ލޭންޑިން ކްރާފްޓް އަޑިއަށް ދިޔުން: ގެއްލުނު ދެ ބިދޭސީން ހޯދަން 2،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި

ލޭންޑިން ކްރާފްޓު ބަންޑުން ޖަހައިލައިފައި އޮތް ސަރަހައްދު: އެމްއެންޑީއެފުން ވަނީ ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފައި --- ފޮޓޯ: އެމްއެންޑީއެފް

މިދިޔަ ހުކުރު ދުވަހު ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ދިޔަވެ، އެ އަތޮޅުގެ ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމަށް ޓަކައި ކަނޑާއި ވައިގެ މަގުން 2،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފުން އިއްޔެ ހެނދުނު ބުނީ، ގެއްލުނު ދެ މީހުން ހޯދަން ކޯސްޓުގާޑުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގެއްލިފައި ވަނީ އިންޑިއާގެ ދެ މީހުންނެވެ.

ރޭ އެމްއެންޑީއެފުން ބުނީ، އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރުމުގެ އިތުރުން، ދެ މީހުން ހޯދުމަށް ޓަކައި ކަނޑާއި ވައިގެ ބޮޑު ސަރަހައްދެއް ވެސް އިއްޔެ ބަލައިފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފްގެ ކޯސްޓުގާޑާއި އެއާ ކޯ އިން މިހާތަނަށް ކަނޑާއި ވައިގެ މަގުން 2،747 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށާއި، ލޭންޑިން ކްރާފްޓު އަޑިއަށް ދިޔަ ސަރަހައްދަށް ކޯސްޓުގާޑުގެ ޑައިވަރުން ފީނައި ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ މީހުން ހޯދުމަށް ޓަކައި ފާސްޓް އިންޓަސެޕްޓަ ކްރާފްޓާއި އެމްއެންޑީއެފުން އަލަށް ޚިދުމަތަށް ގެނައި އިމާދުއްދީން މަނަވަރު ވެސް ހަރަކާތްތެރިވަމުން އެބަ ދެއެވެ.

"މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވޭ،" އެމްއެންޑީއެފުން ބުންޏެވެ.

ޖުމްލަ 10 މީހުންނާއެކު ދަތުރުކުރި މި އުޅަނދު ހުކުރު ދުވަހު އަޑިއަށް ދިޔައިރު، އޭގައި ތިބީ ދެ ދިވެހީންނާއި އަށް ބިދޭސީންނެވެ. ފުލުހުން އެ ދުވަހު ބުނީ، ގެއްލިގެން ހޯދަމުން ދަނީ ދެ ބިދޭސިއަކު ކަމަށެވެ.

ސަލާމަތްވި އަށް މީހުން ވަނީ ހުކުރު ދުވަހު ގާފަރަށް ގެންގޮސްފައެވެ.

މި ހާދިސާ ހިނގާފައި ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވި ދުވަސްވަރެއްގައެވެ.

comment ކޮމެންޓް