ކުރީގެ ސަރުކާރުން ފެށި ސިއްހީ ދާއިރާގެ މަޝްރޫއުތައް ހުއްޓުނީ މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށާއި، ހެލްތު މިނިސްޓަރު ގީލާ ޢަލީ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވެއްޖެއެވެ.
އާދިލް މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ކުރިއަށް ނުގޮސް ހުއްޓުމުގެ ސަބަބުން 60 މިލިއަން ރުފިޔާ އިސްރާފުވެފައިވާ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވުމާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުންނެވެ.
އާދިލް ވިދާޅުވީ މިނިސްޓަރަށް މަޢުލޫމާތު ދެއްވާ ފަރާތްތަކުން އޮޅުވާލާފައިވާ ކަމަށާއި، ހަގީގަތުގައި މަޝްރޫއުތައް ހުއްޓުވީ މި ސަރުކާރުން ކަމަށެވެ. އެގޮތުން ކުވެއިތު ފަންޑުގެ އެހީގައި ކުރިއަށްގެންދިޔަ ހޮސްޕިޓަލް މަޝްރޫއުތައް ހުއްޓުނީ މި ސަރުކާރުން އެ ފަންޑާއެކު ގުޅުން ދެމެހެއްޓުމުގައި ނާގާބިލުވުމުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން އިންޑިއާ ކުންފުންޏަކާ ހަވާލުކުރި ތިން މަޝްރޫއެއް ބާތިލުކުރުމުން، އެ ކުންފުނިން ބަދަލުގެ ގޮތުގައި 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން މިހާރު އޭޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށްވެސް އާދިލް ވިދާޅުވިއެވެ.
ލާމު ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް މިދިޔަ ސަރުކާރުން ނިންމާފައި އޮތް މަޝްރޫއާ ބެހޭގޮތުން އާދިލް ވިދާޅުވީ، އެ މަޝްރޫއު ވެސް މި ސަރުކާރުން ހުއްޓުވާލާފައިވާ ކަމަށެވެ. އަދި އެމްޓީސީސީއަށް ދީފައިވާ އެޑްވާންސް ފައިސާ ބޭކާރުވީ ވެސް މި ސަރުކާރުގެ ނިންމުމުގެ ސަބަބުން ކަމަށާއި، މިހާރު އެ ހޮސްޕިޓަލް އަޅަން ނިންމާފައިވަނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ރަށް ކަމަށްވާ ފޮނަދޫގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކެލާ އާއި އިނގުރައިދޫގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހުއްޓުވީ އެ ތަންތަނުގެ ފައުންޑޭޝަން އަޅައި، ތަނބުތައް ޖަހާފައިވަނިކޮށް ކަމަށާއި، އެއަށްފަހު އެ މަޝްރޫއުތައް މިހާރު ދީފައިވަނީ އަމިއްލަ ފަރާތްތަކަށް ކަމަށް އާދިލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ހުރިހާ މަޝްރޫއެއް ވެސް ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ޓެންޑަރު ބޯޑުން ބަލަންޖެހޭ ހުރިހާ މަރުހަލާތަކެއް ނިންމުމަށްފަހު ކަމަށެވެ.
"މި ހުރިހާ ކަމެއްގައިވެސް ޒިންމާ ނަގަންޖެހޭނީ މިއަދުގެ ސަރުކާރުން. ވަކިވަކި ކަންކަމަކީ އެބޭފުޅުން އަމިއްލައަށް ނެންގެވި ނިންމުންތަކުން ލިބުނު ގެއްލުންތައް. ނާގާބިލުކަމުން މި ހުރިހާ ކަމެއް މިހެން މި ދިމާވީ،" އާދިލް ވިދާޅުވިއެވެ.
އާދިލް ވަނީ ސަރުކާރުން ފައިސާ ނުދިނުމާއި މަޝްރޫއުތައް ހުއްޓުވުމުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުމުގެ ފުރިހަމަ ޒިންމާ މިހާރުގެ ސަރުކާރުން އުފުލަންޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.