ރަށްރަށުގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުން އިތުރުކުރަންޖެހޭ ކަމަށާއި، ނަމަވެސް މާލޭ ސަރަހައްދުގައި ދިވެހި ގިނަ ސްޕެޝަލިސްޓުން މަސައްކަތްކުރާތީ ރަށްރަށަށް ފޮނުވުމުގައި ގޮންޖެހުންތަކާ ދިމާވާ ކަމަށް، ހެލްތު މިނިސްޓްރީގެ ހެލްތު ސާވިސަސްގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަޙްމަދު އަޝްރަފް މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ، ރާއްޖޭގައި ޑޮކްޓަރުންގެ އަދަދު ބޭނުންވާ ނިސްބަތަށް ވުރެ މަދު ކަމަށާއި ރާއްޖޭގެ ރަށްތައް ބެހިފައި އޮންނަ ގޮތުގެ ސަބަބުން ބޭނުންވާ ވަރަށް ޑޮކްޓަރުން ފޯރުކޮށްނުދެވޭ ކަމަށެވެ.
އޭނާ ވަނީ، ވޭތުވެދިޔަ އަހަރުތަކުގައި ތަމްރީނުވެގެން ރާއްޖެ އައި ޑޮކްޓަރުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވައިފައެވެ.
"އެހެންވީމާ ރާއްޖޭގައި އަޅުގަނޑުމެންގެ އަތޮޅުތެރޭގައި މަސައްކަތްކުރައްވާނެ ޑޮކްޓަރުން އަދި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިތުރުކުރަން އެބަ ޖެހޭ،" އަޝްރަފް ވިދާޅުވިއެވެ.
މިހާރު ވެސް ޕީޑިއަޓްރިކް ރޭޑިއޯލޮޖީ، އަދި ނިއޯނޭޓަލް ފަދަ ދާއިރާތަކުން ސްޕެޝަލިސްޓުން ރާއްޖޭގައި ތިބި ނަމަވެސް، އަޝްރަފް ވިދާޅުވިގޮތުގައި އެ ދާއިރާތަކަށް އަދިވެސް އިތުރު ޑޮކްޓަރުން ބޭނުންވެއެވެ.
ހެލްތު ސާވިސަސްގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަޙްމަދު އަޝްރަފް: ވިދާޅުވީ ރަށްރަށުގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުން އިތުރުކުރަންޖެހޭ ކަމަށް --- ސްކްރީންޝޮޓްހަމަ އެހެންމެ ބައެއް ޚާއްސަ ދާއިރާތައް ރަށްރަށަށް ފުޅާކުރާއިރު އެ ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ފަރާތްތައް އެ ރަށްރަށުގެ މާހައުލާ އެއްގޮތަށް ތަމްރީނުކުރަން ޖެހޭ ކަމަށް އަޝްރަފް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ރަށްރަށުގައި ޚާއްސަ ދާއިރާތަކުން ދޭ ފަރުވާ އިތުރުކުރުމަށްޓަކައި ޑޮކްޓަރުން ރަށްރަށުގައި މަސައްކަތްކުރާ ގޮތަށް ތަމްރީނުކުރުމަށް ހިތްވަރުދޭން ޖެހެއެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެއް ޗެލެންޖެއް ހަގީގަތުގައި، ހުރިހާ ބޭފުޅުން ވެސް މާލޭ ސަރަހައްދުގައި ޕްރެކްޓިސްކުރައްވަނީ، އެހެންވީމާ އަތޮޅުތެރޭގެ ޚިދުމަތްތަކަށް ސްޕެޝަލިސްޓުން ފޮނުވުމުގައި އަޅުގަނޑުމެންނަށް ޗެލެންޖަސް އެބަހުރި އިނގޭތޯ،" އަޝްރަފް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން 60 އިންސައްތައަކީ ބިދޭސީ ޑޮކްޓަރުން ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާޅުވެފައިވެއެވެ.
މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޟަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޤީލާ ވިދާޅުވީ ސިއްހީ ޚިދުމަތް ރާއްޖޭގައި ދެމުން އަންނަނީ ގިނަ އަދަދެއްގެ ބިދޭސީ ޚިދުމަތްތެރިންނާ އެކު ކަމަށެވެ.
ކޮންމެ އަހަރަކު ވެސް ކިޔަވާ ނިންމައިގެން ގިނަ ދިވެހި ޑޮކްޓަރުން ވެސް އަންނަނީ ހިދުމަތާ ގުޅެމުންނެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް, ސްޕެޝަލިސްޓު ތަމްރީނުތަކަށް ދިވެހި 16 ޑޮކްޓަރަކު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ވަނީ ގުޅިފައެވެ.