މިދިޔަ ހަފުތާގައި ކުއްލި ނުރައްކަލުގެ 13 ހާދިސާއެއް

މީގެ ކުރިން ހިނގާފައިވާ އަލިފާނުގެ ހާދިސާއެއް: މިނުނު ހަފްތާގައި ކުއްލި ނުރައްކަލުގެ 13 ހާދިސާއެއް ވަނީ ހިނގާފަ --- ސަން ފޮޓޯ/ އަފްވާން ސޮލާހް

ނިމުނު ހަފްތާގެ ތެރޭގައި ހިނގި ކުއްލި ނުރައްކަލުގެ 13 ހާދިސާއަކަށް އެޓެންޑްވެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ހާދިސާތައް ހިނގާފައިވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ. މި ހުރިހާ ހާދިސާތަކަކީ ވެސް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އެޓެންޑްވެ އެހީތެރިކަން ފޯރުކޮށްދީފައިވާ މައްސަލަތަކެއް ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުން، ނިމުނު ހަފްތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަލިފާނުގެ ހާދިސާތަކާއި ހެޒްމެޓް އިންސިޑެންޓްތަކެވެ. އެގޮތުން، އަލިފާނުގެ ތިން ހާދިސާއަކާއި ތިން ހެޒްމެޓް އިންސިޑެންޓަކަށް އެފްއާރްއެސްއިން ވަނީ ހަރަކާތްތެރިވެފައެވެ. ހެޒްމެޓް އިންސިޑެންޓްތަކަކީ އިންސާނާގެ ސަލާމަތާއި މުދަލަށް ނުވަތަ ތިމާވެއްޓަށް ނުރައްކާވާ ފަދަ ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް ނުވަތަ ފިޒިކަލް މާއްދާތައް ކޮންޓްރޯލް ނުކުރެވި ދޫވުމުގެ ހާދިސާތަކެވެ.

މީގެ އިތުރުން، ފެން ބޮޑުވުމުގެ ދެ ހާދިސާއަކާއި، މީހުން ސަލާމަތްކުރުމުގެ ދެ ހާދިސާއެއްގެ އިތުރުން މެޑިކަލް އިމަޖެންސީގެ އެއް ހާދިސާއާއި އެހެނިހެން އެއް ހާދިސާއަކަށް އެމްއެންޑީއެފުން ވަނީ އެޓެންޑްވެފައެވެ.

ކުއްލި ނުރައްކަލުގެ ގިނަ ހާދިސާތަކަކަށް އެމްއެންޑީއެފުން އެޓެންޑްވެފައިވާއިރު، ދާދި ފަހުން ހިނގި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި ގެއްލުނު ތިން މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، މި ތިން މީހުން ގެއްލިފައިވަނީ ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް އަޑިއަށް ދިޔުމާ ގުޅިގެން މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާ ހިނގިތާ މިއަދަށް ހަ ދުވަސް ވެފައިވާއިރު، ގެއްލުނު މީހުން ހޯދުމަށް ޑްރޯނާއި މަތިންދާބޯޓު ބޭނުންކޮށްގެން ކަނޑުމަތިން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެ މީހުން ފެނިފައިނުވާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

https://sun.mv/225832

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން އާދީއްތަ ދުވަހު ބުނެފައިވަނީ، އެ މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

comment ކޮމެންޓް