ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ލަންކާއިން ފަސް މީހުން މަރުވެއްޖެ، ސްކޫލްތައްވެސް ބަންދު

ލަންކާއަށް މިދިޔަ އަހަރު ކުރިމަތިވި ތޫފާން 'ދިތްވާ' ގެ ސަބަބުން ފެންބޮޑުވެފައިވާ ސަަރަހައްދެއް. ފޮޓޯ/އޭޕީ

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފިއެވެ.

ފެންބޮޑުވެ ބިންގަޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް ވަނީ ފަސް މީހުން މަރުވެފައެވެ.

ފާއިތުވި ދެ ދުވަހު ބޯކޮށް ވާރޭވެހި ލަންކާގެ ގިނަ ރަށްރަށުގެ ގެދޮރާއި ދަނޑުބިންތަކާއި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ލަންކާގެ މެދުތެރޭގެ ފަރުބަދަމަތީ ސަރަހައްދުތަކަށް ކަމަށް ސަރުކާރުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ.

މިހާތަނަށް މެދުތެރޭ ސަރަހައްދުގެ ދެ ގެއެއްގައި ފެންބޮޑުވެ ފަސް މީހުން މަރުވެފައިވާއިރު، ތިން މީހަކު ޒަޚަމްވެ ދެ މީހަކު ގެއްލިފައިވާ ކަމަށް އެ ސެންޓަރުގެ ތަރުޖަމާނު ޕްރަދީޕް ކޮޑިއްޕިލީ ވިދާޅުވިއެވެ.

ލަންކާގައި ފެންބޮޑުވެފައި. ފޮޓޯ/އޭޕީ

ކޮޑިއްޕިލީ ވިދާޅުވީ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން 129 ގެއަކަށް ގެއްލުން ލިބިފައިވާކަމަށާއި ގާތްގަނޑަކަށް 2،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ފެންބޮޑުވެ ތާށިވެފައި ތިބި މީހުން ސަލާމަތްކޮށް ރައްކާތެރި ތަންތަނަށް ބަދަލުވުމަށް އެހީތެރިވުމަށް ނޭވީ އާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ލަންކާއަށް މިފަހުން ކުރިމަތިވި އެންމެ ވަރުގަދަ ތޫފާން 'ދިތްވާ' އެރީ މިދިޔަ ނޮވެމްބަރު މަހެވެ. އެ ތޫފާންގައި ގާތްގަނޑަކަށް 640 މީހުން މަރުވެ، ދެ މިލިއަން މީހުންނަށް އަސަރުކޮށް، ގާތްގަނޑަކަށް 4.1 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ. ގެއްލުންތަކުން އަރައިގަތުމަށް ލަންކާއިން އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެެވެ.

comment ކޮމެންޓް