ސައިބާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް އޮޓޯމޭޓްކުރުމަށްޓަކައި އުތުރު ކޮރެއާއާ ގުޅުންހުރި ހެކިން ގްރޫޕަކުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ލާޖް ލޭންގުއޭޖް މޮޑެލްތަކާއި ޚާއްޞަ ސޮފްޓްވެއާ ސިސްޓަމްތަކެއް އުފައްދަމުންދާކަން ދެކުނު ކޮރެއާގެ ސައިބާ ސެކިއުރިޓީ ކުންފުންޏަކުން ހާމަކޮށްފިއެވެ.
ދެކުނު ކޮރެއާގެ ސެކިއުރިޓީ ފާމެއްކަމަށްވާ ޖެނިއަންސް އިންކްއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އުތުރު ކޮރެއާގެ ސަރުކާރަށް ވާގިވެރިވާ "ކިމްސުކީ" ނަމަކަށް ކިޔާ ހެކިން ގުރޫޕުން ދަނީ އަމިއްލަ ސާވާތަކުގައި އޭއައި މޮޑެލްތައް ހިންގޭނެ ނިޒާމުތައް ގާއިމުކުރަމުންނެވެ. އެގޮތުން އޮލާމާ، ޖީޕީޓީ4އޯލް އަދި މިސްޓީ ފަދަ ޓޫލްތަކާއެކު، ވަގަށް ނަގާ މައުލޫމާތުތައް ދިރާސާކުރުމަށް ރީޓްރީވަލް އޮގްމެންޓެޑް ޖެނެރޭޝަން (އާރްއޭޖީ) ޓެކްނޮލޮޖީ ބޭނުންކުރަމުންދާކަން ވަނީ ހޯދިފައެވެ.
މިފަދަ ލޯކަލް އޭއައި ނިޒާމުތައް ބޭނުންކުރުމުގެ މައިގަނޑު ބޭނުމަކީ، ވަގަށް ނަގާފައިވާ ނާޒުކު މައުލޫމާތުތައް ބޭރުގެ އާންމު އޭއައި ޚިދުމަތްތަކަށް ނުފޮނުވައި، އަމިއްލައަށް އެ މައުލޫމާތުތައް ދިރާސާކޮށް އެނަލައިޒްކުރުމެވެ. މީގެ އިތުރުން ސައިބާ ހަމަލާތަކަށް ބޭނުންކުރާ މެލްވެއާ އުފެއްދުމަށާއި، މީހުން ކަންތައްތަކަށް މަގުފުރައްދައިގެން ނުވަތަ އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ފޮނުވާ "ފިޝިން" އީމެއިލްތައް ސައްހަ އެއްޗެހީގެ ގޮތުގައި ދެއްކުމަށްޓަކައި ލިޔުންތައް ތައްޔާރުކުރުމަށްވެސް މިއޭއައި ޓޫލްތައް ބޭނުންކުރެއެވެ.
ޖެނިއަންސް އިން އިތުރަށް ފާހަގަކުރި ގޮތުގައި، މި ހެކިން ގުރޫޕުން ދަނީ އޭއައި އޭޖެންޓް ޑިވެލޮޕްމަންޓް ފްރޭމްވާކްތަކާއި، އަޑު އަކުރަށް ބަދަލުކުރާ ސޮފްޓްވެއާގެ އިތުރުން ކޯޑިންއަށް އެހީތެރިވެދޭ "ކާސަރު" ފަދަ އެޑްވާންސްޑް ޓޫލްތައްވެސް ބޭނުންކުރަމުންނެވެ. މިއީ ކިމްސުކީ ގުރޫޕުން ހަމައެކަނި އީމެއިލް ލިޔުމުގެ ބަދަލުގައި، މުޅި ހަމަލާގެ މަރުހަލާތައް އޮޓޯމޭޓްކުރުމަށް އޭއައި ބޭނުންކުރަން ފަށާފައިވާކަމުގެ ހެއްކެކެވެ.
މި ހަމަލާތަކުގައި މާލީ އިދާރާތަކާއި ކްރިޕްޓޯކަރަންސީއާ ގުޅުންހުރި ކުންފުނިތަކަށް އަމާޒުކޮށް، އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސައްހަ ނޫން އިންވެސްޓްމަންޓް ރިޕޯޓްތަކާއި އޮފީސް ލިޔުންތައް ފޮނުވަމުންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. ކިމްސުކީ ގުރޫޕަކީ މީގެ ކުރިން ވެސް އޭއައި ބޭނުންކޮށްގެން ދެކުނު ކޮރެއާގެ މިލިޓަރީ އައިޑީ ކާޑުތަކުގެ ޑީޕްފޭކް އުފެއްދައިގެން ސައިބާ ހަމަލާތައް ދީފައިވާ ގުރޫޕެކެވެ.
އުތުރު ކޮރެއާގެ ސަރުކާރަށް ވާގިވެރިވާ ސައިބާ ޖާސޫސީ ގުރޫޕެއްގެ ގޮތުގައި ބެލެވޭ ކިމްސުކީއަކީ އެމެރިކާގެ ޓްރެޜަރީން 2023 ވަނަ އަހަރު ފިޔަވަޅު އަޅާފައިވާ ގުރޫޕެކެވެ.
ސައިބާ ސެކިއުރިޓީ މާހިރުން ބުނާ ގޮތުގައި، އުތުރު ކޮރެއާއިން ދަނީ ގައުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި ޖާސޫސީ މައުލޫމާތު އެއްކުރުމަށް މިފަދަ އެޑްވާންސް ސައިބާ ހަމަލާތައް މުޅި ދުނިޔެއަށް އަމާޒުކޮށްގެން ދެމުންނެވެ.