2062 އަންނައިރު މަސައްކަތު އާބާދީގައި ދިވެހި ފިރިހެނުންނަށްވުރެ އިތުރަށް 40،000 ބިދޭސީން

ދޯންޏެއްގައި މަސައްކަތްކުރާ ބިދޭސީއަކު ދޯނީގައި މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ފަސްދޮޅަސް ދެވަނަ އަހަރު އަންނައިރު ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހި ފިރިހެނުންނަށްވުރެ އިތުރަށް 40،000 ބިދޭސީން ތިބޭނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑު (ޔޫއެންއެފްޕީއޭ) ގުޅިގެން ތައްޔާރުކުރި 'މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022-2062'ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ރިޕޯޓުގައިވާ ގޮތުގައި ބިދޭސީ އާބާދީ ކުރިއަށް އޮތް 10 އަހަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. އެއަށްފަހު ބިދޭސީ އާބާދީ އިތުރުވެގެންދާނީ މެދު އިރުމަތީގެ ގައުމުތަކުގައި އިތުރުވަމުންދާ މިންވަރަށް ބަލައި، ފިކްސްޑް ރޭޓަކުންނެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ 2062 ވަނަ އަހަރު އަންނައިރު 678،026 އަށް އަރާއިރު، އޭގެ ތެރެއިން 414،679 މީހުންނަކީ ދިވެހީންނެވެ. ބާކީ 263،345 މީހުންނަކީ ބިދޭސީންނެވެ.

ދެހާސް ބާވީސް ވަނަ އަހަރު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ނިސްބަތް ހުރީ 30 އިންސައްތައިގައެވެ. މުސްތަގުބަލުގައި ބިދޭސީންގެ އާބާދީ އިތުރުވެ، 2062 ވަނަ އަހަރު އަންނައިރު އާބާދީގެ 39 އިންސައްތަ ވެގެންދާނީ ބިދޭސީންނަށް ކަމަށް އެ ދިރާސާއިން ދައްކައެވެ. އެއީ ކޮންމެ ފަސް މީހުންގެ ތެރެއިން ދެމީހެކެވެ.

ސްޓެޓިސްޓިކްސް ބިއުރޯއާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑު (ޔޫއެންއެފްޕީއޭ) ގުޅިގެން ތައްޔާރުކުރި 'މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022-2062'ގެ މައްޗަށް ބިނާކޮށް ހެދި ރިޕޯޓުގެ ތެރެއިން --

ދެހާސް ބާވީސް ވަނަ އަހަރު ރާއްޖޭގެ މަސައްކަތްކުރާ އުމުރުފުރާގެ މީހުންގެ ތެރޭގައި ވެސް ގިނައީ ބިދޭސީންނެވެ. އެގޮތުން 25-29 އަހަރުގެ މީހުންގެ ތެރޭގައި ދިވެހި ފިރިހެނުންނަށްވުރެ 17،000 ބިދޭސީން އިތުރުކަން އެ ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް 2062 ވަނަ އަހަރު އަންނައިރު އެ އަދަދު އެއަށްވުރެ އިތުރުވެގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އެ އުމުރުފުރާތަކުގައި ދިވެހި ފިރިހެނުންނަށްވުރެ އިތުރަށް 40،000 ބިދޭސީން ތިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ކަން އެހެން އޮތްއިރު 2022އާއި 2050 ވަނަ އަހަރާ ދެމެދު ދިވެހި އާބާދީއަށް 12 އިންސައްތައިގެ އިތުރުވުމެއް އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 46،000 މީހުން އާބާދީއަށް އިތުރުވެ، ދިވެހި އާބާދީ 2050 ވަނަ އަހަރަށް ދާއިރު 427،994 އަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްށްފައެވެ. އެއަށްފަހު އެވްރެޖްކޮށް ކޮންމެ އަހަރަކު 1،000 މީހުން ދިވެހި އާބާދީން މަދުވެގެންދާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި 2062 ވަނަ އަހަރު ދިވެހި އާބާދީގެ ނިސްބަތުން 59 އިންސައްތަ ދިރިއުޅޭނީ މާލެ ސަރަހައްދުގައެވެ. އެގޮތުން 2062 ވަނަ އަހަރު އަތޮޅުތަކުގައި ދިރިއުޅޭ ދިވެހި އާބާދީ 10،000އަށް ވުރެ އިތުރުވާނީ އެންމެ ހަ އަތޮޅުގައެވެ. އަދި އެންމެ ގިނަ ދިވެހީން ދިރިއުޅޭނީ ހދ. އަތޮޅުގައެވެ. އެއަށްފަހު އައްޑޫ ސިޓީގައެވެ.

ބިދޭސީ މަސައްކަތްތެރިން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ދިވެހީންގެ ބޮޑު އާބާދީއެއް މާލެ ސަރަހައްދަށް ހިޖުރަކުރުމުން އަތޮޅުތަކުގައި ދިރިއުޅޭ ބިދޭސީންގެ ނިސްބަތް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެގޮތުން 2062 ވަނަ އަހަރު ވ. އަތޮޅުގެ އާބާދީގައި ދެބައިކުޅަ އެއްބައި މީހުންނަކީ ބިދޭސީން ކަމުގައިވާއިރު އައްޑޫ ސިޓީގެ އާބާދީގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ވާނީ ބިދޭސީއަކަށެވެ.

މި ދިރާސާއިން ފާހަގަކޮށްފައިވާ އެހެނިހެން ކަންކަމުގެ ތެރޭގައި:

  • 2062 ވަނަ އަހަރު އިދާރީ ރަށްރަށުގައި ގިނައިން ދިރިއުޅޭނީ އުމުރުން ދުވަސްވީ މީހުން
  • ސްކޫލް އުމުރުގެ ކުދިން މަދުވުން
  • 2052 ވަނަ އަހަރުން ފެށިގެން ރާއްޖެ ވެގެންދާނީ 'ސުޕަ އޭޖްޑް' ގައުމަކަށް
  • 2062 ވަނަ އަހަރު ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކު ވާނީ ދަރިމައިވާ އުމުރުފުރާގެ މީހަކަށް
  • 2045 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރާ އުމުރުފުރާއަށް ބޮޑަށް ބަރޯސާވާނީ އުމުރުން ދުވަސްވީ މީހުން

މި ރިޕޯޓުގައި ހިމަނާފައި ވަނީ މުސްތަގުބަލުގައި އާބާދީއަށް އަންނާނެ ބަދަލުތަކުގެ ތަސައްވުރަށް ބިނާކޮށް ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ.

comment ކޮމެންޓް