މިދިޔަ ހަފުތާގައި ވެސް ސްކޭމްގެ އެކި މައްސަލަތަކުގައި 450،000 ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި އެ ސެންޓަރަށް ހުށަހެޅި 39 މައްސަލައެއްގެ ތެރެއިން 457،776 ރުފިޔާ 96 ލާރި ގެއްލިފައިވެއެވެ. އޭގެ ތެރެއިން އަނބުރާ ހޯދުނީ 222،755 ރުފިޔާ 20 ލާރި ކަމަށް ވެސް އެ ތަފާސްހިސާބުގައިވެއެވެ.
މިއީ އެ ހަފުތާގައި ގެއްލުނު ފައިސާގެ 48.7 އިންސައްތައެވެ.
މި އޮގަސްޓު މަހުގެ ދެވަނަ ހަފުތާއާ އަޅާ ބަލާއިރު، ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި ސްކޭމްތައް މިދިޔަ ހަފުތާގައި އިތުރުވެފައިވާ ކަމަށް، އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މި މަހުގެ ދެވަނަ ހަފުތާގައި ފައިސާ މާރުކުރުމުގެ ނަމުގައި ސްކޭމް ހިންގިކަމުގެ އަށް މައްސަލައެއް ހުށަހެޅިއިރު، މިދިޔަ ހަފުތާގައި އެ އަދަދު 10އަށް ވަނީ އިތުރުވެފައެވެ.
މިދިޔަ ހަފުތާގައި ވެސް އެންމެ ގިނައިން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ހުށަހަޅައިފައިވަނީ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްތަކުގެ މައްސަލަތަކެވެ. އެގޮތުން އެ ހަފުތާގައި އެކަނި ވެސް އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްތަކުގެ 13 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި ޝަޚްސު އޮޅުވައިލުމުގެ ފަސް މައްސަލައަކާއި ރީފަންޑު ސްކޭމްގެ ހަތަރު މައްސަލައަކާއި އިންވެސްޓްމަންޓުގެ ނަމުގައި ހިންގި ސްކޭމްތަކުގެ ދެ މައްސަލައަކާއި އެހެނިހެން ފަސް މައްސަލައެއް ވެސް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ހުށަހަޅައިފައިވެއެވެ.
ސްކޭމް ކުރަން އާންމުކޮށް ބޭނުންކުރާ މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖިން އެޕްތަކާއި އައިބޭގެ އިތުރުން، ފިޝިން ލިންކްތަކާއި ފޭސްބުކް މާކެޓްޕްލޭސް ހިމެނެއެވެ.
ފުލުހުން އަންނަނީ ސްކޭމްތަކުން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމުންނެވެ.
އެގޮތުން، ކާކުކަން ނޭނގޭ ބަޔަކަށް ކުރިއާލާ ފައިސާ ނުފޮނުވައި، އޮންލައިންކޮށް ކުރާ މުއާމަލާތް ފުރިހަމަވުމުން ފައިސާ ދެއްކުމަށް އިރުޝާދު ދީފައިވެއެވެ. އަދި، ފައިސާ ބަދަލުކުރާނަމަ އަބަދުވެސް ރަސްމީ ބޭންކު ނުވަތަ ލައިސަންސް އޮތް އެކްސްޗޭންޖްތައް ބޭނުންކުރުމަށް ފުލުހުން އެދިފައިވެއެވެ.