އެހެން މީހެއްގެ ފާސް އަޅައިގެން އެއާޕޯޓަށް ވަންނަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: އެހެން މީހެއްގެ ފާސް އަޅައިގެން އެއާޕޯޓަށް ވަންނަން އުޅުނު އިންޑިއާ މީހަކު ބަންދުކޮށްފި -- ފޮޓޯ/ އެމްއޭސީއެލް

އެހެން މީހަކަށް ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަން އުޅުނު މީހަކު ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ސަންޖީވާ ރެއްޑީ ޔެލްމާ ނަމަކަށް ކިޔާ އިންޑިއާ މީހެކެވެ.

މީނާ ހައްޔަރުކޮށްފައި ވަނީ ހުއްދަނެތި ތަނަކަށް ވަންނަން އުޅުމުގެ ތުހުމަތުގައެވެ. އެގޮތުން އޭނާ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އެހެން މީހަކަށް ދޫކޮށްފައިވާ އެކްސެސް ކޮންޓްރޯލް ފާހެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީސްޓަން ފަޅީގެ ގޭޓު ނަމްބަރު 51 އިން ހުއްދަނެތި އެއާޕޯޓުތެރެއަށް ވަންނަށް އުޅުނު ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވުމުންނެވެ.

އެގޮތުން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ފުލުހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ރިޕޯޓާއި، ހާދިސާ ރިޕޯޓާއި، މައްސަލައިގައި ހެކިބަސް ދޭ އޭވިއޭޝަން ސެކިއުރިޓީ އޮފިސަރު ތަހުގީގަށް ދީފައިވާ ބަޔާންތައް ހިމެނެއެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ބޭނުންކުރި ފާސް ކަމަށް ބުނެ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ހިއްސާކޮށްފައިވާ ފާހުގެ ފޮޓޯއާއި ފާސް ދޫކުރެވިފައިވާ ފަރާތުގެ ޕާސްޕޯޓު ކޮޕީ އަދި ފާސް ދޫކޮށްފައިވާ ފަރާތަކީ ވޯކް ވިސާ ކެންސަލްކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން ވެސް ހެކީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ތުހުމަތުކުރެވޭ ފަރާތުގެ ޕާސްޕޯޓު ކޮޕީއާއި އެމްޕްލޮއީމެންޓް އެޕްރޫވަލް ލިޔުން ވެސް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވަނީ ހުށަހަޅާފައެވެ.

ނަމަވެސް އޭނާ ބޭނުންކުރި ފާހަކީ އޭނާގޭ ބޮސް އޭނާގެ އަތަށް ދިން ފާހެއް ކަމަށް، އޭނާ ކޯޓުގައި ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އިޖުރާތާ އެއްގޮތަށް ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

comment ކޮމެންޓް