ދޯންޏެއް އަޑިއަށްދާތީ ސަލާމަތްކުރަން އުޅުނު ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްގެން ހޯދަނީ

ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ހިއްސާކުރި ސަރަހައްދުގެ ފޮޓޯ: ތިން މީހަކު ވަނީ ގެއްލިފައި... ފޮޓޯ/ އެމްއެންޑީއެފް

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާތީ، އެ އުޅަނދު ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.

"ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ދިޔައީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ.

ނަމަވެސް، ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.

"މި ހާދިސާ ހިނގިއިރު ދޯނީގައި ތިބީ އަށް މީހަކު، އެ އެންމެންގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތްކޮށްފައި، ގެއްލިފައިވާ ތިން މީހުންގެ ތެރޭގައި ހިމެނެނީ ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލެއް" މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުންޏެވެ.

ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ކަނޑާއި ވައިގެ މަގުން މިހާރު ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބޮޑެތި ރާޅުތައް އަރައި ދޯނި ދިޔަވަމުން ދިއުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކުރިއަށްދާ ކަމަށް ސިފައިން ވަނީ ބުނެފައެވެ.

https://sun.mv/225453

ފަހަކަށް އައިސް މިފަދަ ނުރައްކާތެރިހާދިސާތައް އިތުރުވަމުން އަންނަ އިރު، ފާދިފަހުން ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ގާފަރު ކައިރިއަށް އަޑިއަށް ދިޔަހާދިސާގައި ވެސް ދެ މީހަކު ވަނީ ގެއްލިފައިއެވެ. އެ ދެމީހުން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ކަނޑުމަތީގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެ، ފުރާނައާއި މުދާ ސަލާމަތްކުރުމަށްޓަކައި ދަތުރު ފެށުމުގެ ކުރިންނާއި ދަތުރުމަތީގައި ޚާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ދަތުރު ފެށުމުގެ ކުރިން މޫސުމީ ރިޕޯޓުތައް ބަލައި، އުޅަނދުގައި ހުންނަންޖެހޭ ލައިފް ޖެކެޓާއި އަލިފާން ނިއްވާ ވަސީލަތްތައް ހަމައަށް ހުރިތޯއާއި، އެ ތަކެތި ހުރީ ފަސޭހައިން އަތުޖެހޭނެ ތަނެއްގައިތޯ ކަށަވަރުކުރަންޖެހެއެވެ.

މީގެ އިތުރުން މުވާސަލާތީ ނިޒާމުތައް ރަނގަޅަށް މަސައްކަތްކުރާކަން ޔަގީންކުރުމާއެކު، އިންޖީނާއި ފެން ހިއްކާ ޕަންޕު ފަދަ ތަކެތީގެ ހާލަތު ބަލައި، ދަތުރަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ތެލާއި ފެން ހުރިތޯ ބަލަންވާނެއެވެ.

ދަތުރުމަތީގައި މޫސުން ގޯސްވާނަމަ ލައިފް ޖެކެޓު އެޅުމަށް އިސްކަންދިނުމާއި، އުޅަނދަށް ހުއްދަދީފައިވާ މިންވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަކީ މުހިންމު ކަމެކެވެ. އަދި ދަތުރު ފެށުމުގެ ކުރިން ދާ މަންޒިލާއި ލަފާކުރާ ވަގުތު އާއިލާއަށް ނުވަތަ ކޯސްޓްގާޑަށް އަންގައި، މައުލޫމާތު ހިއްސާކުރުމަކީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ހޯދުމަށް މަގުފަހިވާނެ ކަމެކެވެ.

comment ކޮމެންޓް