މާލޭގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތަށް ސިފައިން މިއަދު ވެސް ނުކުމެއްޖެއެވެ.
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، އެމްއެންޑީއެފުން ދަނީ އެކި ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ފެން ހިންދުމަށް ޓަކައި މާފަންނު ވެސްޓް ޕާކާއި، ސަލްމާން މިސްކިތް ސަރަހައްދުގެ އިތުރުން ސްވިމިން ޓްރެކް ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުންނެވެ.
މި މަސައްކަތް ފަށާފައިވަނީ މެދުކެނޑުމެއް ނެތި ވާރޭވެހުމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވުމާ ގުޅިގެންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ވަނީ މާލެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައެވެ. އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
މާލޭގެ މަގުތަކުގައި ފަސޭހައިން ފެންބޮޑުވާ މައްސަލައަކީ އެތައް ޒަމާނެއް ވަންދެން ހައްލު ނުވެ އޮތް މައްސަލައެކެވެ. ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިކަން ދިމާވަނީ މާލޭގެ މަގުތަކުން ފެން ހިންދާ ކާނުތައް ބެދި، ފެން ހިންދާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުކުރެވި ގިނަ ދުވަސްވުމުންނެވެ. މީގެ އިތުރުން، ކޮންސްޓްރަކްޝަން ސައިޓުތަކުންނާއި ގޭބީސީތަކުން ކާނުތަކަށް ކުންޏާއި އެކި ބާވަތްތަކުގެ ތަކެތި އެޅުމުގެ ސަބަބުން ވެސް ފެން ހިންދާ ނިޒާމު ބެދޭ ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.