ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވާތީ، އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައި އެކަން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ، އެ މީހާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އަންގާ ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ ތ. މަޑިފުށި، ޝިހާމާ މަންޒިލް، އުމުރުން 39 އަހަރުގެ ޢަލީ ޝާފިޢުއެވެ. އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް، މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަސް 2:00 އަށެވެ.
ފާހަގަކުރެވޭގޮތުގައި ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަކީ އިޖުތިމާއީ، އިގުތިސާދީ އަދި ސިއްހީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
މި މައްސަލަ އިތުރުވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ހުރި ދަތިތަކާއި، ޒުވާނުންނަށް ވަޒީފާއާއި މުނިފޫހިފިލުވުމުގެ ފުރުސަތުތައް މަދުވުމާއި، ގޭންގުތަކުން ހިންގާ ވިޔަފާރިތަކުގެ ތެރެއަށް ކުދިން ވެއްދުމުގެ އިތުރުން އެކަށީގެންވާ ފަރުވާއާއި ރީހެބިލިޓޭޝަންގެ ނިޒާމެއް ނެތުން ފަދަ ކަންކަން ހިމެނެއެވެ.
މިކަމުގެ ސަބަބުން ވައްކަމާއި ފޭރުން ފަދަ ކުށްތައް އިތުރުވެ އިގުތިސާދަށްވެސް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓް ކޮމާންޑުން ދަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުމާއި ވިއްކުން ހުއްޓުވުމަށާއި، ބޮޑެތި ނެޓްވޯކްތައް އަތުލައިގަތުމަށް ގިނަގުނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމާއި ފަރުވާގެ ނިޒާމަށް މަގުފަހިކޮށްދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށްގެންދާއިރު، މި މަސައްކަތްތައް ކާމިޔާބު ކުރުމަށް މުޖުތަމައުގެ އެއްބާރުލުން މުހިންމު ކަމަށް ފުލުހުން ފާހަގަކުރެއެވެ.