މިދިޔަ ބުދަ ދުވަހު ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ސަޕްލައި ދޯންޏެއް އަޑިއަށް ދިޔުމާ ގުޅިގެން ގެއްލުނު ތިން މީހުން ހޯދަން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް މިހާތަނަށް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި، ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ދިޔައީ ބުދަ ދުވަހުގެ ރޭގައެވެ. އެމްއެންޑީއެފަށް އެ ހާދިސާގެ ރިޕޯޓު ލިބުނީ އެ ރޭގެ 22:37 ހާއިރެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފާއި ފުލުހުން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު އަޑިއަށް ދިޔައީ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ ހާދިސާ ހިނގި ވަގުތު އަށް މީހުން ދޯނީގައި ތިބިއިރު، އޭގެ ތެރެއިން ހަތް މީހުން ސަލާމަތް ކުރެވުނެވެ.
އެ ހާދިސާގައި ގެއްލުނީ ދޯނީގެ ކައްޕިއާއި، މީހުން ސަލާމަތް ކުރުމަށް ދިޔަ ފުލުހަކާއި ސިފައިންގެ މީހެކެވެ. އެއީ:
- ޕޮލިސް ސާޖަންޓް އަލީ ނާފިއު (33 އަހަރު)
- އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39 އަހަަރު)
- ދޯނީގެ ކައްޕި ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35 އަހަރު)
އެ މީހުން ހޯދުމަށް ޑްރޯނާއި މަތިންދާބޯޓު ވެސް ބޭނުންކޮށް، ކަނޑުމަގުންނާއި ވައިގެ މަގުން ފުލުހުންނާއި ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 7512 އަކަ ނޯޓިކަލް މޭލާއި ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މީހުން ފެނިފައިނުވާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ތިން މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ވަނީ، ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާ ކަމުގެ ޔަގީން ދީފައެވެ.
ހުޅަނގު މޫސުމުގެ މި ދުވަސްވަރަކީ ކަނޑުގަދަ ދުވަސްތަކެއް ކަމަށްވާއިރު، ދަތުރުކުރުމުގައި ސަމާލުވުމަށް އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.