ކްލިނިކަލް ޓްރަޔަލްގެ މަރުހަލާގައި އޮތް ބަރުދަން ލުއިކުރާ އާ ބޭހެއް ކަމަށްވާ ރެޓަޓްރޫޓައިޑްގެ ނަކަލުތަކެއް އިނގިރޭސިވިލާތުގެ ކަޅު ބާޒާރުގައި އާންމުކޮށް ވިއްކަން ފަށައިފިއެވެ.
އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި އީލައި ލިލީން އުފައްދާ މި ބޭހަކީ އަދި އެއްވެސް ގައުމެއްގެ އިދާރާއަކުން އިންސާނުން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ބޭހެއް ނޫނެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ ޖިމްތަކާއި، ސެލޫންތަކާއި، ސޯޝަލް މީޑިއާގެ އިތުރުން މަގުމަތީގައި މާ ވިއްކާ މީހުން މެދުވެރިކޮށް ވެސް މި ބޭހުގެ ނަކަލުތައް ދަނީ ވިއްކަމުންނެވެ.
މި ބޭހުގެ ނަކަލުތައް ބޭނުންކުރުމުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިވެ، ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނެއެވެ. އެންޑޯކްރައިނޮލޮޖިސްޓް ޕްރޮފެސަރު ޑޯނަލް އޯޝޭ ވިދާޅުވި ގޮތުގައި، ހޮޑުލެވުމާއި، ބޭރަށް ހިންގުމާއި، ކިޑްނީ ފެއިލްވުން ފަދަ މައްސަލަތަކުގައި ޒުވާން، ސިއްހަތު ރަނގަޅު މީހުން ދަނީ ހޮސްޕިޓަލަށް އެނދުމަތިކުރަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބައެއް ޕާސަނަލް ޓްރެއިނަރުން ދަނީ އެ މީހުންގެ ކްލައިންޓުންނަށް މި ބޭސް ހޯދައިދިނުމުގެ އިތުރުން، އިންޖެކްޝަން ވެސް ޖަހައިދެމުންނެވެ.
އިނގިރޭސިވިލާތުގެ ބްރައިޓަންއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ޓޮމް ޑޭވީސް ބުނި ގޮތުގައި، ޗައިނާގެ ސަޕްލަޔަރެއްގެ އަތުން ގަތް ނަކަލު ބޭހެއްގެ ޑޯޒް އޮޅިގެން އަށް ގުނަ އިތުރަށް ނެގުމުގެ ސަބަބުން އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވިއެވެ. ޓޮމް ބުނީ އޭނާގެ ބަނޑަށް 20 ކިލޯގެ ބަރުދަނެއް ވައްޓާލާފައިވާ ކަމުގެ އިހުސާސްކުރެވުނު ކަމަށާއި، 72 ގަޑިއިރު ވަންދެން ހޮޑުލެވި ބޭރަށް ހިންގި ކަމަށެވެ.
ފާމަސިސްޓް ސެހަރް ޝާހިދު ބުނި ގޮތުގައި، މީހުން ދަނީ ގަވާއިދާ ހިލާފު ބޭހެއް ހަށިގަނޑަށް އިންޖެކްޓްކުރަމުންނެވެ. އަދި އެއީ ރައްކާތެރި އެއްޗެއް ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށާއި، މިއީ އާންމު ކަމަކަށް ވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ރެޓަޓްރޫޓައިޑަކީ ހަށިގަނޑުގެ ތިން ހޯމޯން ރިސެޕްޓަރަކަށް އަމާޒުކޮށްގެން އުފައްދާ ފުރަތަމަ ބޭހެވެ. "ޓްރިޕަލް ޖީ" ގެ ނަމުން ނަންދީފައިވާ މި ބޭހުން ޖީއެލްޕީ-1، ޖީއައިޕީ އަދި ގްލޫކަގޮން ހޯމޯންގެ މަސައްކަތް ނަކަލުކޮށްދެއެވެ. މީގެ ސަބަބުން ބަނޑުހައިވުން ކުޑަކޮށްދީ، ހަށިގަނޑުން ކެލަރީ އަންދާ މިންވަރު އިތުރުކޮށްދެއެވެ. ނަމަވެސް، މި ބޭސް އަދި އޮތީ އެމެރިކާގައި ކްލިނިކަލް ޓްރަޔަލްގެ ތިންވަނަ މަރުހަލާގައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަރުހަލާއާ ހަމައަށް އަންނަ ބޭސްތަކުގެ ތެރެއިން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ހުއްދަ ލިބެނީ އެންމެ 50 އިންސައްތަ ބޭހަށެވެ.
ކްލިނިކަލް ޓްރަޔަލްތަކުގައި ބަލިމީހުން ސްކްރީންކުރާ ރިސާޗް ޑޮކްޓަރެއް ކަމަށްވާ ޑރ. ނާސް ޚައްޓަކް އިންޒާރުދެއްވި ގޮތުގައި، އޮންލައިންކޮށް މި ބޭސް ގަނެގެން އަމިއްލައަށް ބޭނުންކުރާ މީހުން އެ ހަދަނީ ވަރަށް ބޮޑު ގޯހެކެވެ. އެ މީހުން އަމަލުކުރަމުން ދަނީ އެއްވެސް ސިއްހީ ބެލެހެއްޓުމެއް ނެތި ލެބޯޓަރީ މީދާތަކެއް ފަދައިން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުލައި މަހުން ފެށިގެން މި ބޭހުގެ ނަކަލެއް ބޭނުންކުރަމުން އަންނަ ލީސާ ކިންގް ބުނި ގޮތުގައި، އޭނާގެ ބަރުދަނުން ހަފުތާއަކު ތިން ކިލޯ ދަނީ ލުއިވަމުންނެވެ. ބޭހަށް ހުއްދަ ނުލިބޭކަމުގެ ކަންބޮޑުވުމެއް ނެތް ކަމަށާއި، ނޭދެވޭ އަސަރެއް ފެނިއްޖެ ނަމަ ބޭސް ބޭނުންކުރުން ހުއްޓާލާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މި ބޭހުގެ ނަކަލުތައް ބޭނުންކުރާ އެހެން ބައެއް މީހުންނަށް ހޮޑުލެވުމާއި، ބޭރަށް ހިންގުމުގެ އިތުރުން އުފާވެރިކަން އިހުސާސްނުކުރެވުން ފަދަ މައްސަލަތައް ދިމާވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ކަޅު ބާޒާރުގައި މި ބޭސް ވިއްކުން ހުއްޓުވުމަށް އީލައި ލިލީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކުންފުނިން ބުނި ގޮތުގައި، ގަވާއިދާ ހިލާފަށް ބޭސް އިޝްތިހާރުކުރާ 14،000 އަށް ވުރެ ގިނަ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕޯސްޓުތައް ވަނީ ރިޕޯޓުކޮށްފައެވެ. އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ (އެމްއެޗްއާރުއޭ) އިން މިދިޔަ އަހަރު ނޯތުއެމްޕްޓަންގައި ހިންގި އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް ބަރުދަން ލުއިކުރާ ބޭސް އުފައްދާ ކާރުޚާނާއަކުން 2،000 އަށް ވުރެ ގިނަ ރެޓަޓްރޫޓައިޑް ގަލަން ވަނީ އަތުލައިގަނެފައެވެ.
އީލައި ލިލީން ރާވާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެފްޑީއޭގެ ހުއްދައަށް އެދި ހުށަހެޅުމަށެވެ. އެ ހުށަހެޅުން މުރާޖައާކުރުމަށް އަހަރެއްހާ ދުވަސް ނަގާނެތީ، އެމެރިކާގެ ބާޒާރަށް މި ބޭސް އެންމެ އަވަހަށް ވެސް ނެރެވޭނީ 2027 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އަދި އިނގިރޭސިވިލާތުގެ ބާޒާރަށް މި ބޭސް ނެރެވޭނެ ކަމަށް ލަފާކުރެވެނީ 2028 ވަނަ އަހަރުގައެވެ.