މިދިޔަ އަހަރު ރާއްޖޭގައި 5،625 ކުދިން އުފަންވިއިރު، އޭގެ ތެރޭގައި ގިނައީ ފިރިހެން ކުދިން ކަމަށް ހެލްތު މިނިސްޓްރީއާއި ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ވަނީ، ރާއްޖޭގައި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ތަފާސްހިސާބު ހިމެނޭ ކުއާޓާލީ ވައިޓަލް ސްޓެޓިސްޓިކްސް އާންމުކޮށްފައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގެ ތަފާސްހިސާބުތައް ވެސް ވަނީ ހިމަނައިފައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުން، މިދިޔަ އަހަރު 5،625 ކުދިން އުފަންވިއިރު، އޭގެ ތެރޭގައި ހިމެނެނީ 2،789 އަންހެން ކުދިންނާއި 2،835 ފިރިހެން ކުދިންނެވެ. އެގޮތުން އެކި ކުއާޓަރުތަކުގައި އުފަންވި ކުދިންގެ އަދަދުތަކަށް ބަލާއިރު:
ފުރަތަމަ ކުއާޓަރު
- އަންހެން: 697
- ފިރިހެން: 730
- ޖުމްލަ: 1،427
ދެވަނަ ކުއާޓަރު
- އަންހެން: 702
- ފިރިހެން: 677
- ޖުމްލަ: 1،380
ތިންވަނަ ކުއާޓަރު
- އަންހެން: 682
- ފިރިހެން: 692
- ޖުމްލަ: 1،374
ހަތަރު ކުއާޓަރު
- އަންހެން: 708
- ފިރިހެން: 736
- ޖުމްލަ: 1،444
އެ ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ އަހަރު އެންމެ ގިނަ ކުދިން އުފަންވެފައިވަނީ ޑިސެންބަރު މަހެވެ. އެ މަހު 545 ކުދިން އުފަންވިއިރު، ދެން އެންމެ ގިނަ ކުދިން އުފަންވީ ޖުލައި މަހާއި މާރިޗު މަހެވެ. އޭގެ ތެރެއިން ޖުލައި މަހު 506 ކުދިން އުފަންވިއިރު، މާރިޗު މަހު 504 ކުދިން އުފަންވެފައިވެއެވެ.
އެ ތަފާސްހިސާބުގައިވާ ގޮތުން އެންމެ މަދުން ކުދިން އުފަންވެފައިވަނީ ސެޕްޓެންބަރު މަހެވެ. އެގޮތުން އެ މަހު އުފަންވެފައިވަނީ 421 ކުދިންނެވެ.
އެ ތަފާސްހިސާބުގައިވަނީ، މިދިޔަ އަހަރު ދަރިން ހޯދި އަންހެނުންގެ ތެރެއިން 1،794 އަންހެނުންގެ އުމުރަކީ 30 އަހަރާއި 34 އަހަރާ ދެމެދު ކަމަށެވެ. ދެވަނައަށް އެންމެ އާންމު އުމުރުފުރައަކީ 25 އަހަރާއި 29 އަހަރާ ދޭތެރެއެވެ. އެ އުމުރުގެ 1،561 މީހުންނަށް މިދިޔަ އަހަރު ދަރިން ލިބިފައިވެއެވެ.
ރާއްޖޭގައި އެންމެ ފަހުން، 2022ގައި ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި އާބާދީ 515,132އަށް އަރާއިރު އޭގެ ތެރޭގައި ހިމެނެނީ 382,639 ދިވެހީންނެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެގޮތުން އޭރު އާބާދީގައި ހިމެނުނީ 188,077 ފިރިހެނުންނާއި 194,562 އަންހެނުންނެވެ.