މިދިޔަ އަހަރު ދަރިން ހޯދި ދިވެހި އަންހެނުންގެ ތެރެއިން އެންމެ ގިނަ އަންހެނުންނަކީ 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުން ކަމަށް ހެލްތު މިނިސްޓްރީއާއި ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ވަނީ، ރާއްޖޭގައި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ތަފާސްހިސާބު ހިމެނޭ ކުއާޓާލީ ވައިޓަލް ސްޓެޓިސްޓިކްސް އާންމުކޮށްފައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު 5،625 ކުދިން އުފަންވިއިރު، އޭގެ ތެރޭގައި ހިމެނެނީ 2،789 އަންހެނުން ކުދިންނާއި 2،835 ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ކުދިން ވިހައިފައިވަނީ އަހަރުގެ ފަހު ކުއާޓަރު ކަމަށްވާ، އޮކްޓޫބަރާއި ނޮވެންބަރާއި ޑިސެންބަރު މަހުގައެވެ. އެ މުއްދަތުގައި 1،444 ކުދިން ވިހައިފައިވެއެވެ.

މީހަކު ތުއްތު ކުއްޖެއް އުރާލައިގެން: މިދިޔަ އަހަރު 5،000އަށްވުރެ ގިނަ ކުދިން އުފަންވި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެ ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ އަހަރު ދަރިން ހޯދި އަންހެނުންގެ ތެރެއިން 1،794 އަންހެނުންގެ އުމުރަކީ 30 އަހަރާއި 34 އަހަރާ ދެމެދެވެ. ދެވަނަ އެންމެ އާންމު އުމުރުފުރައަކީ 25 އަހަރާއި 29 އަހަރާ ދޭތެރެއެވެ. އެ އުމުރުގެ 1،561 މީހުންނަށް މިދިޔަ އަހަރު ދަރިން ލިބިފައިވެއެވެ. އެގޮތުން ދަރިން ލިބުނު އަންހެނުންގެ އުމުރުފުރާތަކަށް ބަލާއިރު:
- 15 އަހަރާއި 19 އަހަރާ ދެމެދު: 65 އަންހެނުން
- 20 އަހަރާއި 24 އަހަރާ ދެމެދު: 774 އަންހެނުން
- 25 އަހަރާއި 29 އަހަރާ ދެމެދު: 1،561 އަންހެނުން
- 30 އަހަރާއި 34 އަހަރާ ދެމެދު: 1،794 އަންހެނުން
- 35 އަހަރާއި 39 އަހަރާ ދެމެދު: 1،146 އަންހެނުން
- 40 އަހަރާއި 44 އަހަރާ ދެމެދު: 274 އަންހެނުން
- 45 އަހަރާޢި 49 އަހަރާ ދެމެދު: 11 އަންހެނުން
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރު 193 ދިވެހީން ވިހައިފައި ވަނީ ގައުމުން ބޭރުގައެވެ. އަދި 3،927 ކުދިން ވިހައިފައިވަނީ މާލޭގައި ކަމަށްވާއިރު، އަތޮޅު ތެރޭގައި ވިހައިފައިވަނީ 1،698 ކުދިންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ލިބިފައިވާ ދަރީން ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.

މިދިޔަ އަހަރު އަންހެނުން ދަރިން ހޯދި އުމުރުފުރާތައް --
ރާއްޖޭގައި ދޮށީ އުމުރުގައި އަންހެނުން ދަރިން ހޯދުން ވަނީ ފަހުގެ އަހަރުތަކުގައި އިތުރުވެފައެވެ. އަދި ދަރިން ހޯދާ މިންވަރު ދަށްވަމުންް އަންނަ ކަމަށް ވެސް ތަފާސްހިސާބުން ދައްކައެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން މީގެ ކުރިން ނެރެފައިވާ 'މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022-2062'ގައިވާ ގޮތުން އަންހެނުން ކުދިން ހޯދާ އަދަދު 2022ގައި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މުސްތަގުބަލުގައި އެ އަދަދު އިތުރަށް ދަށްވެ، 2062 ވަނަ އަހަރު އެވަރެޖުކޮށް އަންހެނަކު ހޯދާނީ 1.5 ކުދިން ކަމަށް އެ ރިޕޯޓުގައިވެއެވެ.