުން ވަނީ، އެ ގައުމާ ކައިރިން ދަތުރުކުރަމުން ދަނިކޮށް ބޮމުގެ ހަމަލާއެއްގެ އިންޒާރު ލިބުނު ހަތަރު ބޯޓެއް އެ ގައުމަށް ޖައްސަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ބަލްގޭރިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ގައުމަށް ޖައްސަން އޮތް ތިން ބޯޓަކަށް ވެސް އިންޒާރުތައް ލިބިފައިވާކަން ހާމަކޮށްފައެވެ.

އޭގެ ތެރެއިން ދެ ބޯޓެއް ބަލްގޭރިއާގައި ޖައްސައިފައިވާއިރު، އޭގެ ތެރެއިން އެއް ފްލައިޓް ދަތުރުކުރީ ސްޕެއިންގެ މެޑްރިޑުންނެވެ. އަދި ދެވަނަ ފްލައިޓު ދިޔައީ ޑެންމާކްގެ ކޯޕަންހޭގަންއިންނެވެ. އެ ދެ ބޯޓުން ވެސް ގޮވާ އެއްޗެއް ފެނިފައިނުވާ ކަމަށް ބަލްގޭރިއާގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ވެސް ޔޫރަޕްގެ ފްލައިޓުތަކަކަށް އެފަދަ އިންޒާރުތަކެއް ލިބުނެވެ. އޭގެ ސަބަބުން ހަތް ފްލައިޓެއްގެ ދަތުރަށް ބަދަލު ގެންނަން ޖެހުނުއިރު، އެއްވެސް ބޯޓަކުން ގޮވާ އެއްޗެއް ފެނިފައިނުވެއެވެ.


comment ކޮމެންޓް