ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި 1.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައި، ދަރަންޏަށް ފައިސާ ނަގަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ހަތަރު ޓީބިލެއް ވިއްކަން އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ސަރުކާރުން އަނބުރާ ދައްކަން އެންމެ ކުރު މުއްދަތެއް ކަނޑައަޅައިފައިވަނީ 265 މިލިއަން ރުފިޔާގެ ޓީބިލަކަށެވެ. އެގޮތުން، 3.5 ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއްގައި ވިއްކާ އެ ޓީބިލް އަނބުރާ ދައްކަން އޮތީ 28 ދުވަހުންނެވެ.
ދެވަނަ ޓީބިލަކީ، 3.87 ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައި ވިއްކާ، 55 މިލިއަން ރުފިޔާގެ ޓީބިލެކެވެ. އެ ޓީބިލް އަނބުރާ ދައްކަން އޮތީ 98 ދުވަހުންނެވެ.
ތިންވަނަ ޓީބަލަކީ 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް އޮތް، 255 މިލިއަން ރުފިޔާގެ ޓީބިިލެކެވެ. އެ ޓީބިލް ވިއްކަނީ 4.23 ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައެވެ.
ހަތަރު ވަނަ، އަދި އެންމެ ބޮޑު ޓީބިލަކީ 535 މިލިއަން ރުފިޔާގެ، އިންޓްރެސްޓް ރޭޓު 4.6 ޕަސެންޓަށް އަރާ ޓީބިލެކެވެ. އެ ޓީބިލް އަނބުރާ ދައްކަން އޮތީ އަހަރެއް ފަހުންނެވެ.

ބަޖެޓް ދިރާސާ ކުރުން: ޚަރަދުތައް ހަމަޖައްސަން ސަރުކާރުން ދަރަންޏަށް 1.1 ބިލިއަން ރުފިޔާ ހޯދަން ވަނީ އިއުލާންކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފިނޭންސް މިނިސްޓްރީންވަނީ އެ ޓީބިލްތައް ވިއްކުމާ ގުޅޭ އިތުރު މައުލޫމާތު 3349200އަށް ގުޅުމުން ލިބޭނެކަން ފާހަގަކޮށްފައެވެ.
ޓީބިލަކީ އިންޓަރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެވެ. ޓީބިލު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އެއަށް ދައްކަން ޖެހޭ އިންޓްރެސްޓު ވެސް އިތުރުވާނެއެވެ.
ސަރުކާރުން ވިއްކާ ޓީބިލް އާންމު ގޮތެއްގައި ގަންނަނީ، ނުވަތަ އިންވެސްޓްކުރަނީ، ރާއްޖޭގެ ބައެއް ބޭންކްތަކުންނާއި، ޕެންޝަން އޮފީހުންނާއި، ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކެވެ. މީގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކުރެއެވެ.
ސަރުކާރުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފުސީލުތަކުގެ އެންމެ ފަހުގެ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 23ގެ ނިޔަލަށް ދައުލަތަށް 24.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޚަރަދުތައް އެއަށްވުރެ އިތުރުވެ ވަނީ 25.5 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ދައުލަތުގެ ހޭދައިގެ ބޮޑު ބައެއް ހިއްސާކުރަނީ މުސާރައާއި އިނާޔަތްތަކާއި ހިންގުމުގެ ޚަރަދުތަކަށެވެ. އެގޮތުން މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކުރާ ޚަރަދު އެކަނިވެސް 8.51 ބިލިއަން ރުފިޔާއަށް އަރައެވެ.
އެކި ސަރުކާރުތަކުން ވާރުތަވެފައިވާ 1.1 ބިލިއަން ޑޮލަރުގެ ދަރަނި މި އަހަރު ދައުލަތުން ދައްކަން ޖެހޭއިރު، ޖުލައި 23ގެ ނިޔަލަށް ދަރަނި ދައްކަން ވަނީ 9.35 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މީގެ އިތުރުން، އާސަންދައާއި ސަބްސިޑީ ޚަރަދުތައް ވަރަށް ބޮޑުވެފައިވާއިރު، އެފަދަ ނިޒާމުތައް އިސްލާހުކޮށް ޚަރަދު ކުޑަ ކުރުމަށް ބޭރުގެ އިދާރާތަކުން ގޮވާލާތާ އަހަރުތަކެއް ވަނީ ވެފައެވެ.