މިދިޔަ ހަފުތާގައި ސްކޭމްތަކަށް ތިން ލައްކަ ރުފިޔާ ގެއްލުނުއިރު، ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހޯދައިދީފި

މީހަކު ފޯނެއް ހިފައިގެން: މިދިޔަ ހަފުތާގައި ސްކޭމްތަކުގައި ގެއްލުނު ލައްކައަކަށް ވުރެ ގިނަ ރުފިޔާ ފުލުހުން ވަނީ ހޯދާފައި ---- ފޮޓޯ/ ޕީއެސްއެމް

މިދިޔަ ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލުނުއިރު، އޭގެތެރެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ފުލުހުން އަނބުރާ ހޯދައިފިއެވެ.

ޒަމާނަށް އައި ބަދަލާއެކު، އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެ ފަދަ ކަންކަމަށް ހޭލުންތެރިވުމަށް ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގައި އެކަނި ވެސް ސްކޭމްގެ 42 މައްސަލަ ރިޕޯޓުކުރިއެވެ.

އެ މައްސަލަތަކުގައި ޖުމްލަ 334,549 ރުފިޔާގެ ގެއްލުނުއިރު، ފުލުހުންގެ އަވަސް މަސައްކަތުން އޭގެ ތެރެއިން 163,558 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. އެއީ ގެއްލުނު ފައިސާގެ 48.89 އިންސައްތައެވެ.

ފުލުހުން ބުނި ގޮތުގައި، މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

ސްކޭމްތަކަށް މީހުން ހޭލުންތެރިކުރުމަށް އެމްއެންޔޫއެސްޔޫން ހިންގި ހަރަކާތެއް -- ފޮޓޯ/ އެމްއެންޔޫއެސްޔޫ

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން 15 މައްސަލައެއް ހުށަހަޅާފައިރު، ދެވަނައަށް އެންމެ ގިނައީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. މިފަދަ 11 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ އަށް މައްސަލައަކާއި އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ތިން މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް ސްކޭމްގެ ހަ މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ނުފިތުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

comment ކޮމެންޓް