ކައުންސިލާ މަޝްވަރާކުރުމެއް ނެތި މާލޭގެ 14 ބިމެއް ސަރުކާރަށް ނެގި ބޭނުން ތަފްސީލުނުކުރާތީ ކަންބޮޑުވުން

ފައިސަލް: ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ތަފުސީލު ހާމަނުކޮށް ނެގުމުން ކަންބޮޑުވޭ ކަމަށް --- ފޮޓޯ/ އެމްޑީޕީ

މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބިންތައް ނެގީ ތަފުސީލު ހާމަނުކޮށް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން، ދައުލަތަށް ނަގަން ވަނީ ނިންމާފައެވެ.

https://sun.mv/229151

އެ ކަމާ ގުޅިގެން އެމްޑީޕީގެ ބައެއް އިސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މިގޮތުން، ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގަމުންދާއިރު، ތަރައްގީ ކުރަން ޖެހޭނީ ކައުންސިލްތަކުގެ ބާރު ހަނިކުރުމެއް ނެތި ކައުންސިލްތަކަށް މާލީ ގޮތުންނާއި އިހުތިޞާސްގެ ބާރުތައް ދޫކޮށްލައިގެން ކަމަށެވެ.

ފައިސަލްއާއި މޭޔަރު އާޒިމް ސަލާންކުރައްވަނީ --- ފޮޓޯ/ އެމްޑީޕީ

ހަމައެއާއެކު ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް އެއްފަހަރާ ސަރުކާރަށް ނަގަން ނިންމި ބޭނުން ތަފުސީލުކޮށް ހާމަކުރެވިފައި ނެތްކަން ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ކަމުގައި ކައުންސިލާ މަޝްވަރާކޮށްފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ސަރުކާރު ހިންގަން ވާނީ ކައުންސިލްތަކަށް ލިބިފައި އޮތް ބާރުވެރިކަމަށް ޖާގަ ދީގެންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ކިބައިން ބާރުތައް އަތުލުމުގެ ބަދަލުގައި، ރައްޔިތުން ބާރުވެރިކުރުވުމުގެ ނިޒާމެއް ކަމަށެވެ.

ކައުންސިލްތަކުން ރައްޔިތުންނަށް އެދެވޭ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެ ފަރާތްތަކަށް ބޭނުންވާ ބާރުތަކާއި، ވަސީލަތްތަކުގެ އިތުރުން މިނިވަންކަން ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ ގާނޫނުއަސާސީީ ޒިންމާތައް އަދާކުރުމަށް ބޭނުންވާ ބިމާއި ބަޖެޓް ފަދަ މުހިންމު ވަސީލަތްތައް ހިފަހައްޓާފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ.

"މި އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ މުސްތަގުބަލާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެމްޑީޕީ އަލުން ވެރިކަމަށް އަންނަނީ ކައުންސިލްތަކުގެ ކިބައިން އަތުލާފައިވާ ހައްގުތަކާއި ވަސީލަތްތައް އިއާދަކޮށްދިނުމަށެވެ،" އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މީގެއިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ މި ކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުއަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެއް ނޫން ކަމަށާއި އެއީ އެ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު ކަމަށެވެ.

"ހައުސިން މިނިސްޓަރަކަށް ހުންނަވައި ސިޓީ ކައުންސިލަށް ހެއްދެވި ގޮތުން އެކަން ސާފުވާނެ. މޭޔަރަކަށް ހުންނަވައި ބޭނުންވީ ހުރިހާ ބާރެއް. ވެރިކަމަށް އައިސް ފަހަރަކު ބާރެއް އަތުލައްވަމުން ގޮސް މިއަދު އެ އަތުލީ ވެރި ރަށުގައި ހުރި ހުރިހާ ބިމެއް،" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މާލޭގެ ކަންކަން ނިންމަން މާލޭގެ ރައްޔިތުން ވޯޓުން ހޮވި ކައުންސިލެއް އޮއްވައި ސަރުކާރުން ގޮތް ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމެއް ކަމަށާއި ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ ބާރުތައް ދޫކޮށްލުމާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެންނެވެ.

comment ކޮމެންޓް