މި ސަރުކާރުން ސިއްހީ ދާއިރާއިން ކަނޑައަޅާފައިވާ ކަންތައްތަކުގެ 67 އިންސައްތަ ހާސިލްކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި މިނިސްޓަރު ވަނީ ސިއްހީ ދާއިރާއިން 478 ވައުދުވެފައިވާއިރު، އޭގެތެރެއިން ބޮޑު ބައެއް މިހާރު ހާސިލްކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ގީލާ ވަނީ ސިއްހަތާ އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން 244 ނިންމެވުން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިއްހީ ދާއިރާއިން 835 ޕްރޮޖެކްޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށާއި މިހާތަނަށް ސިއްހީ ދާއިރާ ކުރިއެރުވުމަށް 8،384 ހަރަކާތެއް ހިންގާފައިވާ ކަމަށް ގީލާ ވިދާޅުވިއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވާހަކަދައްކަވަނީ -- ފޮޓޯ: ޕީއެންސީމިނިސްޓަރު ވަނީ ސިއްހީ ދާއިރާއިން ނިމުނު ސަރުކާރުގެ ފަސް އަހަރާއި މި ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް ސިއްހީ ދާއިރާއިން 5.9 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވާއިރު ނިމުނު ސަރުކާރުގެ ދައުރު ނިމުނުއިރު ހަވާލުކޮށްފައިވަނީ އެންމެ 2.62 ބިލިއަން ރުފިޔާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން މި ވެރިކަމުގައި މިހާތަނަށް 40 ހޮސްޕިޓަލެއްގެ މަސައްކަތް ފަށާފައިވާ ކަމަށާއި ނިމުނު ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ފަށާފައި ވަނީ އެންމެ 16 ހޮސްޕިޓަލެއްގެކަން މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަރުކާރުން މިހާރު 22 ސިއްހީ މަރުކަޒެއްގެ މަސައްކަތް ފަށާފައިވާއިރު ނިމުނު ސަރުކާރުން މަސައްކަތް ފެށީ އެންމެ 14 ސިއްހީ މަރުކަޒެއްގައިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ބޮޑު އަދަދެއް ކަނޑައަޅާފައިވީ ނަމަވެސް، އަހަރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު އެ ބަޖެޓުން ހޭދަކުރެވުނީ އެންމެ 232 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ނިމުނު އޮގަސްޓު މަހުގެ ފަހުކޮޅު ވަނީ ދައްކާފައެވެ.