44 ޕަސެންޓް އަންހެނުން ވިހަން ދަނީ އެހެން ރަށަކަށް، ވ. އަތޮޅުގައި މިދިޔަ އަހަރު އެއްވެސް ކުއްޖަކު ވިހާފައިނުވޭ

ތުއްތު ކުއްޖެއް: 44 ޕަސެންޓް އަންހެނުން ވިހަން ދަނީ އެހެން ރަށަކަށް ކަމަށް ތަފާސްހިސާބުން ދައްކާ -- ފޮޓޯ/ ސްޓެޓިސްޓިކްސް ބިއުރޯ

ރާއްޖޭގައި ގިނަ އަންހެނުން ވިހަން ދަނީ އެހެން ރަށަކަށް ކަމަށާއި، މިދިޔަ އަހަރު ވ. އަތޮޅުގެ ރަށެއްގައި ހުރެގެން އެއްވެސް މީހަކު ވިހައިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީއާއި ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެ ދެ އިދާރާއިން ނެރުނު ކުއާޓާލީ ވައިޓަލް ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުގައި މިދިޔަ އަހަރު 5،625 ކުދިން އުފަންވިއިރު، އޭގެ ތެރެއިން 3،927 ކުދިން އުފަންވީ މާލޭގައެވެ. އެއީ ރާއްޖޭގައި އުފަންވި ކުދިންގެ 69.8 ޕަސެންޓެވެ. އަދި އަތޮޅު ތެރޭގައި އުފަންވީ 30.2 ޕަސެންޓް ނުވަތަ 1،698 ކުދިންނެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން މާލެއަށް ފަހު އެންމެ ގިނަ ކުދިން އުފަންވީ, ދެން އާބާދީ އެންމެ ބޮޑު ދެ ސަރަހައްދު ކަމަށްވާ ހދ. އަތޮޅާއި އައްޑޫ ސިޓީގައެވެ. ހދ. އަތޮޅުގައި މިދިޔަ އަހަރު 385 ކުދިން އުފަންވިއިރު، އައްޑޫގައި 241 ކުދިން އުފަންވިއެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުން ރާއްޖޭގެ އެންމެ އާބާދީ ކުޑަ ވ. އަތޮޅުގައި މިދިޔަ އަހަރު އެއްވެސް އަންހެނަކު ވިހާފައިނުވެއެވެ. އަދި ކ. އަތޮޅުގެ ރަށްތަކުގައި ވެސް ވިހައިފައިވަނީ އެންމެ ކުއްޖެކެވެ. އެ ތަފާސްހިސާބާ ގުޅޭ ތަފުސީލުތައް ހާމަކޮށްފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި އެ ރަށްރަަށުގެ އަންހެނުން ވިހެއުމަށް ދަތުރުކުރީ އެހެން ރަށްރަށެވެ.

އައިޖީއެމްއެޗްގެ އެންއައިސީޔޫ: 44 ޕަސެންޓް އަންހެނުން ވިހަން ދަނީ އެހެން ރަށަކަށް ކަމަށް ތަފާސްހިސާބުން ދައްކާ -- ފޮޓޯ/ ޑރ. އަހްމަދު ފައިސަލް، އެކްސް

އެ ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ އަހަރު ދަރިން ލިބުނު އަންހެނުންގެ ތެރެއިން 2,501 އަންހެނުން ވިހައިފައިވަނީ އާންމުކޮށް ދިރިއުޅޭ ތަން ނޫން އެހެން ތަނެއްގައެވެ. އެއީ ޖުމްލަ އަދަދުގެ 44.5 ޕަސެންޓް އަންހެނުންނެވެ. ބާކީ 3،124 ވިހައިފައިވަނީ އާންމުކޮށް ދިރިއުޅޭ ރަށުގައެވެ.

މާލޭގައި ވިހައިފައިވާ 3،927 ކުދިންގެ ތެރެއިން، 1،476 ކުދިންގެ މައިންނަކީ އާންމު ގޮތެއްގައި މާލޭގައި ދިރިއުޅޭ މީހުން ނޫން ކަމަށް ތަފާސްހިސާބުގައިވެއެވެ.

އެންމެ ފަހުން 2022ގައި ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، އާބާދީގެ 212,138 މީހުން މާލޭ ސަރަހައްދުގައި ދިރިއުޅޭއިރު އަތޮޅުތެރޭގައި 236,747 މީހުން ދިރިއުޅެއެވެ. އެ ބޯހިމެނުމުން ދެއްކި ގޮތުގައި ހދ. އަތޮޅުގައި 22,534 މީހުން ދިރިއުޅޭއިރު، އައްޑޫގައި 25,053 މީހުން ދިރިއުޅެއެވެ. އަދި ވ. އަތޮޅުގެ އާބާދީ 2،000އަށް ވެސް ނާރާ ކަމަށް އެ ބޯހިމެނުމުގެ ރިޕޯޓުގައިވެއެވެ.

https://sun.mv/215884

ސްޓެޓިސްޓިކްސް ބިއުރޯއިން މީގެ ކުރިން ނެރެފައިވާ 'މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022-2062'ގައިވާ ގޮތުން 2022ގައި ރާއްޖޭގެ އާބާދީގެ 42 ޕަސެންޓް އުޅެނީ މާލޭގައި ކަމަށްވާއިރު، 2062 ވަނަ އަހަރަށް އެ އަދަދު އިތުރުވާނެއެވެ. އަދި އެ އަހަރު ޖެހޭއިރު، އާބާދީގެ ދެބައިކުޅައެއް ބަޔަށްވުރެ ބޮޑު ބައެއް ދިރިއުޅޭނީ މާލޭގައި ކަމަށް އެ އިދާރާސާގައި އަންދާޒާކޮށްފައިވެއެވެ.

އެންމެ ގިނަ އަދަދެއްގެ މީހުން މާލެއަށް ހިޖުރަ ކުރާ ސަބަބުތަކުގެ ތެރޭގައި ބޭސް ފަރުވާ ހޯދުމާއި، ތައުލީމު ހާސިލު ކުރުން ހިމެނެއެވެ.

comment ކޮމެންޓް