އިއްޔެ ހެދީ, މިއަދު ކޮންނަނީ: ރާއްޖެ ކުރިއަރާނެ މަގެއް ނުފެންނަ ސަބަބު އަމީނީ މަގުން!

އަމީނީމަގުން އަލުން ހަދަން ޖެހުން: ރާއްޖެ ތަރައްގީ ނުވާ ސަބަބު އަމީނީމަގުން އެބަފެނޭ-- ސަން ގްރެފިކްސް: ސާލިމް

އަމީނީމަގަކީ ޒަމާނުއްސުރެ ދިވެހީންނަށް ޖޯކެކެވެ. މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު ވާރޭކޮޅެއް ވެހިލާއިރަށް އެ މަގެކޭ އޮއިދެމޭ ކޯރެކޭ އެއްފަދައެވެ. އެހެންވެ އެ ދުވަސްވަރު ސޯޝަލް މީޑިއާގައި އަމީނީމަގުން ފެރީއާއި ލޯންޗުފަހަރު ދުއްވާ ފޮޓޯތައް ލައި، މީހުން ދިޔައީ އެކަން ބޮޑު ސަކަރާތަކަށް ހަދަމުންނެވެ. އެންމެފަހުން މި މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެށީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. އެ މަސައްކަތް އެއްކޮށް ނިންމީ މި ވެރިކަމުގައެވެ. ނަމަވެސް އަނެއްކާވެސް މި އޮތީ އެ ކުރި މަސައްކަތް އަލުން ކުރަން ޖެހިފައެވެ. މި މަޝްރޫޢަކީ ރާއްޖެއަށް އަނެއްކާވެސް ލައްކަ އިބުރަތް ކިޔައިދޭ ވާހަކައެކެވެ.

ދައުލަތުގެ ބަޖެޓުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މާލޭގެ އަމީނީމަގު އަލުން ތަރައްޤީކޮށް ނިންމިތާ ދެ އަހަރު ނުވަނީސް، އެ މަގު އަނެއްކާވެސް ކޮނެ، ބަރު އުޅަނދު ބޭނުންކޮށްގެން މަރާމާތުކުރަން މި ހަފުތާގައި ވަނީ ފަށައިފައެވެ. ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާރު ވަނީ އަމީނީމަގުގެ ހުޅަނގުކޮޅު އަލުން ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައެވެ. ޖޫން 15، 2026 ގައި އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ، ދަރުމަވަންތަ ހޮސްޕިޓަލާއި ހާބަރު ފުޑްކޯޓު ސަރަޙައްދު ހިމެނޭހެން އޮތް މި މުހިންމު ސަރަޙައްދުގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެ، އަޑިގުޑަންވުމާ ގުޅިގެންނެވެ.

އަމީނީމަގު ހެދުމުގެ މަޝްރޫއު 2023 ގައި ފެށުން-- ފޮޓޯ: އާރުޑީސީ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ޖުލައި 2022 ގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ފެށި މި މަޝްރޫޢުގެ ބޮޑު ބައެއް ނިންމީ 2023 ގެ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، އެންމެ 36 ދުވަހުގެ ތެރޭގައި މަގުގެ ފަހު ދެ ސެގްމަންޓް ވަނީ ނިންމައިފައެވެ. ނަމަވެސް، ދެ ސަރުކާރުން ހެދި ސަރަޙައްދުތަކަށް ވެސް ފަހުން މައްސަލަ ދިމާވިއެވެ. ތާރުގަނޑު ހަލާކުވެ، މަގުގެ އެކި ހިސާބުތަކުގައި "މުލިހިތަކެއް" ނަގަން ފެށިއެވެ. ބޮޑެތި ވަޅުގަނޑުތައް ހެދި އެ މަގު ބޭނުންކުރަން ދަތިވާ ހިސާބަށް ކަންކަން ދިޔައީއެވެ.

ޞާލިޙުގެ ސަރުކާރުން ހެދި ބަޔަށް ބަލާއިރު މި މައްސަލަ ބޮޑަށް ދިމާވީ އިސްކަންދަރު ބިލްޑިން ސަރަޙައްދުގައެވެ. މަގުގެ ތާރުގަނޑު އަޑިގުޑަންގަނޑަކަށް ފަހުން ބަދަލުވީއެވެ. މި ސަރުކާރުން ހެދި ބަޔަކަށް ބަލާއިރު ފަހު ދެ ސެގްމެންޓްގެ ޙާލަތު ވަރަށް ގޯހެވެ. ހެދި މަގު، ކުރު މުއްދަތެއްގެ ތެރޭގައި އަލުން ހަދަން ޖެހުމަކީ ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގައި ހުރި ބޮޑެތި މައްސަލަތަކެއް ފާހަގަވާ ކަމެކެވެ.

މިހެން މިވީ ކީއްވެ؟ ގެއްލުމުގެ އަގު ބޮޑު

އަމީނީމަގުގެ ތާރުގަނޑު އެހާ އަވަހަށް ހަލާކުވެގެން ދިޔައީ އިންޖިނިއަރިންގެ ގޮތުން ހެދިފައިވާ ގޯސްތަކަކާއި، އެކަށީގެންނުވާ މެޝިނަރީ ބޭނުންކުރުމުގެ ސަބަބުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެމްޓީސީސީން ދާދިފަހުން ނެގި ކޯ-ކަޓިން ޓެސްޓުތަކުން ދައްކާ ގޮތުގައި، ތާރުގަނޑުގެ އަޑީގައި އޮންނަ ސަބް-ބޭސް ފަށަލަ އޮތީ ރަނގަޅަށް ކޮމްޕެކްޓްކޮށްފައެއް ނޫނެވެ. އަޑީ ފަށަލަ ވަރުގަދަނުވުމުގެ ސަބަބުން، ބަރު އުޅަނދުތައް ދުއްވުމުން ތާރުގަނޑު ގުޑައި، ކަނޑައިގެން ދިޔައީއެވެ.

https://www.sun.mv/212809

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި، އާރްޑީސީން ފުރަތަމަ ތާރު އެޅުމުގެ މަސައްކަތް ކުރީ މެނުއަލް މެޝިންތަކެއް ބޭނުންކޮށްގެން، ތަޖުރިބާ މަދު މަސައްކަތްތެރިންނާއެކުގައެވެ. މީގެ ސަބަބުން ތާރުގަނޑުގެ ބޯމިން އެއްވަރުނުވެ، ފެން ވަންނަން މަގުފަހިވިއެވެ. މީގެ އިތުރުން، އަމީނީމަގުގެ ހުޅަނގުކޮޅަކީ ޢާންމު ދަތުރުފަތުރުގެ ބޮޑެތި ބަސްތައް ދުއްވާ މައި މަގެއް ކަމަށް ވިޔަސް، މަގު ފަރުމާކުރުމުގައި ބަސްތަކުގެ އެކްސެލް ލޯޑަށް ރިޢާޔަތްކޮށްފައެއް ނުވެއެވެ. ބަސް ހުއްޓިފައި ނައްޓައިލާއިރު އުފެދޭ ބާރުގެ ސަބަބުން ތާރުގަނޑު ވަނީ އެއްކޮށް ހަލާކުވެފައެވެ.

ބޮޑު މަގެއް ދެ އަހަރު ނުވަނީސް އަލުން ހަދަން ޖެހުމަކީ ދައުލަތުގެ މާލިއްޔަތަށާއި ޢާންމު ވިޔަފާރިތަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އެގޮތުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމާފައިވާ މަޝްރޫޢެއް އަލުން މަރާމާތުކުރުމަށް ޓަކައި، ކޮންޓްރެކްޓަރުން މޮބިލައިޒްކުރުމަށާއި، އާ ތާރު އެޅުމަށާއި، މެޝިނަރީއަށް ދައުލަތުން އިތުރު ޚަރަދުތަކެއް ކުރަން ވަނީ ޖެހިފައެވެ. މިއީ ސިއްހީ ދާއިރާއަށް ނުވަތަ ބޯހިޔާވަހިކަމަށް ޚަރަދުކުރެވެން އޮތް ފައިސާއެވެ. އެކަމަކު މި ޖެހެނީ ކުރި ކަންތައް ދެވަނަ ފަހަރަށް ކުރަން އެ ޚަރަދު ކުރާށެވެ.

މީގެ އިތުރުން، އަމީނީމަގަކީ ގިނަ ޢަދަދެއްގެ ފިހާރަތަކާއި ކެފޭތައް ހުންނަ މަގަކަށް ވާއިރު، މަގު ބަންދުކުރުމުގެ ސަބަބުން އެ ވިޔަފާރިތަކަށް ލިބޭ އާމްދަނީ އަނެއްކާ ވެސް ދަށްވާނެއެވެ. އަދި މަގު ގޯސްވުމުގެ ސަބަބުން ޢާންމުން ދުއްވާ ސައިކަލުތަކާއި ޓެކްސީތަކުގެ ޝޮކްއެބްޒޯބަރު ހަލާކުވެ، ޓައިރު ފަޅައިގެން ގޮސް، އުޅަނދު މަރާމާތުކުރުމަށް ޢާންމުން އަތުން ބޮޑު ހޭދައެއް ކުރަން ވަނީ ޖެހިފައެވެ. މިއީ އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމެވެ.

މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ޢިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އަމީނީމަގު ބަންދުކުރުމާ ގުޅިގެން މާލޭގެ ޓްރެފިކަށް ވަނީ އަނެއްކާ ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ކުއްލި ފަރުވާއަށް ބަލިމީހުން ގެންދާ އެމްބިއުލާންސްތަކަށް ދިމާވާ ދަތިތަކެވެ. މަގު ބަންދުވުމުން ހަނި ގޯޅިތަކުން އެމްބިއުލާންސް ދުއްވަން ޖެހުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. މީގެ އިތުރުން، ޢާންމު ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ބުރޫއަރައިފައެވެ. އެތައް ހާސް ބަޔަކު ދިރިއުޅޭ ވިލިމާލެ ފެރީ ޓާމިނަލް ބޭނުންކުރަން އަނެއްކާ ވެސް މިވަނީ ދަތިވެފައެވެ.

އަމީނީ މަގުގައި މުލިހިތަކެއްހެން ތާރުގަނޑު އުފުލިފައި -- ސަން ފޮޓޯ

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، އާރްޓީއެލްގެ ރޫޓު 10 (އޯކިޑް ރޫޓު) ގެ ބަސްތައް މިހާރު ސޯޝަލް ސެންޓަރާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ނުހުއްޓާނެއެވެ. ރޫޓު 11 ގެ ދަތުރުތައް ވަނީ ވަގުތީގޮތުން މެދުކަނޑައިލައިފައެވެ. އަދި ރޫޓު އެކެއް، ތިނެއް، ހަތެއް އަދި 15 ގެ ދަތުރުތައް ނިންމައިލާނީ މާފަންނު ބަސް ޓާމިނަލަށެވެ. މީގެ ސަބަބުން ސްކޫލް ކުދިންނާއި ވަޒީފާއަށް ދާ މީހުންގެ ދަތުރުތަކަށް ވަގުތު އިތުރުވެ، ތަކުލީފުތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މަގު ބަންދުކުރުމުގެ ކުރިންވެސް، ތާރުގަނޑު އުފުލިފައި އޮތުމުގެ ސަބަބުން ރޭގަނޑު ދުއްވާ ސައިކަލުތައް ކައްސައިލައި، ނުރައްކާތެރި ޙާދިސާތައް ހިނގާފައިވާ ކަމަށް މަންޒަރު ދުށް މީހުންނާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޙައްލަކީ ކޮބާ؟

އަމީނީމަގުގެ ޙާލަތުން ފެންނަނީ އިންޖިނިއަރިންގެ މިންގަނޑުތަކަށްވުރެ ސިޔާސީ މަޤުސަދުތައް އިސްކުރުމުން ނުކުންނަ ހިތި ނަތީޖާއެވެ. އިންތިޚާބުތަކާ ދިމާކޮށް މަޝްރޫޢުތައް އަވަސްކުރުމަކީ ރާއްޖޭގައި ޢާންމު ކަމެކެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކުރިން މަގުގެ ފުރަތަމަ ބައިތައް ނިންމަން އޭރުގެ ސަރުކާރުން އަވަސްއަރުވައިލިއިރު، އާ ސަރުކާރުން ވަނީ "މުޢިއްޒު ސްޕީޑް" ގައި 36 ދުވަހުގެ ތެރޭގައި ފަހު ދެ ސެގްމަންޓް ނިންމައިފައެވެ. ދިގު މުއްދަތުގެ ފެންވަރަށްވުރެ، އަވަހަށް ރިބަން ކެނޑުމަށް ސިޔާސީ ފަރާތްތަކުން އިސްކަންދެއެވެ.

މިއީ ދައުލަތަށާއި ޢާންމުންނަށް ވަރަށް ބޮޑު ގެއްލުމަކާއި ތަކުލީފުތަކަކާ ކުރިމަތިވި މަޝްރޫއެކެވެ. މި މަޝްރޫއު ފެއިލްވުމުން، ކޮންޓްރެކްޓަރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި ފެންނަނީ ސިޔާސީ ފަރާތްތަކުން އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރާ މަންޒަރެވެ. މިހާރުގެ ސަރުކާރުން ކުރީ ސަރުކާރުގެ ޕްލޭނިން ގޯސްކަމަށް ބުނާއިރު، ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެންމެ ބޮޑަށް ހަލާކުވެފައިވަނީ މި ސަރުކާރުން ހެދި ސަރަޙައްދުތައް ކަމަށެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު މާވީ

ދައުލަތުގެ ފައިސާ އިސްރާފުވުން ހުއްޓުވައި، ޢުމްރާނީ މަޝްރޫޢުތަކުގެ ފެންވަރު ހިފެހެއްޓުމަށް ޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ފުރަތަމަ ކަމަކަށް، މަގު ހުޅުވުމުގެ ކުރިން ސަބް-ބޭސްގެ ޑެންސިޓީއާއި ތާރުގެ ފެންވަރު ޗެކްކުރުމަށް މިނިވަން ތާޑް-ޕާޓީ އިންޖިނިއަރިންގ ކޮންސަލްޓަންޓުން ލައްވައި ފާސްކުރުން ލާޒިމުކުރަން ޖެހެއެވެ.

ދެވަނަ ކަމަކަށް، ކޮންޓްރެކްޓަރުންގެ މައްޗަށް ތިން އަހަރު ނުވަތަ ފަސް އަހަރުގެ ޑިފެކްޓް ލައިބިލިޓީ ޕީރިއަޑެއް (މައްސަލަ ޙައްލުކޮށްދޭންޖެހޭ މުއްދަތެއް) ކަނޑައަޅައި، އެ މުއްދަތުގައި މަގު ހަލާކުވެއްޖެނަމަ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގައި މަރާމާތުކުރަން ޖެހޭ ގޮތަށް ޤަވާއިދުތައް ހަރުކަށިކުރަން ޖެހެއެވެ. އަދި ބަސް ދުއްވާ މަގުތައް ފަރުމާކުރުމުގައި ޑައިނަމިކް ލޯޑަށް ރިޢާޔަތްކޮށް، ޕޮލިމާ މޮޑިފައިޑް ބިޓުމެން ނުވަތަ ކޮންކްރީޓް ބޭނުންކުރުން މުހިންމެވެ.

އެންމެ މުހިންމު ކަމަކީ، އިންތިޚާބުތަކާ ގުޅުވައިގެން މަޝްރޫޢުތަކުގެ ޓައިމްލައިން ކަނޑައެޅުމުގެ ބަދަލުގައި، އިންޖިނިއަރިންގެ މިންގަނޑުތަކަށް ފުރިހަމައަށް ވަގުތު ދިނުމެވެ. މި ބަދަލުތައް ނުގެނެސްފިނަމަ، އަމީނީމަގުން ފެނުނު ފަދައިން، ދައުލަތުގެ އެތައް މިލިއަން ރުފިޔާއެއް ތަކުރާރުކޮށް އިސްރާފުވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖެ ތަރައްޤީވާންޖެހޭ ވަރަށް ނުވެ އޮތް އަސްލު ސަބަބަކީ މިއީއެވެ. ރަނގަޅު ޕްލޭނެއް، ހަރުދަނާ އުޞޫލެއް ނެތި ކަންކަން ކުރުމެވެ. އަމީނީމަގުން މި ފެންނަނީ އެކަމުގެ ހެއްކެވެ.

comment ކޮމެންޓް