ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން 60 އިންސައްތައަކީ ބިދޭސީ ޑޮކްޓަރުން ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި, މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޟަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޤީލާ ވިދާޅުވީ ސިއްހީ ޚިދުމަތް ރާއްޖޭގައި ދެމުން އަންނަނީ ގިނަ އަދަދެއްގެ ބިދޭސީ ޚިދުމަތްތެރިންނާ އެކު ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ 60 ޕަސެންޓު ޑޮކްޓަރުންނަކީ މިހާރު ވެސް ބިދޭސީ ޑޮކްޓަރުންނޭ އަޅުގަނޑުމެންގެ މި ޚިދުމަތުގައި މަސައްކަތްކުރާ،" ޤީލާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު 12،000އަށް ވުރެ ގިނަ ޚިދުމަތްތެރިން ސިއްހީ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ކަމަށް ޤީލާ ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި 7،000އަށް ވުރެ ގިނަ ޚިދުމަތްތެރިންނާއި މާލޭ ސަރަހައްދުގައި 5،000އަށް ވުރެ ގިނަ ޚިދުމަތްތެރިން އެބަތިބި ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ސިއްހީ ޚިދުމަތުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 3،400އަށް ވުރެ ބޮޑެވެ.
އުންމީދަކީ ގިނަ ދިވެހީންނާއެކު ސިއްހީ ޚިދުމަތް ފޯރުކޮށްދެވިގެން ދިއުން ކަމަށް ޤީލާ ވިދާޅުވިއެވެ. އެކަމަށްޓަކައި ގައުމީ ޔުނިވާސިޓީގައި މިހާރު ވެސް ތަމްރީނުތައް ފޯރުކޮށްދެވެމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެ އަހަރަކު ވެސް ކިޔަވާ ނިންމައިގެން ގިނަ ދިވެހި ޑޮކްޓަރުން ވެސް އަންނަނީ ހިދުމަތާ ގުޅެމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް, ސްޕެޝަލިސްޓު ތަމްރީނުތަކަށް ފަހު 16 ދިވެހި ޑޮކްޓަރަކު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ވަނީ ގުޅިފައެވެ.