ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ސިއްހީ މަރުކަޒުތައް ބިނާކުރުމަށް ބަޔަކާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށާއި، އެހެންވެ އޭގެ ތެރެއިން 60 މިލިއަން ރުފިޔާ އިސްރާފުވި ކަމަށް، ހެލްތު މިނިސްޓަރު ގީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ކެލާ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުالله ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ، ކުރީ ސަރުކާރުން ކެލާގެ ސިއްހީ މަރުކަޒުގެ އައު އިމާރާތެއް ބިނާކުރުމަށް ބަޔަކާ ހަވާލުކޮށްގެން އެޑްވާންސް ފައިސާ އެ ބަޔަކަށް ދޫކުރި ކަމަށެވެ.
ނަމަވެސް ކެލާ ސިއްހީ މަރުކަޒުގެ އަމަލީ އެއްވެސް މަސައްކަތެއް ނުހިނގައި ގިނަ ދުވަސްވުމުގެ ސަބަބުން، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފުރިހަމަކުރުމަށް ފަހު ކޮންޓްރެކްޓަރާ އެކު ހަދައިފައިވާ އެއްބަސްވުން ބާތިލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ގީލާ ވިދާޅުވިއެވެ. ގީލާ ވިދާޅުވިގޮތުގައި އެ ތަނުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށް ވަނީ ފަށައިފައެވެ.

ހެލްތު މިނިސްޓަރު ޤީލާ ޢަލީ: ވިދާޅުވީ 16 މަޝްރޫއެއް ހުއްޓައިލަން ޖެހުނު ކަމަށާއި 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް --- ފޮޓޯ: މަޖިލިސް
"އިއްޒަތްތެރި މެންބަރު ތި ފާހަގަކުރެއްވި ގޮތަށް ސިއްހީ ޚިދުމަތުގައި ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް ވަނީ މިގޮތަށް ބާތިލުކުރަން ޖެހިފައި، 60 މިލިއަނަށް ވުރެ ގިނަ ފައިސާ އިސްރާފުވެފައިވަނީ މިގޮތަށް އެތައް ބަޔަކާ ހަވާލުކުރެވިފައި،" އޭނާ ވިދާޅުވިއެވެ.
އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ނަޞީރުގެ ސުވާލަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ، ކުރީ ސަރުކާރުން ގިނަ މަޝްރޫއުތައް ފަށައި އެޑްވާންސަށް ފައިސާ ދިނުމަށް ފަހު ވެސް ބައެއް ކޮންޓްރެކްޓަރުން އަމަލީ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
"މިގޮތުން 16 ޕްރޮޖެކްޓެއް މިހާރު ވަނީ ޓާމިނޭޓުކުރެވިފައި،" ގީލާ ވިދާޅުވިއެވެ.
ދެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވިގޮތުގައި ސަރުކާރުން އެ ފައިސާ ހޯދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
އެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން އަދި ނުވާ ކަމަށް ވެސް ގީލާ ވިދާޅުވިއެވެ.