ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް އިތުރު ދެ އެއާ ސާވިސް އެގްރީމެންޓް ނުވަތަ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވައި، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ އުންމީދަކީ އަދި މިހާރު މަސައްކަތް ކުރަމުންދާ އަމާޒަކީ އެއާ ސާވިސް އެގްރީމެންޓުތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ޓްރެފިކް ރައިޓްސްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުންކަމަށެވެ.
ވަޒީރު ވިދާޅުވީ މި އެއްބަސްވުމުގެ މަސައްކަތް މީގެ ކުރިން ވެސް ކުރެވުނު ކަމަށާއި ނަމަވެސް އެކި ސަބަބުތަކާ ހުރެ މިކަން ނުކުރެވި އޮތީކަމަށެވެ. އެހެން ނަމަވެސް، މިހާރު މަސައްކަތް ކުރަމުންދަނީ އެކަންކަން ހާސިލުކުރުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް އިތުރު ދެ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވެފައިވާއިރު، ރާއްޖެއިން ދާދިފަހުން ވަނީ އިތިއޯޕިޔާއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ އެފްރިކާ ބައްރުގެ ގައުމަކާއެކު ރާއްޖެއިން މިފަދަ އެއްބަސްވުމެއް އެކުލަވާލި ހަ ވަނަ ފަހަރެވެ.
މި އެއްބަސްވުމުގެ ދަށުން އިތިއޯޕިޔާގެ އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮސްޓްރޭލިއާއާއެކު ވެސް ސީދާ ދަތުރުތައް ފެށުމަށް އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ގައުމީ އެއާލައިން މޯލްޑިވިއަނުން މިހާރު ދަނީ އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ކުރަމުންނެވެ.
އެއާ ސާވިސް އެގްރީމެންޓް ނުވަތަ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމަކީ، ދެ ގައުމެއްގެ ދެމެދުގައި ނުވަތަ ބައެއް ފަހަރު އެއަށްވުރެ ގިނަ ގައުމުތަކުގެ މެދުގައި ވިޔަފާރި އުސޫލުން ފްލައިޓުތައް ދަތުރު ކުރުމުގެ އުސޫލުތައް ކަނޑައަޅާ އެއްބަސްވުމެކެވެ.
ދިވެހިރާއްޖެ ފަދަ ގައުމަކަށް މިފަދަ އެއްބަސްވުންތަކަކީ ވަރަށް މުހިންމު އެއްބަސްވުންތަކެއްކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައިއެވެ. ސަބަބެއްގެ ގޮތުގައި ވަޒީރު ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮޑަށް ބިނާވެފައިވަނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ މައްޗަށް ކަމަށްވާތީއެވެ.
މިފަދަ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ދަތުރުކުރެވޭނީ ބޭރުގެ ކޮން އެއާލައިންތަކަކަށް ކަމާއި، ލިބެން ހުންނާނީ ކިތައް ސީޓު ކަމާއި އަދި ދަތުރު ކުރެވޭނީ ކޮން މާކެޓުތަކަކަށްކަން މި އެއްބަސްވުމުން ކަނޑައެޅޭކަމަށް ވަޒޯރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ މިކަންކަން ހާސިލުކުރެވޭތޯ، އެއީ ރާއްޖެއަށް މިހާރު މި އަންނަ ޑެސްޓިނޭޝަންތަކުގެ ބޭރުން އިތުރު ޑެސްޓިނޭޝަންތަކުން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ،" ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުގައި ވަޒީރު ވިދާޅުވެފައިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
އެހެންނަމަވެސް މިއީ ބޮޑެތި މަސައްކަތްތަކަކަށްވާތީ ވަގުތު ނަގާނެ ކަމަށާއި، އެހެންނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައިއެވެ. އަދި މާލަސްތަކެއްނުވެ މި އެއްބަސްވުންތަކުގެ ނަތީޖާ ފެންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.